ޚަބަރު

ޅައިމަގު ބަނދަރު ހެދުމަށް ބޭނުންވާ ބޮޑުހިލައިގެ ތިންވަނަ ޝިޕްމަންޓް ގެންގޮސްފި

މުހައްމަދު ޖަމްޝަތް ވަހީދު

ށ. ޅައިމަގު ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުއަށް ބޭނުންވާ ބޮޑުހިލައިގެ ތިންވަނަ ޝިޕްމަންޓް ޕްރޮޖެކްޓް ސައިޓަށް މިއަދު ގެންގޮސްފިއެވެ.

ޕްލޭނިން މިނިސްޓްރީން ޅައިމަގު ބަނދަރު ހެދުމުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރީ ޑިސެމްބަރު 2019 ގައެވެ. މިއީ 56.3 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. އެމްޓީސީސީން މި މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާފައިވަނީ ޑިސެމްބަރު 2020 ގައެވެ.

މި މަޝްރޫއުގެ ދަށުން 31،000 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި 350 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި 500 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި 276 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށި ލުމާއި 1،380 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމެންޓް ހެދުމާއި އަދި މަގުބައްތި ހަރުކުރުން ހިމެނެއެވެ.