ޚަބަރު

އެސްއޯފްގެ އެކައުންޓުގައި ފައިސާއެއް ނެތް، އެކައުންޓް ފްރީޒްކުރުމަށް މިހާރު މަސައްކަތެއް ނުކުރަން: އޭސީސީ

މުހައްމަދު އިޝާން

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ ހިޔާނާތުގެ ފައިސާ ދައުރުކުރަން ބޭނުންކުރި އެކައުންޓުގައި ފައިސާ ނެތް ކަމަށާއި އެ އެކައުންޓް ފްރީޒްކުރުމަށް މިހާރު މަސައްކަތްނުކުރާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނެފިއެވެ.

އެމްއެމްޕީއާރުސީ ހިޔާނާތުގެ މައްސަލައިގައި އެސްއޯއެފްގެ އެކައުންޓް ފްރީޒުކުރީ 2020 ވަނަ އަހަރުއެވެ. އެ އެކައުންޓް އަންފްރީޒްކުރަން ކޯޓުން އަމުރުކުރި އިރު، އެމްއެމްޕީއާރުސީ ހިޔާނާތުގެ މައްސަލަ އޭސީސީން އަންނަނީ ތަހުގީގު ކުރަމުންނެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައާ ގުޅިގެން ދިހަ ކުންފުންޏަކާއި ދެ މީހެއްގެ ބޭންކް އެކައުންޓް ފްރީޒްކުރަން ސިވިލް ކޯޓުން ވަގުތީ އަމުރެއް ނެރެފައިވެއެވެ. އޭގެ ތެރޭގައި އެސްއޯއެފް ޕްރައިވެޓް ލިމިޓެޑާއި އެސްއޯއެފް ސާވިސް ޕްރައިވެޓް ލިމިޓެޑާއި އެސްއޯއެފް ސްޓޫޑިއޯ ޕްރައިވެޓް ލިމިޓެޑާއި އެސްއޯއެފް ޑިވެޕޮލްމަންޓް ޕްރައިވެޓް ލިމިޓެޑު ހިމެނެއެވެ.

"ވަން" އަށް އެނގިފައިވާ ގޮތުގައި، އެސްއޯއެފްގެ އެކައުންޓުތައް ދޫކޮށްލުމުގެ އަމުރެއް ދެ ތާރީހެއްގައި ސިވިލް ކޯޓުން ނެރެފައިވެއެވެ. އެއީ މިދިޔަ ޖޫން މަހުގެ 23 ވަނަ ދުވަހާއި މިމަހުގެ ހަތްވަނަ ދުވަހުއެވެ. ނަމަވެސް މި ދެ އަމުރު ނެރުނު ސަބަބެއް ވަނީ ސާފުވާ ގޮތް ނުވެފައެވެ.

އެކަމާ ގުޅިގެން އޭސީސީގެ މީޑިއާ އޮފިޝަލް ސީނިއާ ކޮމިއުނިކޭޝަން އޮފިސަރު ނިޝާން މުހައްމަދު ދީދީ "ވަން" އަށް އޭރު ވިދާޅުވެފައިވަނީ، ކޯޓު އަމުރު ތަންފީޒުކުރަން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް މިމަހުގެ ކުރީކޮޅު އަންގާފައިވާ ކަމަށާއި އެކަން އެނގުނީ އެމްއެމްޕީއާރުސީ ހިޔާނާތުގެ ތަހުގީގު ތެރެއިން ކަމަށެވެ.

"އެސީސީން ދަނީ ފްރީޒްކުރުމުގެ މަސައްކަތް ކުރަމުން. އަޅުގަނޑުމެންނެއް ނޫން ދޯ އެކައުންޓް ފްރީޒް މިކުރަނީ. ފްރީޒް ކުރާއިރު ބޭނުންވާނެ އެކައުންޓުގައި ފައިސާ ހުރި މިންވަރު. އެކަން ދެނެގަންނަން މިހާރު މަސައްކަތް ކުރަނީ،" ނިޝާން ވިދާޅުވެފައިވެއެވެ.

ނިޝާން މިރޭ "ވަން" އަށް ވިދާޅުވީ، އެސްއޯއެފް އެކައުންޓް އަންފްރީޒް ކުރުމާ ގުޅިގެން ބެލިބެލުމުން އެ އެކައުންޓުގައި ފައިސާ ނެތްކަން އެނގިފައިވާ ކަމަށާއި އެހެންކަމުން އެކައުންޓު އަލުން ފްރީޒުކުރުމަށް މަސައްކަތްނުކުރާ ކަމަށެވެ.

"އޭސީސީން ބެލިބެލުމުން އެނގިގެން ދިޔައީ އެ އެކައުންޓު އަލުން ފްރީޒްކުރަންޖެހޭ ތަނެއް ނެތްކަން. އެކަމާ ގުޅިގެން ކޯޓުން ވަނީ މާކުރިން ވެސް ގޮތް ނިންމާފައި. ސީދާ އެސްއޯފް ޕްރައިވެޓް ލިމިޓެޑް ނަމުގައި އިން އެކައުންޓް ފިޔަވައި ދެން އެކުންފުންޏާ ގުޅޭ އެހެން އެކައުންޓުތައް އަދިވެސް ހުރީ ފްރީޒު ކޮށްފައި،" ނިޝާން ވިދާޅުވިއެވެ.

އެމްއެމްޕީއާރުސީ އޮޑިޓްކޮށް، އޮޑިޓް އޮފީހުން ނެރެފައިވާ ރިޕޯޓުގައި ބުނެފައިވަނީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ އަދަދު 79 މިލިއަން ޑޮލަރު ނުވަތަ 1.2 ބިލިއަން ރުފިޔާއަށް އަރާ ކަމަށެވެ.

އެސްއޯއެފްއަކީ އެމްއެމްޕީއާރުސީ ހިޔާނާތުގެ ފައިސާ ލޯންޑާކުރި މައި އެކައުންޓް ކަމަށް ދައުލަތުން ވަނީ މީގެ ކުރިން ބުނެފައެވެ. ނަމަވެސް ފަހުން އެ އެކުންފުނީގެ އިސްވެރިންގެ މައްޗަށް ދައުވާ ނުކުރަން ދައުލަތުން ވަނީ ނިންމައިފައެވެ.