ދިރާގު ހައިސްޕީޑް ފައިބާ އިންޓަނެޓުގެ ހިދުމަތާއި ދިރާގު ޓީވީގެ ހިދުމަތް ހދ. ނޮޅިވަރަންފަރުގައި ރަސްމީކޮށް އިފުތިތާހުކޮށްފިއެވެ.

ދިރާގުން ފޯރުކޮށްދޭ ޑިޖިޓަލް ހިދުމަތްތައް ފުޅާކޮށް ތަރައްގީކުރުމުގެ ދަށުން އެ ދެ ހިދުމަތް ރަސްމީކޮށް އިފުތިތާހުކޮށްފައި ވަނީ ނޮޅިވަރަންފަރު ރައްޔިތުންނަށް ހާއްސަ އޮފާތަކަކާ އެއްކޮށެވެ. އެގޮތުން ދިރާގު ފައިބާ ބްރޯޑްބޭންޑް ޕެކޭޖަށް އެދޭ ކަސްޓަމަރުންނަށް ހިލޭ ފައިބާ ގުޅައިދިނުމުގެ އިތުރުން ފައިބާއަށް ބޭނުންވާ ހާއްސަ ރައުޓަރު ނުވަތަ އޯއެންޓީވެސް ހިލޭ ލިބޭނެއެވެ.

ދިރާގުން ބުނީ މި އޮފާ ކުރިއަށްދާ މުއްދަތުގައި ދިރާގު ޓީވީއަށް އެދޭ ކަސްޓަމަރުންނަށްވެސް ހިދުމަތް މުޅިން ހިލޭ ގުޅައިދިނުމުގެ އިތުރުން ޖޯއިބޮކްސް (ޑީކޯޑަރު)ވެސް މުޅިން ހިލޭ ލިބޭނެ ކަމަށެވެ. އަދި ނޮޅިވަރަންފަރުގެ ރައްޔިތުންނަށް މިހާރު އެންމެ މަގުބޫލު ޓީވީ އަދި މުނިފޫހިފިލުވުމުގެ ކޮންޓެންޓެއް ޕްލެޓްފޯމެއްގެ ދަށުން ބަލައިލެވޭނެ ކަމަށާއި އަލަށް އެ ހިދުމަތަށް އެޕްލައިކުރާ ކަސްޓަމަރުންގެ ތެރެއިން ނަސީބުވެރި ތިން ފަރާތަކަށް އެޗްޑީ ސްމާޓް ޓީވީއެއްވެސް ލިބޭނެ ކަމަށް ބުންޏެވެ.

ދިރާގު ފައިބާ ބްރޯޑްބޭންޑް ހިދުމަތަކީ ރާއްޖޭގައި މިހާރު ފޯރުކޮށްދެމުން އަންނަ އެންމެ ބޮޑު ފައިބާ ނެޓްވޯކެވެ. އެގޮތުން މިހާރު ރާއްޖޭގެ ގޭބިސީގެ 85 އިންސައްތައަށް އެ ހިދުމަތް ފޯރުކޮށްދީފައިވާ އިރު، މީގެ ތެރޭގައި 93 ރަށެއް ހިމެނެއެވެ. އަދި 100 އަށްވުރެ ގިނަ ޗެނަލް ހިމެނޭ ދިރާގު ޓީވީއަކީ ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި ފޯރުކޮށްދޭ އަދި އެންމެ ފުރަތަމަ އައިޕީޓީވީގެ ހިދުމަތެވެ.

ދިރާގުން ބުނީ އެކުންފުނިން އަބަދުވެސް މަސައްކަތްކުރަނީ ކަސްޓަމަރުންނަށް ދެވޭނެ ލުއިފަސޭހަގޮތްތައް ހޯދައިދިނުމަށް ކަމަށެވެ. އެގޮތުން އުފެއްދުންތެރިކަމާއި އެންމެ ފަހުގެ ޓެކްނޮލޮޖީ ބޭނުންކޮށްގެން ކަސްޓަމަރުންގެ ތަޖުރިބާ ރަނގަޅުކުރުމަށް އަބަދުވެސް މަސައްކަތް ކުރާނެ ކަމަށް ބުންޏެވެ.