ދިވެހި ޕްރިމިއާ ލީގު

ސަސް ރެލިގޭޝަނުން ސަލާމަތްވެއްޖެ، ދަ ގްރާންޑޭ ދެވަނަ ޑިވިޝަނަށް

ދިވެހި ޕްރިމިއާ ލީގުގެ ކޮލިފިކޭޝަންގައި މިރޭ ކުޅުނު މެޗުގައި ދަ ގްރާންޑޭ ބަލިކޮށް، ސުޕަ ޔުނައިޓެޑް ސްޕޯޓްސް ކްލަބު (ސަސް) އިން ރެލިގޭޝަނުން ސަލާމަތްވެއްޖެއެވެ.

ގައުމީ ދަނޑުގައި މިރޭ ކުޅުނު މެޗު ސަސްއިން ކާމިޔާބުކުރީ 2-0 ގެ ނަތީޖާއަކުންނެވެ. މެޗުގައި ސަސްއިން ޖެހި ދެ ގޯލުވެސް ދެވަނަ ހާފުގައި ފެނިގެން ދިޔައިރު، އެންމެ ބޮޑު އުނދަގުލަކަށް ދެޓީމަށްވެސް ދިމާވީ ދަނޑުގެ ހާލަތެވެ. މެޗުގެ ބޮޑު ބައެއްގައި ބޯކޮށް ވާރޭ ވެހެމުން ގޮސްފައިވާ އިރު، ދަނޑު އޮތީ ވަރަށް ބޮޑަށް ޗަކަވެ، ކުޅެންވެސް އުނދަގޫ ހާލަތެއްގައެވެ.

މިރޭގެ ނަތިޖާއާއެކު ތިން ސީޒަނަށް ފަހު ދަ ގްރާންޑޭ ވަނީ ދެވަނަ ޑިވިޝަނަށް ރެލިގޭޓްވެފައެވެ. މިފަހަރުގެ ލީގު ކޮލިފިކޭޝަންގައި ދެވަނަ ޑިވިޝަންގެ ފައިނަލުގައި ކުޅުނު ބުރު ސްޕޯޓްސް ކްލަބާއި ޓީނޭޖު ސްޕޯޓްސް ކްލަބުގެ އިތުރުން ދެން ވާދަކުރީ ދިވެހި ޕްރިމިއާ ލީގުގެ ފުލަށް ދިޔަ ދަ ގްރާންޑޭ ސްޕޯޓްސް ކްލަބާއި ސަސްއެވެ. ހަތަރު ޓީމުގެ މެދުގައި ކުޅުނު ލީގު ބުރުގެ ގަދަ ދޭއްގައި ބުރާއި ސަސް ހިމެނުނު އިރު، މިއީ ބުރުން ފުރަތަމަ ޑިވިޝަނަށް ކޮލިފައިވި ފުރަތަމަ ފަހަރެވެ. ބުރުން ކޮލިފިކޭޝަން ޔަގީން ކުރީ މިއަދު ހަވީރު ކުޅުނު މެޗުގައި ޓީނޭޖު ބަލިކޮށްގެންނެވެ.

މިރޭގެ މެޗަށް ދަ ގްރާންޑޭ އާއި ސަސް ނުކުތްއިރު، މެޗު ވެފައި އޮތީ މަރުގެ މެޗަކަށެވެ. އެއީ ދެޓީމަށް އެއް ޖާގައަކަށް ވާދަކުރަން ޖެހިފައި އޮތުމުންނެވެ. މެޗު އެއްވަރުކޮށްގެންވެސް ސަސްއަށް ރެލިގޭޝަނުން ސަލާމަތްވެވެން އޮތް އިރު، މެޗުން މޮޅުވުން ނޫން ގޮތެއް ދަ ގްރާންޑޭއަކަށް ނެތެވެ.

މެޗުގައި ދެޓީމުގެ ފަރާތުންވެސް ދިގު ބޯޅަތަކެއް ކުރިއަށް ލައިގެން ކުޅުނުތަން ފެނުނު އިރު، ފުރަތަމަ ހާފުގައި ސަސްގެ މުހައްމަދު ސަހާއު (ބޭލް) އާއި އިބްރާހީމް އަތީގަށް ލިބުނު ފުރުސަތުތަކުގައި އެޓީމަށް ލީޑު ނަގައިދެވޭ ގޮތެއް ނުވިއެވެ.

ދަ ގްރާންޑޭން ދެވަނަ ހާފުގެ ކުރީކޮޅުގައި ވަރަށް ބޮޑަށް ކުރިއަށް ޖެހިގެން ކުޅުނު އިރު، އޭގެ ފައިދާ ސަސްއިން ނެގީ ކައުންޓާ އެޓޭކް ފުރުސަތެއްގައެވެ. އެޓީމުން ފުރަތަމަ ގޯލު ޖެހީ 75 ވަނަ މިނެޓްގައެވެ. އެ ގޯލު ކާމިޔާބު ކޮށްދިނީ އިބްރާހިމް އަތީގެވެ. މެދު ތެރެއިން މުހައްމަދު އައްޒާމް ދިން ބޯޅައަކަށް އޭރިއާތެރެއަށް ވަދެ، އަތީގު ޖެހި ބޯޅަ އަމާޒުކޮށްލީ ގޯލުގެ ކަނަށެވެ. އޭގެ ތިންމިނެޓް ފަހުން ސަސްގެ ދެވަނަ ގޯލު ޖެހީ އަހުމަދު އައިހަމެވެ. އައިހަމް ދުރުން ފޮނުވާލި ބޯޅަ ގޯލަށް ވައްދާލީ ގޯލްކީޕަރު ބޯ މަތިންނެވެ.