މޫސުމް

ގަދަވަޔާއެކު އައި ވިއްސާރައިގެ ތެރެއިން، ހާދިސާތަކާއި ރޯގާއާއި ބާރަށް ފެތުރޭ ވައިރަލް ފީވަރ!

ހުޅުމާލޭ ފޭސް2ގެ ހިޔާފުލެޓް، ޓަވަރު 2ގެ 24ވަނަ ބުރީގައި ހުރި އެޕާޓްމަންޓެއްގެ ކުޑަދޮރުން ބޭރު ފެނުމުން މީހާ ރޫރޫ އަޅައިގަތެވެ. މުޅި އުދަރެސް އޮތީ ބަނަވެ، ކަޅުވިލާތަކުން ބައްދާފައެވެ. ވެހެމުންދާ ބޯވާރެއާއި ޖެހެމުންދިޔަ ބާރު ރޯޅިން އެހެން ފްލެޓުތަކުގެ ކުޑަދޮރު ތަކުގެ ބިއްލޫރިތައް ތެޅޭ އަޑުވެސް އިވެއެވެ. ދުރުން އެއްވެސް މަންޒަރެއް ނުފެނެއެވެ. ފުސްވެ، އިމާރާތްތައް ހިޔަނިވުން ނޫން އެހެން ހިލަމެއް ނެތެވެ.

ބުރިޖު މަތިން ދަތުރު ކުރާއިރު، ކުޑަކުދިން ގޮވައިގެންދާ މައިންނާއި ބަފައިން އަދި އެހެންވެސް މީހުން، އަންހެނުން ގޮވައިގެން ދަތުރު ކުރާ ފިރިހެނުން އަދި ދުއްވަން ތިބޭ އަންހެނުންނާ އުޅޭން ޖެހެނީ ބިރުންނެވެ. މިހާ ބޯކޮށް ވާރޭވެހި، ޖެހޭ ރޯޅީގެ ބާރުކަމުން ދުއްވަމުންދާ ކާރުވެސް ހޫރޭހެން ހީވެއެވެ. އެގޮތަށް ޖެހިލުމެއް ނެތި ކުދި ޅަދަރިން ގޮވައިގެން ބުރިޖު މަތީ ދުއްވުމަކީ ކޮންމެ ފަދަ ވަގުތެއްގައި ކިތަންމެ ނުރައްކާތެރި ހާދިސާއެއްވެސް ދިމާވެދާނެފަދަ ކަމެކެވެ. އެހާވެސް ވައިބާރެވެ.

ދާދިފަހުން މިގޮތަށް ހުއްޓާނުލައި ވާރޭ ވެހުނު ދުވަސްކޮޅެއްގައި ހިނގައިދިޔަ ކާރުގެ އެހިތްދަތި ހާދިސާ އަހަރެމެންގެ ތެރެއިން ގިނަ މީހުން މިހާރުވެސް ހަނދާނުން ފުހެލައިފި ކަހަލައެވެ.

އެހެންޏާ ކަނޑުމަތީގެ ހިތާމަވެރި ހާދިސާއެކެވެ. އެހެންނޫނީ މަގުމަތީގެ ބިރުވެރި އެކްސިޑެންޓެކެވެ. ގޭގޭގެ ފުރާޅުތައް ވަޔާ އުދުހިގެން ދިއުމެވެ. މަގުތަކުގައި ޕާކުކޮށްފައި ހުންނައިރު ހަމައެއް ލަމައެއް ނެތުމުން އެތަކެއްޗަށް ލިބޭ އެކިވަރުގެ ގެއްލުންތަކެވެ. ބަލައިނުލައި ވާރޭ ތެރޭގައި ހިނގާބިނގާވެ އުޅޭއިރު، އަނެއްމީހާ ސައިކަލު ނޫނީ ކާރު ދުއްވުމުގައި ފަރުވާކުޑަވެގެން ދިމާވާ އެކިކަހަލަ ކަންތައްތަކެވެ. ހިނގާފައިދާ މީހާގެ ގަޔަށް ބުރައިގެންދާ ޗަކަތަކަށް ބެލުމެއްވެސް ނެތުމެވެ.

ކުރިމަތިން ދިހަފޫޓަށް ވުރެ ދުރު ފުސްވެ ފެނުމަށް ދަތިވާއިރުވެސް މަގުމަތީގެ ގަވާއިދުތަކަށް ބެލުމެއް ނެތި ޕޭވްމަންޓު ދޫކޮށްލާފައި މަގުމެދުން ހިނގާފައިދާއިރު، އަނެކުންނަށް ދަތިވެ މަގުތަކުގެ ޓްރެފިކް ޖޭމްވަނީއެވެ. ޕޭވްމަންޓު މަތިން މިބޯ ވިއްސާރައިގައިވެސް ބައިހަދާލައިގެން އޮލަ މަޝްވަރާގައި ތިބުމުން ހިނގާ މީހުންނަށް ވާ ދަތިތަކެވެ. ޕާކު ކުރާއިރު ގޭގެ ދޮރުމައްޗެއް، ހިނގާލާނެ، ކުރިމަތީ ހުރި ދޮރުން ވަންނާނޭ ޖާގައެއް ނެތި ބަހައްޓާފައި ހުންނަ އުޅަނދުތަކުގެ އުނދަގުލާ ހުރެ އުފުލަން ޖެހޭ އިތުރު އެތައް ތަކުލީފެވެ.

