އިނގިރޭސި ޒުވާން ޑިފެންޑަރު ވެސްލޭ ފޮފާނާ ހޯދުމުގެ ރޭސް ޗެލްސީ ކާމިޔާބު ކޮށްފައިވާ އިރު، މެޑިކަލް ފުރިހަމަކުރުމަށް އޭނާ އެމެރިކާގެ ނިއުޔޯކަށް ގެންގޮސްފިއެވެ.
ގާތްގަނޑަކަށް 75 މިލިއަން ޕައުންޑްގެ އަގަކަށް ފޮފާނާ ޗެލްސީއަށް ވިއްކާލަން ލެސްޓާ ސިޓީން އެއްބަސްވެފައިވާ އިރު، ސޮއިކުރުމަށް ހުރިހާ ކަމެއް މިހާރު ވަނީ ނިންމައިފައެވެ. އެއްބަސްވުމުގައި ސޮއިކޮށް ފޮފާނާގެ މެޑިކަލް ފުރިހަމަކުރަން ޗެލްސީން މަސައްކަތް ކުރަމުން އަންނަ އިރު، މެޑިކަލްއަށް އޭނާ ގޮސްފައިވަނީ އެމެރިކާއަށެވެ. ޗެލްސީގެ ވެރިންނަކީވެސް އެމެރިކާއަށް ނިސްބަތްވާ ގްރޫޕަކަށްވާ އިރު، އެ ކްލަބުގެ މިހާރު ޗެއާމަނަކީ އެމެރިކާގެ ބިލިއަނަރު ޓެޑް ބޮލީއެވެ.
ނޫސްތަކުން ބުނެފައިވަނީ ލަންޑަންގައި މެޑިކަލް ފުރިހަމަކުރުމުގެ ބަދަލުގައި ފޮފާނާ އެމެރިކާއަށް ދިޔައީ ބޮލީ އެކަމަށް ބޭނުންވުމުން ކަމަށާއި ބޮލީ އެކަމަށް ބޭނުންވީ ފޮފާނާއަށް މިދިޔަ އަހަރު ބޮޑު އަނިޔާއެއްވެފައި ހުރުމުން އެކަމުގެ ފުރިހަމަ ތަފްސީލު އެކުލެވޭ ރިޕޯޓެއް ހޯދުމަށް ކަމަށެވެ. ފޮފާނާގެ ފައި ބިންދައިގެން ގޮސް މިދިޔަ ސީޒަނުގެ ބޮޑުބައެއް އޭނާއަށް ގެއްލުނު ނަމަވެސް ފަހުން ވަނީ އަނިޔާއިން ރަނގަޅުވެ ކުޅެން ފަށައިފައެވެ. ހާއްސަކޮށް މިސީޒަނުގެ މިހާތަނަށް ފޮފާނާ ފެނިފައިވަނީ ރަނގަޅު ފޯމެއްގައެވެ.
ފޮފާނާ ޗެލްސީއަށް ގޮސްފައިވަނީ އޭނާ އެކަމަށް ވަރަށް ބޮޑަށް ބޭނުންވެގެންނެވެ. ޗެލްސީން ފުރަތަމަ ކުރި ތިން ބިޑަކަށް ލެސްޓާއިން ނޫނެކޭ ބުނެފައިވާ އިރު، އެ މައްސަލަ ހައްލުވަންދެން ފޮފާނާ ހުރީވެސް ސީނިއާ ޓީމުން ދުރުގައެވެ. ލެސްޓާގެ ކޯޗުކަމުގައި ހުރި ބްރެންޑަން ރޯޖާސް، ސީނިއާ ސްކޮޑުން ފޮފާނާ އެއްފަރާތްކޮށް ފަހުން ތަމްރީނު ކުރުވާފައި ވަނީވެސް 23 އަަހަރުން ދަށުގެ ޓީމާ އެކުގައެވެ.
މިހާތަނަށް ޓްރާންސްފާ މާކެޓުގައި 170 މިލިއަން ޕައުންޑް ހަރަދުކޮށްފައިވާ ޗެލްސީން އަންނަނީ ފޮފާނާގެ އިތުރުން އެވަޓަންގެ ފޯވަޑް އެންތަނީ ގޯޑަންއާއި ބާސެލޯނާގެ ޕީއޭ އެމެރިކް އަބަމަޔާންވެސް ހޯދަން މަސައްކަތް ކުރަމުންނެވެ. އެ ޓްރާންސްފާތަކަށް ކުރިއަށް އޮތް ދެ ދުވަސް ތެރޭ ޗެލްސީން ބުރަކޮށް މަސައްކަތް ކުރާނެ ކަމަށް ބެލެވެއެވެ.
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު