ދިވެހި ޕްރިމިއާ ލީގު ކޮލިފިކޭޝަންގައި މިއަދު ހަވީރު ކުޅުނު މެޗު ހޫނުވެ، މެޗުގެ ވަގުތު ހަމަ ނުވަނީސް ހުއްޓާލަން ޖެހިއްޖެއެވެ.
ކްލަބު ޓީނޭޖާއި ބުރު ސްޕޯޓްސް ކްލަބު ވާދަކުރި ކޮލިފިކޭޝަން މެޗު ހުއްޓާލަން ޖެހުނީ 87 ވަނަ މިނެޓުގައެވެ. އެ މެޗު ހުއްޓާލަން ޖެހުނު އިރު، ބުރު ކުރީގައި އޮތީ 3-1 ގެ ނަތީޖާއަކުންނެވެ.
ވިއްސާރައިގައި ފެށި މެޗުގެ ފަސްވަނަ މިނެޓުގައި ބުރުން ލީޑު ނެގިއެވެ. އަރިމަތިން ޓީނޭޖުގެ ދެ ކުޅުންތެރިން ކައިރިން ނައްޓާލާފައި މިރްޖަލޯލް ކަސިމޯވް ނަގައިދިން ހުރަސް އޭރިއާ ތެރޭގައި ހުސްކޮށް އޮވެ ބޮލުން ގޯލަށް ވައްދާލީ އަހުމަދު މުހައްމަދު ގަބަލާއެވެ. މިއަދުގެ މެޗުގެ ފުރަތަމަ ހާފުގައިވެސް ދެޓީމުގެ ފަރާތުން ފިޒިކަލް ކުޅުމެއް ފެނިގެން ގޮސްފައިވާ އިރު، މެޗު ފެނުނީ ހޫނު ކޮށެވެ.
މެޗުގެ ފުރަތަމަ ހާފު އިތުރަށް ފޯރި ގަދަވީ 20 ވަނަ މިނެޓުގައި ނަތީޖާ ހަމަހަމަވުމާވެސް އެކުގައެވެ. ޓީނޭޖުން ނަތީޖާ ހަމަހަމަކުރީ މެދުތެރެއިން ކުރިއަށް ޖެހުނު ބޯޅައެއްގައި ނާޖިހު މުހައްމަދު ދުއްވާލި ބޯޅައެއްގައެވެ. އެ ބޯޅައަށް ބުރުގެ ގޯލްކީޕަރު މުހައްމަދު ޖަޒުލާން (ބަބޭ) ނުކުތް އިރު، ޑިފެންޑަރާ ރަނގަޅަށް ވާހަކަ ނުދެއްކި ބައިކޮޅަށް ބޯޅަ ވަނީ ބުރުގެ އަހުމަދު ނުހާދު ފައިގައި ޖެހިފައެވެ.
މެޗުގެ ފުރަތަމަ ހާފުގެ ފަހު މިނެޓުގައި ޓީނޭޖުން ވަނީ ރެފްރީގެ ނިންމުމަކަށް ވަރަށް ބޮޑަށް ފާޑު ކިޔައިފައެވެ. އެއީ ހާފު ނިންމާލި ވަގުތު ގޯސްކަމަށް ފެނިގެންނެވެ. މެޗުގެ ފުރަތަމަ ހާފު ރެފްރީ އަހުމަދު ޝަކީލް ނިންމާލީ ޓީނޭޖުން ހިލޭ ޖެހުމެއް ގޯލު ކުރިމައްޗަށް ހުރަސްކޮށް، އޭރިއާ ތެރޭގައި ބޯޅަ ފެނު ޖެހުނު ވަގުތުއެވެ. އެ ވަގުތު އެ ބޯޅަ ޓީނޭޖުން ގޯލަށް ވައްދާލި ނަމަވެސް ރެފްރީ އެންގީ ހާފު ނިންމާލަން ކަށިގަނޑު ފުމެފައިވާ ކަމަށެވެ.
ފުރަތަމަ ހާފު ނިންމައި ދަނޑުން ދެޓީމު ފައިބައިގެން ދިޔަ ވަގުތު ޓީނޭޖުގެ އޮފިޝަލުންނާއި ކުޅުންތެރިންވެސް ވަނީ ރެފްރީއަށް ވަރަށް ބޮޑަށް ނުރުހުން އަމާޒުކޮށްފައެވެ.
މެޗުގެ ދެވަނަ ހާފުގައިވެސް ޓެކުލްތަކާއެކު ގިނަ ފައުލްތަކެއް ފެނިގެން ދިޔަ އިރު، ރެފްރީއަށްވެސް ދިޔައީ ޕްރެޝަރު ބޮޑުވަމުންނެވެ. މެޗު އިތުރަށް ފޯރިގަދަވެގެން ދިޔައީ 74 ވަނަ މިނެޓުގައި ބުރުގެ އަހުމަދު ރަޝީދު (އަންމަޑޭ) ޖެހި ގޯލާއެކުގައެވެ. އެ ގޯލަކީ ހިލޭ ޖެހުމަކުން ހުރަސް ވެގެން ދިޔަ ބޯޅައެއްގެ ބޭނުން ހިފައި އަންމަޑޭ ޖެހި ގޯލެކެވެ.
