ޚަބަރު

ޕާކިސްތާނުގައި 67 ދިވެހިން, އެންމެންގެ ހާލު ރަނގަޅު: މިނިސްޓްރީ

ޕާކިސްތާނުގެ އެކި ސަރަހައްދުތަކަށް ކުރިމަތިވެފައިވާ ފެން ބޮޑުވުމުގެ ހާދިސާތަކުގައި އެ ގައުމުގައި ތިބި ހުރިހާ ދިވެހިންގެ ހާލުވެސް ރަނގަޅު ކަމަށް ރާއްޖޭގެ ފޮރިން މިނިސްޓްރީން ބުނެފިއެވެ.

މިދިޔަ ޖޫން މަހުގެ މެދު ތެރެއިން ފެށިގެން ޕާކިސްތާނަށް ކުރަމުންދާ ގަދަ ވިއްސާރައާއެކު އެ ގައުމުގެ ތިންބައި ކުޅަ އެއްބައި އޮތީ ފެނު އަޑީގައެވެ. އަދި އެކަމުގެ އަސަރު 33 މިލިއަން މީހުންނަށް ކޮށްފައިވާ އިރު، މިހާތަނަށް 1,100 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.

ޕާކިސްތާނުގައި ތިބި ދިވެހިންގެ ހާލަތާ ގުޅޭ ގޮތުން ފޮރިން މިނިސްޓްރީގެ ކޮމިއުނިކޭޝަން ސްޓްރެޓެޖިސްޓް ސަފާތު އަހުމަދު ޒާހިރު ވިދާޅުވީ, އިސްލާމްއާބާދުގައި ހުންނަ ރާއްޖޭގެ ހައި ކޮމިޝަންގައި މިވަގުތު ރަޖިސްޓްރީވެފައި ތިބީ 67 ދިވެހިން ކަމަށެވެ.

އޭގެ ތެރެއިން ގިނަ ދިވެހިން ތިބީ ލާހޫރާއި ކަރާޗީގައި ކަމަށާއި އެ އެންމެންގެ ހާލުވެސް ރަނގަޅު ކަމަށް ވިދާޅުވި އެވެ. އަދި އެ މީހުންގެ ހާލު މިނިސްޓްރީން ގާތުން ބަލައި, މޮނީޓާކުރަމުންދާ ކަމަށްވެސް ވިދާޅުވި އެވެ.

ޕާކިސްތާން ސަރުކާރުން ބުނާ ގޮތުން, ފެންބޮޑުވުމުގެ ސަބަބުން ލިބިފައިވާ ގެއްލުންތަކުގެ ފުރަތަމަ އަންދާޒާތައް 10 ބިލިއަން ޑޮލަރަށް އަރަ އެވެ.