ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާއާ ގުޅިގެން ހއ. މޮޅަދޫ/ ބަހާރުގެ، އަބްދުﷲ އަލި މަނިކާއި ހއ. ހޯރަފުށި/ އަލަނާސިގެ، މުހައްމަދު ތަސްލީމާ ދެކޮޅަށް ދައުލަތުން ހުށަހަޅާފައިވާ ސިއްރު ހެކިންގެ ހެކިބަސް ސިއްރިއްޔާތުގައި ނެގޭނެ ގޮތް ހަމަނުޖެހިގެން، ހެކިބަސް ނުނަގައި މިއަދުގެ އަޑުއެހުން ނިންމާލައިފިއެވެ.

ސިއްރު ހެކިބަސް ނެގުމުގެ އިންތިޒާމު ހަމަޖެއްސުމަށް ކްރިމިނަލް ކޯޓުގެ އިދާރާއިން ގާތްގަނޑަކަށް ދޮޅު ގަޑިއިރު ހޭދަކުރުމަށްފަހު އެކަން ހަމަނުޖެހުމުން ޝަރީއަތުން ވަނީ މިއަދުގެ އަޑުއެހުން އެހެން ދުވަހަށް ފަސްކުރަން ނިންމައިފައެވެ.

ސިއްރު ހެކިންގެ ހެކިބަސް އާންމުކޮށް ނަގާނީ، އެހެން ތަނެއްގައި ބޭއްތިބުމަށްފަހު އެ މީހުން ދައްކާ ވާހަކައިގެ އަޑު ބަދަލުކޮށްގެން އޮންލައިންކޮށް ޝަރީއަތުގެ މަޖިލީހަށް އިވޭ ގޮތަށެވެ.

ތަސްލީމާއި އަލި މަނިކަކީ 6 މެއި 2021 ވަނަ ދުވަހުގެ ރޭ ސައިކަލެއްގައި ހަރުކޮށްފައިވާ އައިއީޑީއެއް ގޮއްވާލައިގެން ރައީސް ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާގެ މޭސްތިރިން ކަމަށް ބުނާ ދެ މީހުންނެވެ.

އޭގެ ތެރެއިން އަލި މަނިކަކީ 2007 ވަނަ އަހަރު ސަލާމަތީ ބާރުތަކާ ދެކޮޅަށް އއ. ހިމަންދޫގައި ހިންގި ހަރަކާތުގައި ބައިވެރިވި މީހެކެވެ. އެ މައްސަލައިގައި ދައުވާކޮށް 2008 ވަނަ އަހަރުގެ މެއި މަހުގެ 15 ވަނަ ދުވަހު އޭނާގެ މައްޗަށް ވަނީ ދިހަ އަހަރުގެ ޖަލު ހުކުމެއްވެސް އިއްވައިފައެވެ.

ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅިގެން ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ ދަށުން އަލި މަނިކާއި ތަސްލީމްގެ މައްޗަށް ދައުލަތުން ކޮށްފައި ވަނީ، ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރުމުގެ ކުށުގެ ދައުވާއެވެ.

މީގެ ކުރިން ޝަރީއަތަށް ވަނީ އަލި މަނިކާއި ތަސްލީމުގެ މައްޗަށް ފުލުހުންގެ އިންޓެލިޖެންސް ރިޕޯޓް ތައްޔާރުކުރުމުގައި އުޅުނު އޮފިސަރުންގެ ހެކިބަސް ނަގައިފަ އެވެ.

ހެކިބަސް ދެމުން އޮފިސަރު ބުނެފައިވަނީ 2020 ވަނަ އަހަރުގެ ކުރީކޮޅު ހުޅުމާލޭގައި ތިން ފަތުރުވެރިޔަކަށް ދިން ހަމަލާގެ ފަހަތުގައި ހުރީ އަބްދުﷲ އަލިމަނިކު ކަމަށާއި، އޭނާ އެ ކަން ކުރީ އޭނާގެ ދަރިން ދައުލަތަށް ނެގުމުން އެ ކަމުގެ ބަދަލު ހިފުމެއްގެ ގޮތުގައި ކަމަށެވެ.

މީގެ އިތުރުން ރައީސް ނަޝީދަށް ހަމަލާ ދޭން ގޮއްވާލި އައިއީޑީ ތައްޔާރުކުރަން ތަސްލީމްގެ "އެކްސްޕާޓް އޮޕީނިއަން" ހޯދި ކަމަށް ތަސްލީމާ ގުޅޭ ގޮތުން އިންޓެލިޖެންސް ރިޕޯޓް ތައްޔާރު ކުރި ފުލުސް އޮފިސަރު ބުނެފައިވެއެވެ. ތަސްލީމަކީ، އަމިއްލަ ކުންފުންޏެއްގެ އޮފީސްތެރޭގައި ބޮމެއް ހަދަން މަސައްކަތްކުރި މައްސަލައިގައި 2017 ވަނަ އަހަދު ހައްޔަރުކުރި މީހެކެވެ.