ފެނަކަ ކޯޕަރޭޝަނުން ދ. ކުޑަހުވަދޫގައި 1،200 ކިލޯވޮޓުގެ އާ ޖަނަރޭޓަރެއް ބަހައްޓައިފިއެވެ.

ފެނަކައިން ރޭ ބުނީ، ކުޑަހުވަދޫއަށް ދެމުން އަންނަ ކަރަންޓުގެ ހިދުމަތް ރަނގަޅުކުރުމަށް އެ ކުންފުނިން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން އެރަށުގެ އިންޖީނު ގޭގައި އާ ޖަނަރޭޓަރު ސެޓެއް އިންސްޓޯލްކޮށްފައިވާ ކަމަށެވެ.

ކުޑަހުވަދޫގައި 1،200 ކިލޯވޮޓުގެ ޖަނަރޭޓަރު ސެޓެއްގެ އިތުރުން ޖަނަރޭޓާ ސިންކްރޮނައިޒިން ޕެނަލެއް ވެސް އިންސްޓޯލް ކޮށްފައިވާކަމަށް ފެނަކައިން ބުންޏެވެ.

ފެނަކައިން ބުނީ، ކުޑަހުވަދޫގެ ވޯލްޓޭޖް ޑްރޮޕް މައްސަލަ ހައްލު ކުރުމަށް އެލްވީ އަދި އެޗްވީ ނެޓްވޯކް އަޕްގްރޭޑް ކުރުމުގެ މަސައްކަތް ވެސް މިހާރު ނިމިފައިވާ ކަމަށެވެ.

އެގޮތުން 3،407 މީޓަރު ކޭބަލް ވަޅުލެވިފައިވާއިރު ހަތަރު ޓްރާންސްފޯމާ އާއި ފަސް ރިންގް މެއިން ޔުނިޓް ބެހެއްޓިފައިވާ ކަމަށް ފެނަކައިން ބުންޏެވެ. އަދި 25 ޑިސްޓްރިބިއުޝަން ފޮށި ބަދަލު ކުރެވިފައިވާ ކަމަށް ވެސް ބުނެފައިވެއެވެ.