ދިވެހި ޕްރިމިއާ ލީގު

އެފްއޭއެމްގެ ނިންމުމާއެކު ބުރު، ފުރަތަމަ ޑިވިޝަނަށް

1

ދިވެހި ޕްރިމިއާ ލީގު ކޮލިފިކޭޝަންގައި މިއަދު ހަވީރު ކުޅުނު މެޗު ހޫނުވެ، މެޗުގެ ވަގުތު ހަމަ ނުވަނީސް ހުއްޓާލަން ޖެހުނު އިރު، އެ މެޗުގައި ކްލަބު ޓީނޭޖުގެ މައްޗަށް ބުރު ސްޕޯޓްސް ކްލަބުން ކުރި ހޯދިކަމަށް އެފްއޭއެމްގެ ކޮމިޓީން ނިންމި ނިންމުމާއެކު ބުރު ފުރަތަމަ ޑިވިޝަނަށް ކޮލިފައިވެއްޖެއެވެ.

މެޗަކުން ބަލިނުވެ އެންމެ ފަހުން ބޭއްވި ތިންވަނަ ޑިވިޝަނާއި ދެވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ހޯދި ބުރު ފުރަތަމަ ޑިވިޝަނަށް ކޮލިފައިވީ މިއަހަރުގެ ކޮލިފިކޭޝަންގެ ގަދަ ދޭއްގެ ޖާގައެއް ޔަގީން ކުރުމުންނެވެ. މިފަހަރުގެ ކޮލިފިކޭޝަންގައި ދެވަނަ ޑިވިޝަންގެ ފައިނަލުގައި ކުޅުނު ބުރާއި ޓީނޭޖުގެ އިތުރުން ދެން ވާދަކުރީ ދިވެހި ޕްރިމިއާ ލީގުގެ ފުލަށް ދިޔަ ދަ ގްރާންޑޭ ސްޕޯޓްސް ކްލަބާއި ސުޕަ ޔުނައިޓެޑް ސްޕޯޓްސް ކްލަބެވެ.

ބުރުން ކޮލިފިކޭޝަންގައި ކުޅުނު ފުރަތަމަ މެޗުގައި ސަސް އަތުން ބަލިވި ނަމަވެސް ދެން ކުޅުނު ދެމެޗުވެސް މިވަނީ ކާމިޔާބުކޮށްފައެވެ. ކޮލިފިކޭޝަންގެ ފަހު މެޗުގައި މިރޭ ސަސްއާއި ދަ ގްރާންޑޭ ވާދަކުރާ އިރު، އެ ދެޓީމަށްވެސް ފުރަތަމަ ޑިވިޝަނުގައި ދެމި އޮތުމަށް ފުރުސަތު އެބައޮތެވެ. އެގޮތުން މިރޭގެ މެޗުން މޮޅުވެ ދަ ގްރާންޑޭއަށް ސަލާމަތްވެވެން އޮތް އިރު، ޕޮއިންޓަކާއެކުވެސް ސަސްއަށް ފުރަތަމަ ޑިވިޝަނުގައި އޮވެވޭނެއެވެ.

މިއަދު ހަވީރު ކުޅުނު މެޗުގެ 87 ވަނަ މިނެޓުގައި މެޗު ހުއްޓާލަން ޖެހުނީ ޓީނޭޖުގެ ބައެއް އޮފިޝަލުންވެސް ދަނޑަށް އަރައި ރެފްރީއަށް ޝަކުވާކޮށް، ރެފްރީއަށް ހަމަލާ ދޭންވެސް މަސައްކަތް ކުރަން ފެށުމުންނެވެ. މެޗުގެ ރެފްރީކަން ކުރި އަހުމަދު ޝަކީލް އެވަގުތު މެޗު ދޫކޮށް، ފައިބައިގެން ދިޔައީ ސީދާ ރެފްރީ ރޫމަށެވެ. ޓީނޭޖް ބެންޗު ހޫނުވެފައިވަނީ ބުރުގެ ކުޅުންތެރިން ކުރި ފައުލުތަކަކަށް ރެފްރީ ޝަކީލް ފައުލް ނުދީ، ކާޑުވެސް ދައްކާފައި ނުވާ ކަމަށް ބުނެއެވެ.

އޭގެ ފަހުން މެޗު ހުއްޓާލާފައި އޮތުމާއެކު، އަލުން ހުއްޓާލި ހިސާބުން މެޗު ނުފަށައި، ފަހުން މެޗު ކޮމިޝަނަރު ނިންމީ ކޮމިޓީ މަރުހަލާއިން މެޗާ މެދު ގޮތެއް ނިންމުމަށެވެ.

އެފްއޭއެމްއިން އެ ނިންމުން އާންމުކޮށް ހިއްސާކޮށްފައިވާ އިރު، ނިންމުމުގައި ބުނެފައިވަނީ މެޗު މެދުކަނޑާލަން ޖެހުނީ ޓީނޭޖް އޮފިޝަލުން މެޗުގެ ރެފްރީއަށް ހަމަލާދިނުމާއި، ރެފްރީގެ ނިންމުންތަކަށް ތަކުރާރުކޮށް ނުރުހުން ފާޅުކުރަމުން ދިއުމުގެ ސަބަބުން މެޗު ކުރިއަށް ގެންދެވޭނެ މާހައުލެއް ނެތްކަމަށް މެޗުގެ ރެފްރީ ޝަކީލް، މެޗު ކޮމިޝަނަރު ސިއްދީގު ނާހިލް އަހުމަދަށް އަންގާފައިވުމުން ކަމަށެވެ. އަދި އެ ހިސާބުން މައްސަލަ ބަލާފައިވަނީ އެފްއޭއެމްގެ އެމަޖެންސީ މުބާރާތުގެ ކޮމިޓީން ކަމަށްވެސް ބަޔާނުގައިވެއެވެ.

މައްސަލަތަކާ ގުޅިގެން ބަޔާނުގައި ބުނެފައިވަނީ 2023 ވަނަ އަހަރުގެ ޕްރިމިއާ ލީގުގެ ކޮލިފިކޭޝަން މުބާރާތް ކުޅޭ ގޮތުގެ ގަވާއިދުގެ 10.3 ގައި ބަޔާންކުރާ ކަންކަމަށް ރިއާޔަތްކޮށް، މެޗުގެ ފުރިހަމަ ވަގުތު ހަމަނުކުރެވުނީ ކްލަބު ޓީނޭޖުގެ އިހުމާލުން ކަމުގައި، ކަން ހިނގާފައިވާ ގޮތަށް ބަލައި އެނގޭ ކަމަށެވެ. އަދި މެޗު ހުއްޓާލީ 87 ވަނަ މިނެޓުގައި ކަމަށްވުމާއެކު އެ ވަގުތު އޮތް ނަތީޖާއަކީ މެޗުގެ ނަތީޖާ ކަމަށްވެސް ކޮމިޓީން ވަނީ ކަނޑައަޅައިފައެވެ.

އޭގެ އިތުރުން އެފްއޭއެމްއިން ބުނެފައިވަނީ މެޗުގައި ހިނގައިދިޔަ ޑިސިޕްލިނަރީ ކަންކަން ބެލުމަށް އެފްއޭއެމްގެ ޑިސިޕްލިނަރީ ކޮމިޓީއަށް މައްސަލަތައް ހުށަހަޅަން މުބާރާތުގެ ކޮމިޓީން ނިންމާފައިވާ ކަމަށެވެ.