އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ޗެލްސީން ކުޅުނު މެޗުގައި ސައުތުހެމްޓަން އަތުން ބަލިވެއްޖެއެވެ.

ސައުތުހެމްޓަންގެ ދަނޑުގައި ރޭ ކުޅުނު މެޗުގައި ޗެލްސީ ބަލިވީ 2-1 ގެ ނަތީޖާއަކުންނެވެ. އެ ބައްޔަކީ މިހާތަނަށް ސީޒަނުގައި ކުޅުނު ފަސް މެޗުގެ ތެރެއިން ޗެލްސީވި ދެވަނަ ބައްޔެވެ. ޗެލްސީން މިހާތަނަށް ފަސް މެޗު ކުޅުނު އިރު، އެޓީމަށް ލިބިފައި ވަނީ ހަތް ޕޮއިންޓެވެ. ޗެލްސީން ޓްރާންސްފާ މާކެޓުގައި އަދިވެސް ބުރަކޮށް މަސައްކަތް ކުރަމުން އަންނަ އިރު، ރޭގެ ނަތީޖާއާއެކު އެޓީމަށް އަދިވެސް ކުޅުންތެރިން ގެންނަން މަސައްކަތް ކުރާނެ ކަމަށް ވަނީ ބެލެވިފައެވެ.

ފަހަތުން އަރައި ރޭގެ މެޗުން މޮޅުވެ ސައުތުހެމްޓަން އޮތީ ތާވަލުގައި ޗެލްސީއަށްވުރެ ކުރިން ހަތްވަނައިގައެވެ. ސައުތުހެމްޓަންއަށްވެސް މިހާތަނަށް ކުޅުނު ފަސް މެޗުން ހަތް ޕޮއިންޓް ލިބިފައިވެއެވެ.

ރޭގެ މެޗަށްވެސް ޗެލްސީ ނުކުތީ އެޓީމުގެ އެންމެ މުހިއްމު މިޑްފީލްޑަރުން ކަމަށްވާ އެންގޯލޯ ކަންޓޭއާއި ކޮވަސިޗްވެސް ފުރަތަމަ 11 ގައި ނުހިމަނައެވެ. ކަންޓޭ އަދިވެސް އަނިޔާގައި ހުރި އިރު، އަނިޔާއިން ރަނގަޅުވެ ކުޅުމަށް ނުކުންނަން ތައްޔާރުވެފައި ހުރި ކޮވަސިޗް ވަނީ ރޭގެ މެޗުގެ ފަހު ހާފުގައި ކުޅެން ނުކުމެފައެވެ. އޭގެ އިތުރުން ރޭގެ މެޗުގައި އަނިޔާގެ ސަބަބުން ރީސް ޖޭމްސްވެސް ކުޅެފައެއް ނުވެއެވެ.

މެޗު ރަނގަޅަށް ފެށީ ޗެލްސީންނެވެ. ފުރަތަމަ ކޮޅުގައި ރަހީމް ސްޓާލިންގެ ގޯލަކުން އެޓީމު ލީޑު ނެގި ނަމަވެސް އޭގެ އިރުކޮޅެއްފަހުން ލިބުނު ކޯނަރެއްގެ އެހީގައި ސައުތުހެމްޓަން ނަތީޖާ ހަމަހަމަ ކުރިއެވެ. އެ ގޯލު ސައުތުހެމްޓަންއަށް ޖަހައިދިނީ ރޮމެއޯ ލާވިއާއެވެ. ކޯނަރުން ހުރަސްވެގެން ދިޔަ ބޯޅަ އޭރިއާ ރޮނގުމަތިން ކަހަލަ ގޮތަކަށް މަޑުކޮށްލައި، އޭނާ ވައްދާލީ ގޯލުގެ ކަނަށެވެ.

ސައުތުހެމްޓަންގެ އެ ގޯލާއެކު ޗެލްސީގެ ކުޅުން ގެއްލި މެޗު ކޮންޓްރޯލް ކުރީވެސް ސައުތުހެމްޓަންއިންނެވެ. އެޓީމުން ވަނީ ފުރަތަމަ ހާފުގައި ހަމަލާތައް އިތުރުކޮށް، ހާފުގެ ފަހު ކޮޅުގައި ލީޑުވެސް ނަގައިފައެވެ. ސައުތުހެމްޓަންއަށް މެޗުގައި ލީޑު ނަގައިދިނީ އެޑަމް އާމްސްޓްރޯންގެވެ. އެ ގޯލަކީ އާމްސްޓްރޯންގް މިދިޔަ އަހަރު ނޮވެންބަރު މަހަށްފަހު ޖެހި ފުރަތަމަ ގޯލެވެ.

ދެވަނަ ހާފަށް ނުކުމެވެސް ރަނގަޅަށް ކުޅުނީ ސައުތުހެމްޓަންއިންނެވެ. އެޓީމުން ޗެލްސީގެ މައްޗަށް ގަދަވެ އިތުރު ހަމަލާތައް އުފެއްދި އިރު، ޗެލްސީގެ ޑިފެންސް ލައިނުން ވަނީ ދެފަހަރަށް ގޯލު ރޮނގުމަތީގައި އޮތް ބޯޅަތަކެއްވެސް ސަލާމަތް ކޮށްފައެވެ. މެޗުގެ ފަހު ކޮޅުގައި ޗެލްސީން ކުރިއަށް ޖެހި ކުޅުނު ނަމަވެސް އެކަށީގެންވާ ފުރުސަތެއް ލިބިގފައެއް ނިވެއެވެ. އެންމެ ފާހަގަ ކޮށްލެވުނީ ކައި ހަވާޓްސް ބޮލުން ޖެހި ދެ ބޯޅައެކެވެ. އެ ދެ ހަމަލާވެސް ދިޔައީ ބޭކާރު ވެގެންނެވެ.

ރޭ ކުޅުނު ލީގުގެ އެހެން ބައެއް މެޗުތަކަށް ބަލާ އިރު، ފުލްހަމްއިން ވަނީ 2-1 އިން ބްރައިޓަން ބަލިކޮށްފައެވެ. ކްރިސްޓަލް ޕެލެސްއާއި ބްރެންޓްފޯޑު 1-1 އިން އެއްވަރުވި އިރު، ލީޑްސްއާއި އެވަޓަންގެ މެޗުވެސް ނިމުނީ 1-1 އިން އެއްވަރު ވެގެންނެވެ.