ރިޕޯޓް

އެންމެ އުތުރުގެ ރައްޔިތުން ސްޕީޑް ފެރީގައި، 4000 އިން 100 އަށް ކުޑަވި އަގާއެކު އިގުތިސޯދީ ބޮޑުބަދަލެއްގެ ފެށުން

މުހައްމަދު ޖަމްޝަތް ވަހީދު

1

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ އިންޓަގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯކް މަޝްރޫއުގެ ދަށުން ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާ ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރުޓީއެލް) ފެރީ އަކީ މުޅި ރާއްޖެ ދަތުރުފަތުރުގެ ނިޒާމަކުން ގުޅުވައިލުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވެވަޑައިގެންނެވި ވައުދުފުޅެކެވެ.

މި ފެރީ ނިޒާމުގެ މަގުސަދަކީ ރައްޔިތުންނަށް ފަސޭހަކަމާއެކު އެއްރަށުން އަނެއް ރަށަށް ދަތުރުކޮށް ހެލިފެލިވެ އުޅުމުގެ ފުރުސަތު ހުޅުވާލައި ދަތުރުފަތުރުގެ ނިޒާމަކުން ގުޅުވާލުމެވެ. ރައްޔިތުންގެ ޖީބަށް ލުއި ޕަބްލިކް ޓްރާންސްޕޯޓިން ނިޒާމެއް ގާއިމުކޮށްދިނުމަށް ސަރުކާރުން ފަށާފައިވާ ހައި ސްޕީޑް ފެރީގެ މަޝްރޫއު ކުރިއަށްގެންދަން ރާވަފައި ވަނީ ޖުމުލަ ތިން ފިޔަވައްސަކަށް ބަހާލައިގެންނެެވެ.

އާރުޓީއެލްގެ ފުރަތަމަ ފިޔަވަހީގެ ޒޯން އެކެއްގެ ދަށުން އެ ހިދުމަތް ފޯރުކޮށްދިނުމަށް ހަމަޖައްސާފައި ވަނީ ހއ، ހދ އަދި ށ އަތޮޅަށެވެ. ޕައިލެޓް މަޝްރޫއެއްގެ ގޮތަށް އެންމެ ފުރަތަމަ މި ހިދުމަތް ފަށާފައިވަނީ މިދިޔަ މެއި މަހުގައި ހދ އަތޮޅުގައެވެ. އެއަށްފަހު މިދިޔަ ޖުލައި މަސްތެރޭގައި ހއ އަތޮޅުގައި ވެސް މި ހިދުމަތް ފަށާފައިވާއިރު އިއްޔެ ށ އަތޮޅުގައި ހިދުމަތް ފަށައި އެމްޓީސީސީން ވަނީ ކަމިޔާބު ކަމާއެކު އެ ޒޯން އެއްކޮށް ހައިސްޕީޑް ދަތުރުފަތުގެ ނިޒާމުން ގުޅާލައިފައެވެ.

ބޭސްފަރުވާއަށާއި ވިޔާފަރި ބޭނުންތަކަށްވެސް ޒަމާނުއްސުރެ މި ތިން އަތޮޅުގެ ރަށްތަކުންވެސް ދަތުރުކޮށް އުޅޭ ކުޅުދުފުއްޓަށް މިހާރު ކޮންމެ ދުވަހަކު އަގު ހެޔޮކޮށް އަދި އެހާމެ އަރާމުގައި ތިބެ ދަތުރުކޮށްލެވުމަކީ އެ އަތޮޅުތަކުގެ ރައްޔިތުންނަށް ލިބިގެން ދާނެ ބޮޑު ހިތްހަމަޖެހުމެކެވެ. ކުރިން 4،000 ހާ ރުފިޔާއަށް ކުރަންޖެހޭ ދަތުރު މިއަދު 100 އެއްހާ ރުފިޔާއަށް ކޮށްލެވެއެވެ. އަތޮޅު ތެރޭގެ ކައިރި ރަށްތަކަށް 35ރ އަށް ދަތުރުކޮށްލެވެއެވެ. ހެނދުނު ފުރައިގެން ދާ މީހާ އަށް ހާސްކަމެއްނެތި އިރުއޮއްސެންވާއިރަށް އެނބުރި ރަށަށް އާދެވެއެވެ. މިއީ ރާއްޖޭގެ ދަތުރުފަތުރުގެ ނިޒާމަށް އައި އިންގިލާބީ ބަދަލެކެވެ.

ނިމިގެންދިޔަ އެމްޑީޕީ ކޮންގްރެސްގައި އާރްޓީއެލް ފެެރީ ހިދުމަތާ ބެހޭގޮތުން ވާހަކަދައްކަވަމުން ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވި ގޮތުގައި ހދ އަތޮޅާއި ހއ އަތޮޅުން އެންމެ ގިނަ މީހުން ދަތުރުކޮށް އުޅެނީ ހަނިމާދު އާއި ކުޅުދުފުއްޓަށެވެ. ފާއިތުވި ޖުލައި މަހުގެ ނިޔަލަށް އެ ދެ އަތޮޅުގެ 27 ރަށުން ޖުމަލަ 39،961 ފަރާތަކުން މި ހިދުމަތް ހޯދާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިއީ މީގެ ކުރިން ރާއްޖޭގައި އެއްރަށުން އަނެއް ރަށަށް މީހުން ދަތުރުކޮށް އުޅުމުގައި ނުފެންނަ ވަރުގެ މޫވްމެންޓެކެވެ. އަސްލަމް ވިދާޅުވި ގޮތުގައި ރާއްޖޭގެ އިގްތިސާދު ބިނާވެފައިވަނީ ވެސް މި މޫވްމެންޓަށެވެ.