މެޗުގެ 75 ވަނަ މިނެޓުގައި ރަތް ކާޑެއްވެސް ފެނިގެން ދިޔައެވެ. ބުރުގެ އަބްދުﷲ ޝާފިއު (ޝާއްޕެ) އަށް ދެއްކި ރަތް ކާޑަކީ އަހުމަދު ނިޒާމް (ނިޒާމްބެ) ކުޅެން އަރުވަން ޝާއްޕެ ބަދަލުކުރި ފަހުން، އޭނާ ބަދަލު ރެފްރީ މުހައްމަދު ޖާވިޒް (ޖޭޑް) އަށް ނިސްބަތްކޮށް ބުނި އެއްޗަކުން ދެވަނަ ރީނދޫ ކާޑަކާއެކު ދެއްކި ރަތް ކާޑެކެވެ.
ބުރުގެ ލީޑު 77 ވަނަ މިނެޓުގައި ފުޅާކޮށްދިނީވެސް އަންމަޑޭއެވެ. އަރިމަތިން ދުވެފައި ގޮސް ނިޒާމްބެ ހުސްކޮށްލާފައި އޭރިއާތެރެއަށް ނަގައިދިން ބޯޅަ އައްމަޑޭ ވަނީ ފަސޭހަކަމާއެކު ގޯލަށް ފޮނުވާލައިފައެވެ.
މެޗު ނިމެން ތިން މިނިޓަށް ވެފައި ވަނިކޮށް މެޗު ހުއްޓާލަން ޖެހުނީ ޓީނޭޖްގެ ބައެއް އޮފިޝަލުންވެސް ދަނޑަށް އަރައި ރެފްރީއަށް ޝަކުވާ ކުރަން ފެށުމާއެކު، ރެފްރީ ޝަކީލް ދަނޑުން ފޭބުމުންނެވެ. ޝަކީލް ދިޔައީ ސީދާ ރެފްރީ ރޫމަށެވެ. ޓީނޭޖް ބެންޗުން ހޫނުވެފައިވަނީ ބުރުގެ ކުޅުންތެރިން ކުރި ފައުލުތަކަކަށް ރެފްރީ ޝަކީލް ފައުލް ނުދީ، ކާޑުވެސް ދައްކާފައި ނުވާ ކަމަށް ބުނެއެވެ. އެ ވަގުތުކޮޅުގައި ތެރޭގައި ނުރައްކާތެރި ޓެކުލްތަކެއްވެސް ބައެއް ކުޅުންތެރިންގެ ފަރާތުން ފެނިގެން ދިޔަކަން ފާހަގަވެފައިވެއެވެ.
އޭގެ ފަހުން މެޗު ހުއްޓާލާފައި އޮތުމާއެކު، އަލުން ހުއްޓާލި ހިސާބުން މެޗު ނުފަށައި، ފަހުން މެޗު ކޮމިޝަނަރު ނިންމީ ކޮމިޓީ މަރުހަލާ އިން މެޗާ މެދު ގޮތެއް ނިންމުމަށެވެ.
އެފްއޭއެމުން މެޗާ ގުޅިގެން ބުނެފައިވަނީ މުބާރާތުގެ ކޮމިޓީން މެޗާމެދު ގޮތެއް ނިންމުމަށް ފަހު، މީޑިއާއަށް މައުލޫމާތު ހިއްސާކުރާނެ ކަމަށެވެ.
މެޗަކުން ބަލިނުވެ އެންމެ ފަހުން ބޭއްވި ތިންވަނަ ޑިވިޝަނާއި ދެވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ހޯދި ބުރު މެޗުން މޮޅުވީ ކަމަށް ކަނޑައަޅައިފިނަމަ އެޓީމު ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓްވާނެއެވެ. ދިވެހި ޕްރިމިއާ ލީގުގެ ކޮލިފިކޭޝަން ފަހު މެޗުގައި މިރޭ ދަ ގްރާންޑޭއާއި ސަސް ކުޅޭނެއެވެ. މިރޭގެ މެޗު އެއްވަރުކޮށްލައިގެންވެސް ސަސްއަށް ފުރަތަމަ ޑިވިޝަނުގައި ދެމި އޮވެވޭނެއެވެ.
ދިވެހި ޕްރިމިއާ ލީގު
ދިވެހި ޕްރިމިއާ ލީގު
ދިވެހި ޕްރިމިއާ ލީގު
ދިވެހި ޕްރިމިއާ ލީގު