އޭޝިއާ ސަރަހައްދުގެ ކަނޑުތަކުގެ ހޫނުމިން ރެކޯޑު މިންވަރަކަށް މައްޗަށް ގޮސްފައިވާކަން 'ނޭޗަރ' ޖާނަލްގައި ޝާއިއުކުރި އާ ދިރާސާއެއްގައި ބުނެފިއެވެ.

ދުނިޔޭގެ 31 ތަހުލީލީ މަރުކަޒެއްގެ 50 އަށްވުރެ ގިނަ ސައިންސްވެރިން ގުޅިގެން ކުރިއަށްގެންދިޔަ މި ދިރާސާއިން ދައްކާ ގޮތުގައި، ފަހުގެ އަހަރުތަކުގައި ކަނޑުތަކުގެ ހޫނުގެ މިންވަރު ވަނީ އިންތިހާއަށް އިތުރުވެފައެވެ. އެގޮތުން، ދުނިޔޭގެ ކަނޑުތަކަށް 23 ޒެޓާ ޖޫލްސްގެ ހޫނު އިތުރުވެފައިވާއިރު، މިއީ މުޅި ދުނިޔޭގައި 37 އަހަރު ދުވަހު ހަކަތަ ބޭނުންކުރާ މިންވަރާ އެއްވަރުގެ މިންވަރެއް ކަމަށް ސައިންސްވެރިން ފާހަގަކުރެއެވެ.

އޭޝިއާ ސަރަހައްދަށް ބަލާއިރު، އިންޑިއާ ކަނޑާއި، އަރަބި ކަނޑު އަދި އުތުރު ޕެސިފިކް ކަނޑުގެ ހޫނުމިން ވަނީ އާދަޔާހިލާފަށް މައްޗަށް ގޮސްފައެވެ. ހާއްސަކޮށް އަރަބި ކަނޑަކީ އެންމެ ހަލުވިކަމާއެކު ހޫނުވަމުން އަންނަ އެއް ސަރަހައްދު ކަމަށާއި، މޫސުމީ ވިއްސާރައިގެ ކުރިން އެ ސަރަހައްދުގެ ހޫނުމިން 26.5 އާއި 29 ޑިގްރީ ސެލްސިއަސްއާ ދެމެދަށް މައްޗަށްދާކަން ވަނީ ހާމަވެފައެވެ.

ކަނޑުތައް ހޫނުވުމުގެ ސަބަބުން އޭޝިއާ ސަރަހައްދަށް ކުރިމަތިވާ ތޫފާންތަކާއި މޫސުމީ ކާރިސާތަކުގެ ނުރައްކާ ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. ކިޔޯޓޯ ޔުނިވާސިޓީގެ ތަޖުރިބާކާރުންނާ ހަވާލާދީ ރިޕޯޓުކޮށްފައިވާ ގޮތުގައި، ކަނޑުގެ ލޮނުގަނޑު ހޫނުވުމުގެ ސަބަބުން ބާރުގަދަ ތައިފޫންތައް އުފެދޭ މިންވަރު ވަނީ އިތުރުވެފައެވެ. ކުރިން 100 އަހަރުން އެއްފަހަރު އަންނަ ފަދަ ބާރުގަދަ ތޫފާންތައް، ކުރިއަށް އޮތް ތަނުގައި ގަރުނެއްގެ ތެރޭގައި ހަތަރު ނުވަތަ ފަސް ފަހަރު އައުމަކީ އެކަށީގެންވާ ކަމެއް ކަމަށް އެ ފަރާތްތަކުން ބުނެއެވެ.

މޫސުމާ ބެހޭ ސައިންސްވެރިން ވިދާޅުވާ ގޮތުގައި، މި ބަދަލުތަކުގެ ސަބަބުން ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވާނެއެވެ. އަދި ކާރިސާތަކުން ރައްކާތެރިވުމަށް ގައުމުތަކުން މިހާރަށްވުރެ ބޮޑަށް ތައްޔާރުވާން ޖެހޭނެކަމަށް އެ ބޭފުޅުން އިންޒާރުދެއްވައެވެ. ޖައްވަށް ދޫކުރާ ވިހަ ގޭހުގެ ސަބަބުން އުފެދޭ ހޫނުގެ 90 އިންސައްތަ ދަމައިގަންނަނީ ކަނޑުތަކުން ކަމަށްވާއިރު، މިކަމުގެ ސަބަބުން އޭޝިއާގެ އައްސޭރިފަށުގެ ގައުމުތަކަށް ބޮޑެތި ގެއްލުންތަކަކާ ކުރިމަތިލާން ޖެހިދާނެކަމަށް ދިރާސާގައި ބުނެފައިވެއެވެ.