ދުނިޔެ

ކޮކްޕިޓް ތެރޭގައި ދެ ޕައިލެޓުން އެކަކު އަނެކެއްގެ ގަޔަށް އަތްލައި މާރާމާރީ ހިންގައިފި

ފްރާންސްގެ ޕެރިހުން ފުރައިގެން ސުވިޒަލެންޑުގެ ޖެނީވާއަށް ދަތުރުކުރި އެއަރ ފްރާންސްގެ މަތިންދާބޯޓެއްގެ ކޮކްޕިޓްގެ ތެރޭގައި ޕައިލެޓާއި ކޯޕައިލެޓް އެކަކު އަނެކެއްގެ ގަޔަށް އަތްލައި މާރާމާރީ ހިންގި މައްސަލައެއް ފެންމަތިވެ އެއަރލައިނުގެ ފަރާތުން އެ ދެ ޕައިލެޓުންވެސް ސަސްޕެންޑްކޮށްފިއެވެ.

ސުވިޒަރލެންޑުގެ ލަ ޓްރައިބިއުން ނޫހުން ރިޕޯޓްކުރި ގޮތުގައި ދެ ޕައިލެޓުންގެ މެދުގައި ޒުވާބު ފެށުނީ ޕެރިހުން ނައްޓާލުމާއެކުގައެވެ. އެކެއްގެ ކަންކަށިމަތީގައި އަނެކަކު ޖެހުމާއެކު ދެމީހުންވެސް އެކަކު އަނެކެއްގެ ކަރުގައި ހިފައި މާރާމާރީ ހިންގަން ފެށީމާ އެކަން ހައްލުކުރީ ކެބިން ކްރޫއިން ކޮކްޕިޓްގެ ތެރެއަށް ވަދެގެންނެވެ. ޖެނީވާއަށް މަތިންދާބޯޓު ތިރިކުރުމާ ހަމަޔަށް ދެ ޕައިލެޓުންނަށް ފާރަވެރިވާން ކޮކްޕިޓް ތެރޭގައި ކެބިން ކްރޫން ދެމިތިބި ކަމަށް އެނގިފައިވެއެވެ.

މިހާދިސާ ހިނގާފައި ވަނީ މިއަހަރުގެ ޖޫންމަހުގެ ތެރޭގައެވެ. އެކަމަކު މީޑިއާއަށް މިކަން ތިލަވެގެން އައިސް ރިޕޯޓްކޮށްފައިވަނީ ހުސްވި ހަފުތާ ތެރޭގައެވެ. މި ހާދިސާ ހިނގާފައި މިވަނީ އެއަރ ފްރާންސްގެ ޕައިލެޓުންގެ ތެރޭގައި މަސައްކަތަށް އިހުމާލުވުމާއި ސަލާމަތާއި ރައްކާތެރިކަން ގެއްލޭ ކަހަލަ ކަންކަން ކުރުން ގިނަ ކަމަށް ފާހަގަ ކުރެވިގެން ޚާއްސަ ތަހުގީގެއްވެސް ހިންގައި ޚާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައިވާ ދަނޑިވަޅެއްގައެވެ. ދާދިފަހުން ކޮންގޯއިން ފްރާންސަށް ކުރި ދިގު ދަތުރެއްގައިވެސް އިންޖީނުގައި އަލިފާން ހިފައި ނުރައްކާތެރި ހާދިސާއެއް ހިނގައިފާނެ ގޮތަކަށް ޕައިލެޓުން އަމަލުކުރި މައްސަލައެއް ފެންމަތި ވެފައިވެއެވެ.

އެއަރ ފްރާންސަކީ ޔޫރަޕުގެ އެންމެ ބޮޑެތި އެއަރލައިންތަކުގެ ތެރެއިން އެއް އެއަރލައިނެވެ. އެންމެ ފަހުގެ ހާދިސާތަކާއި ގުޅިގެން އެއަރލައިނުގެ ފަރާތުން ބުނެފައިވަނީ ދަތުރުވެރިންގެ ރައްކާތެރިކަމާއި ގުޅުންހުރި ކަންކަން އަބަދުވެސް އެންމެ މަތީ ދަރަޖައިގައި ދަމަހައްޓާނެ ކަމަށާއި ގަވާއިދަށް ނުފެތި ކުރެވޭ ކޮންމެ ކަމެއް ތަހުގީގުކޮށް އެކަންކަން ފަހުން ތަކުރާރުނުވާނޭ މަގުން ފިޔަވަޅު އަޅަމުންދާ ކަމުގައެވެ. ކޮކްޕިޓް ތެރޭގައި މާރާމާރީ ހިންގި ޕައިލެޓުންގެ ނަމާއި މާރާމާރީއަށް މަގުފަހިވި ސަބަބު އެއްވެސް ފަރާތަކުން ހާމައެއް ނުކުރެއެވެ.