"އިގްތިސާދު އަސްލު ބިނާވެފައިވަނީ މިޔަށް. ދަތުރުފަތުރު، އެއީ އިގްތިސާދުގެ މައިބަދަ. މިދާ ކޮންމެ ފަހަރަކީ އިގްތިސާދީ ގޮތުން ކޮންމެވެސް ކަމެއް ހިނގާނެ ފަހަރެއް. ކޮންމެވެސް ތާކުން އެއްޗެއް ގަންނާނެ، ކޮންމެވެސް ހިދުމަތެއް ލިބިގަންނާނެ، ކޮންމެވެސް ކަމެއް ކޮށްލާނެ. އެއީ އަސްލު އިގްތިސާދު ހިންގޭނެ ގޮތަކީ، އަޅުގަނޑުމެންނަށް އެ މޫވްމަންޓް ލިބުން" އަސްލަމް ވިދާޅުވިއެވެ.

އެމްޓީސީސީން އަންނަނީ ރާއްޖޭގައި މީހުން ދިރިއުޅޭ 188 ރަށަށް ހައި ސްޕީޑް ފެރީގެ ނިޒާމުގެ ހިދުމަތް ފުޅާކުރުމަށް މަސައްކަތް ކުރަމުންނެވެ. މި މަޝްރޫއާ ބެހޭގޮތުން އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވި ގޮތުގައި 800 މިލިއަން ރުފިޔާއަށް ވުރެ އަގުބޮޑު އާރުޓީއެލް މަޝްރޫއުގެ ދަށުން ގާއިމުކުރާ ދަތުރުފަތުރުގެ ނިޒާމުގައި އާންމުންނަށް ބޭނުންވާނެ ގިނަ ހިދުމަތްތައް ހިމަނާފައިވެ އެވެ.

އެގޮތުން މި ހިދުމަތުގައި ބޭނުންކުރާ ސްޕީޑް ފެރީތަކަކީ 50 މީހުންގެ ޖާގަ ހިމެނޭ ގޮތަށް ތައްޔާރުކޮށްފައިވާ ފެރީތަކެކެވެ. ފެރީތައް ފަރުމާކޮށްފައިވަނީ ދަތުރުވެރިންނަށް ހިތްފަސޭހަކަމާއެކު ދަތުރުކުރެވޭނެގޮތަށް އެއާކޯން ކޮށްފައެވެ. މި ސްޕީޑް ފެރީތަކުގެ ސީޓާއި ފަސިންޖަރުންގެ ކެބިން ފަރުމާކޮށްފައި ވަނީ މިފަދަ ދަތުރުތައް ކުރުމަށް އެންމެ އެކަށޭނެ ގޮތަށެވެ. މިއިން ކޮންމެ ސީޓެއްގައި މޯބައިލް ޗާޖު ކުރެވޭގޮތަށް ޔޫއެސްބީ އައުޓްލެޓެއް ހަރުކުރެވިފައި ހުރިއިރު، ފެރީގައި ފާހާނާ އާއި ލަގެޖު ބެހެއްޓޭނެ ޖާގަ ހާއްސަކޮށްފައި ހުރެއެވެ. އަދި އާރުޓީއެލްގެ ހިދުމަތް ހޯދާ ކޮންމެ ފަރާތަކަށް އެއް ލަގެޖުގެ އިތުރުން ކެރީއޮން ލަގެޖެއް ގެންދެވޭނެއެވެ.

މި ހިދުމަތަކީ މުޅިން އަލަށް ފެށި ހިދުމަތަކަށް ވުމުން ކޮންމެ އަތޮޅެއްގައި ވެސް ދަތުރުތައް ފަށާ ދުވަސްވަރު އެކަމަށް އަހުލުވެރިކުރުމުގެ ގޮތުން ހިލޭ ދަތުރުކުރެވޭނެ ގޮތް އެމްޓީސީސީން ވަނީ ހަމަޖައްސައިފަ އެވެ.

މި މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ އިތުރުން ދެވަނަ އަދި ތިންވަނަ ފިޔަވަހީގެ މަސައްކަތް ކުރަމުން އަންނަނީ ވެސް އެމްޓީސީސީންނެވެ. ދެވަނަ އަދި ތިންވަނަ ފިޔަވަހީގެ ދަށުން ޒޯން 2 (ނ، ރ، ބ އަދި ޅ) އާއި ޒޯން 3 (ކ، އއ، އދ އަދި ވ) އާއި ޒޯން 4 ( މ، ފ، ދ، ތ އަދި ލ) އާއި ޒޯން 5 (ގއ އަދި ގދ) ޒޯން 6 (ސ އަދި ޏ) ގައި ހިމެނޭ ރަށްތަކަށް ސްޕީޑް ފެރީގެ ހިދުމަތް ފޯރުކޮށްދިނުމަށް އެމްޓީސީސީއާ ވަނީ ހަވާލުކޮށްފައެވެ.

އާރުޓީއެލްގެ ފެރީ ދަތުރުތައް ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ފުޅާކުރުމުން ކައިރި ރަށްރަށަށާއި ދުރު ރަށްތަކުގެ އިތުރުން އެހެން ރީޖަންތަކަށް ވެސް އެ ފެރީތަކުގައި ދެވޭނެއެވެ. އެއާއެކު ރާއްޖޭގައި މީހުން ދިރިއުޅޭ 188 ރަށަށް ހައި ސްޕީޑް ފެރީގެ ނިޒާމުގެ ތެރެއިން ދަތުރުކުރެވޭނެއެވެ.