ގޭގައިވެސް އާއިލާތަކުގެ ތެރޭގައި ފަރުވާކުޑަކޮށްލެވި، ސަމާލުކަން ނުދެވޭތީ، އެކަކު ގައިން އަނެކަކު ގަޔަށް ފެތުރެމުންދާ މޫސުމީ ރޯގާއާމެދު ރައްކާތެރިވާން އެބަޖެހެއެވެ. ސުކޫލުތަކުގެ ދަރިވަރުންނާއި ބެލެނިވެރިން، މޫސުމާމެދު އެއްވެސް ފަރުވާލެއް ނެތި، މާސްކު އެޅުންފަދަ ކަންތައްތައް މުޅިން ދޫކޮށްލެވިފައިވާތީ، މޫސުމީ ރޯގާ ސުކޫލުތަކުގެ ދަރިވަރުންގެ ތެރޭގައި އަވަހަށް ބާރަށް ފެތުރޭކަން އެންމެންވެސް ގަބޫލު ކުރާން އެބަ ޖެހެއެވެ. މިދުވަސްކޮޅު ކުޑަކުދިންނަށްވެސް އަދި ބޮޑެތި މީހުންނަށްވެސް ޖެހެމުންދާ އިންފެކްޝަނާމެދު ހާއްސަކޮށް ސަމާލުކަން ދޭން ޖެހެއެވެ. މިއީ އެއްވައްތަރެއްގެ އެންމެ ބައްޔެއް އެނބުރެމުންދާ ދުވަސްކޮޅެއް ނޫނެވެ. އެއްބައިމީހުން އަދި އެއްބައި ކުދިން އަރިދަފުސް ރޯގާއިން ފުއްޕާމޭގެ އަދި ލޭގެ އިންފެކްޝަނަށް ބަދަލުވެ، ނިއުމޯނިއާއަށް ޑައިގްނޯސް އެބަ ކުރެއެވެ. އަނެއްބައި މީހުން ހޮޑުލުމާއި ބޭރަށް ހިނގުމުގެ ރޯގާއެއްގައެވެ. ހުން އައުމާއި ގަދަޔަށް ކެއްސުމެވެ. އަނގައިގެ ފާރު ހެދުމެވެ.

މިހެން ގޮސް ކިތަންމެ ކަމަކާމެދު ފަރުވާތެރިވާން އެބަޖެހެއެވެ. ބަލިމަޑުކަމާއި ރޯގާއަކީ އަބަދުވެސް ވާރޭ ވެހި، މޫސުން ގޯސްވެއްޖެނަމަ އަވަހަށް ފެތުރޭ، އަދި ބާވަތްތައް ގިނަވާކަހަލަ ކަންތަކެވެ. އެހެންވާން ދިމާވަނީ ފިނިވުމަކީ ހަށިގަނޑުގެ ދިފާއީ ނިޒާމު ބަލިކަށި މީހުންނަށް ހާއްސަކޮށް އެހާ ރައްކާތެރިކަމަކަށް ނުވާތީއެވެ. ވާރެޔާ ތެމި ބޮލާއެކު ތެމިފައި އަނެއްކާވެސް ހިކުނީމާ އެހެދުމުގައި ހަމަ އެހެން ކަމަކަށް ނުވަތަ އެއިސްޓާކީނާއި ބޫޓު، ލައިގެން އުޅެލުމަކީ މާބޮޑު ކަމަކަށް އެވަގުތު ނުވެދާނެއެވެ. އެހެންނަމަވެސް އެއިން ނުކުމެދާނެ ނުރަނގަޅު ނަތީޖާ އެނގޭނަމަ އެކަހަލަ އާދައިގެ ކަންތަކަށްވެސް ސަމާލުވާނެއެވެ.

ކޮންމެ ފަހަރަކުވެސް ސޯޝަލްމީޑިއާއާއި ނޫސްނޫހުގައިވެސް ވިއްސާރަވެ މޫސުން ގޯސްވުމާއެކު، އެކިކަހަަލަ ތަސްވީރުތަކާއި ވިއްސާރައާ ގުޅުންހުރި އެތައް ވާހަކައެއް އާއްމު ކުރެއެވެ. އެހެންނަމަވެސް މިތަސްވީރުތަކުގެ ފަހަތުން އެއްވެސް ކަަމަކާމެދު އޮންނަނީ ސަމާލުކަން ނުދެވިފައެވެ. އަދި ސަމާލުވެ ރައްކާތެރިވާން ޖެހޭފަދަ ކަންތައްތައް ބުނެދޭ އެކިކަހަލަ ލިޔުންތަކަށްވެސް ފަރުވާލެއް ނުބެހެއްޓެއެވެ.