ފަނޑިޔާރުންގެ ގާނޫނަށް މިހާރު ހުށަހަޅާފައިވާ އިސްލާހުތައް އެ އޮތްގޮތަށް ފާސްކޮށްފިނަމަ މުޅި ޝަރުއީ ދާއިރާގެ މިނިވަންކަމަށް އެކަމުގެ ސަބަބުން އަސަރުކުރާނެ ކަމަށް ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް މުހުތާޒް މުހުސިން ވިދާޅުވެއްޖެއެވެ.

މުހުތާޒު މިހެން ވިދާޅުވީ، ދިރިއުޅޭނެ އަމިއްލަ ތަނެއް ނެތް ފަނޑިޔާރުންނަށް އެފަދަ ތަނެއް ހޯދޭނެ މަގު ފަހިކޮށްދިނުމުގެ ގޮތުން، ސަރުކާރުން ނުވަތަ އަމިއްލަ ފަރާތްތަކުން ހިންގާ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގެ ދަށުން ދޫކުރާ ބިމާއި ފްލެޓަށް ކުރިމަތިލެވޭނެ ގޮތަށް ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ސަރުކާރުން އިއްޔެ ރައްޔިތުންގެ މަޖިލީހަށް ފޮނުވުމާ ގުޅިގެންނެވެ.

އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި މިއަދު ކުރެއްވި ޓުވީޓެއްގައި މުހުތާޒު ވިދާޅުވީ، އެ ބިލުގައި ގާނޫނަށް ގެންނަން ހުށަހަޅާފައިވާ އިސްލާހުތައް އެ އޮތްގޮތަށް ފާސްކޮށްފިނަމަ ފަނޑިޔާރުން ނިކަމެތިވެ މުޅި ޝަރުއީ ދާއިރާގެ މިނިވަންކަމަށް އެކަމުގެ ސަބަބުން އަސަރުކުރާނެ ކަމަށެވެ. އެހެންކަމުން ގާނޫނީ ފަންނުން ފަނޑިޔާރުންގެ ދިފާއުގައި ބަސްބުނަން އެބަޖެހޭ ކަމަށްވެސް ވިދާޅުވިއެވެ.

އެ ބިލުގައި ހިމަނާފައިވާ އިސްލާހުތަކުގެ ތެރޭގައި ފަނޑިޔާރުންނަށް ބޯހިޔާވަހިކަން ލިބިދޭ އިސްލާހުގެ އިތުރުން، ފަނޑިޔާރުކަމުގެ މަސައްކަތްތަކުގެ އިތުރުން ފަނޑިޔާރުން ކުރުން ގާނޫނު ހުއްދަކުރާ އެހެން މަސައްކަތަކަށް އުޖޫރަ ބަލައިގަތުމަކީ ހުއްދަ ކަމެއް ކަމަށް ހެދުމަށްވެސް ވަނީ ހިމަނައިފައެވެ.

ފަނޑިޔާރު ކަމަށް ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތަކަށް އިސްލާހު ގެނައުމަށް ވެސް ބިލުގައި ހިމަނާފައިވެއެވެ. އެގޮތުން، މެޖިސްޓްރޭޓް ކޯޓެއްގެ ނުވަތަ އެހެން ކޯޓެއްގެ ލީގަލް އެސިސްޓެންޓް ކަމުގެ މަގާމުގައި، ނުވަތަ މަގާމުގެ މަސްއޫލިއްޔަތުގެ ގޮތުގައި ގާނޫނީ މަސައްކަތްކުރުން ކަނޑައެޅިފައިވާ އެފަދަ އެހެން މަގާމެއްގައި ދެ އަހަރު ދުވަހުގެ ތަޖުރިބާ ހޯދާފައިވާ ފަރާތްތަކަށް ވުން ބިލުގައި ވަނީ ލާޒިމުކޮށްފައެވެ.

ފަނޑިޔާރުންނަށް ލިބޭ އިނާޔަތްތަކުގެ ތެރޭގައި ހިމެނޭ ލިވިން އެލަވަންސްގެ މިންވަރު، ފަނޑިޔާރުންގެ އަސާސީ މުސާރައިގެ 35 ޕަސަންޓަށްވުރެ މަދުނުވާނެ އަދަދަކަށް ކަނޑައެޅުމުގެ އިތުރުން، ފަނޑިޔާރުން އަމިއްލައަށް އެދިގެން ފަނޑިޔާރުކަމުގެ މަގާމުން ވަކިވެވޭނެ އުމުރަކީ 65 އަހަރު ކަމަށް ކަނޑައެޅުމަށް ވެސް ބިލުގައި ހިމަނާފައިވެއެވެ.