Close
ޚަބަރު

ގާޒީ ޗުއްޓީގައި ހުންނެވުމުން، އާރަށް މައްސަލައިގައި އަދީބާއި ޒިޔަތުގެ ހެކިބަސް ނެގުން ފަސްކޮށްފި

އަލީ ޔާމިން

ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކޮށްފައިވާ ރިޝްވަތު ހިފުމާއި މަނީ ލޯންޑަރިންގެ ދައުވާގެ މައްސަލަ ބައްލަވާ އިސް ގާޒީ އަހުމަދު ޝަކީލް ޗުއްޓީގައި ހުންނެވުމުން މިއަދުގެ އަޑުއެހުން ކެންސަލްކޮށްފިއެވެ.

އެ މައްސަލައިގައި މިމަހުގެ 23 ވަނަ ދުވަހު ބޭއްވި އަޑުއެހުމުގައި ގާޒީ ޝަކީލް ވަނީ، މިމަހުގެ 30 ވަނަ ދުވަހުގެ ހެނދުނު 9:30 އަށް ދެ ހެކިވެރިއެއްގެ ހެކިބަސް ނެގުން ތާވަލުކޮށްފައިވާ ކަމަށް ވިދާޅުވެފައެވެ. އެއީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އެމްއެމްޕީއާރްސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޒިޔަތުގެ ހެކިބަހެވެ.

ގާޒީ ޝަކީލް އެހެން ވިދާޅުވި ނަމަވެސް އެ އަޑުއެހުން ކްރިމިނަލް ކޯޓުގައި މިއަދަށް ތާވަލުކޮށްފައެއް ނުވެއެވެ.

"ވަން" އަށް މައުލޫމާތު ދެއްވަމުން ކްރިމިނަލް ކޯޓުގެ މީޑިއާ އޮފިޝަލު އަމާން މުހައްމަދު މިއަދު ވިދާޅުވީ، ގާޒީ ޝަކީލް ޗުއްޓީއަށް ވަޑައިގެންނެވީ މިދިޔަ އާދިއްތަ ދުވަހު ކަމަށާއި އެހެންވެ، އެ ސެކްޝަނުގެ ހުރިހާ އަޑުއެހުމެއް ކެންސަލްކޮށްފައިވާ ކަމަށެވެ. ރައީސް ޔާމީންގެ އަޑުއެހުމެއް އެންމެ އަވަހަށްވެސް ދެން ތާވަލުކުރާނީ އަންނަ މަހުގެ 13 ވަނަ ދުވަހުގެ ފަހުން ކަމަށް ވިދާޅުވިއެވެ.

އާރަށް މައްސަލައިގައި ފެލިދޫ ދާއިރާގެ ކުރީގެ މެންބަރު ޔޫސުފް ނައީމަށް ވަނީ ރިޝްވަތު ދިނުމުގެ ދައުވާ އުފުލައިފައެވެ. އެ މައްސަލައިގައި ޔޫސުފް ނައީމާއި ރައީސް ޔާމީންގެ ބައި ކުރިއަށް ގެންދަނީ އެއްކޮށެވެ.

ރައީސް ޔާމީނަށް ކުރާ ދައުވާގައިވާ ގޮތުން އާރަށް ފިޝަރީޒް މިނިސްޓްރީގެ ބެލުމުގެ ދަށުގައި އޮއްވައި ޓޫރިޒަމް މިނިސްޓްރީގެ ދަށަށް ބަދަލުކުރީ 2015 ވަނަ އަހަރުގެ އޯގަސްޓު މަހުގެ ނުވަ ވަނަ ދުވަހުއެވެ. އަދި 13 އޯގަސްޓު 2015 ގައި އެ މައްސަލައިގައި ދެން ހިމެނޭ ފަރާތް، ޔޫސުފް ނައީމްގެ ހިއްސާ އޮންނަ ޓޫޖީ ޕްރައިވެޓް ލިމިޓެޑް ނަމަކަށް ކިޔާ ކުންފުންޏެއް އުފައްދައި އެމްއެމްޕީއާރްސީ މެދުވެރިކޮށް ޓޫޖީ ޕްރައިވެޓް ލިމިޓެޑަށް އެރަށް ދޫކުރީ ޔާމީނުގެ ނުފޫޒު ބޭނުން ކުރައްވައިގެން ކަމަށް ދައުލަތުން ވަނީ ބުނެފައެވެ.

ޓޫޖީ ޕްރައިވެޓް ލިމިޓެޑާއި އެމްއެމްޕީއާރްސީއާ ދެމެދު ސޮއިކޮށްފައިވަނީ 9 ސެޕްޓެމްބަރު 2015ގައި ކަމަށާއި އޭގެ އެއް ދުވަސް ކުރިން 8 ސެޕްޓެމްބަރު 2015 ގައި ޓޫޖީގެ 99 ޕަސަންޓް ހިއްސާ ވިއްކާލައިފައިވާ ކަމަށާއި އެ ހިއްސާ ވިއްކި ފަރާތުން 9 ސެޕްޓެމްބަރުގައި އެއް މިލިއަން ޑޮލަރުގެ ޗެކެއް ޔޫސުފް ނައީމަށް ދީފައިވާ ކަމަށް ދައުލަތުން ބުނެފައިވެއެވެ. އަދި 13 ސެޕްޓެމްބަރުގައި އެ ޗެކްގެ ފައިސާ ޔޫސުފް ނައީމްގެ އެކައުންޓަށް ޖަމާވި ކަމަށާއި އޭގެ ދެ ދުވަސް ފަހުން 15 ސެޕްޓެމްބަރުގައި ޔޫސުފް ނައީމްގެ އެކައުންޓުން އެ ފައިސާ ނަގައި ރައީސް ޔާމީނުގެ އެކައުންޓަށް ޖަމާކޮށްފައިވާ ކަމަށާއި އެ ފައިސާ އެހެން، ފައިސާތަކާ އެއްކުރައްވައިގެން ޔާމީން ވަނީ މަނީ ލޯންޑާކުރައްވާފައި ކަމަށް ދައުލަތުން ބުނެފައިވެއެވެ.