ދިރާގާއި ވިމެން އިން ޓެކް މޯލްޑިވްސް ގުޅިގެން ކުރިއަށް ގެންދިޔަ "ގާލްސް އިން ޑޭޓާ" ނިންމާލައިފިއެވެ.
ދިރާގުން މިއަދު ބުނީ، "ގާލްސް އިން ޑޭޓާ" ޕްރޮގްރާމަކީ ޑޭޓާ އިންޓެންސިވް ދުނިޔޭގައި ޑޭޓާގެ މުހިންމުކަން އަންހެން ކުދިންނަށް ދަސްކޮށްދިނުމުގެ މަގުސަދުގައި ކުރިއަށް ގެންދިޔަ ޕްރޮގްރާމެއް ކަމަށެވެ.
އެ ޕްރޮގްރާމްގެ ބައިވެރިން ދަސްކުރި ހުނަރުތައް ބޭނުންކޮށްގެން ތައްޔާރުކުރި ޕްރޮޖެކްޓްތަކެއް ވެސް ހުށަހަޅާފައިވެއެވެ. 10 އަހަރާއި 13 އަހަރާއި ދެމެދުގެ 25 ކުދިން މިޕްރޮގްރާމް ފުރިހަމަ ކުރިއެވެ.
މެއި މަހުގެ 22 ވަނަ ދުވަހުން ފެށިގެން ދޮޅު މަސް ދުވަހަށް އޮންލައިންކޮށް ކުރިއަށް ގެންދިޔަ އެ ޕްރޮގްރާމްގައި ޑޭޓާ އެއްކުރުމާއި އޭގެން މާނަ ދޭހަކުރުމާއި ޑޭޓާ ބޭނުންކޮށްގެން މުހިއްމު ނިންމުންތައް ނިންމާނެ ގޮތްތައް ދަސްކޮށްދީފައިވެއެވެ. އަދި އެކި އެކި މައްސަލަތައް ހައްލުކުރުމަށް ޑޭޓާ ހޯދާނެގޮތާއި ޑޭޓާ އެއްކުރުމުގެ އަމަލީ މަސައްކަތްތަކެއް ވެސް ދަސްކޮށްދިނެވެ. އެގޮތުން މޯލްޑިވްސް ނޭޝަނަލް ލައިބްރަރީއަށް ޒިޔާރަތްކޮށް ޑޭޓާ އެއްކުރުމުގެ އަމަލީ މަސައްކަތްތަކެއްވެސް ބައިވެރިން ފުރިހަމަކުރި ކަމަށް ދިރާގުން ބުންޏެވެ.
ހޮނިހިރު ދުވަހުގެ ހަވީރު "ގާލްސް އިން ޑޭޓާ" ޕްރޮގްރާމް ނިންމާލުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ދިރާގުގެ ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ މެނޭޖަރު ބިޝާރާ ހަމީދު ވިދާޅުވީ ކުދިންގެ ޅަ އުމުރުގައިވެސް މިފަދަ ދާއިރާއަކަށް ލޯ ހުޅުވި، މިއީ ކުރެވިދާނެ ކަމެއްކަން އަމިއްލައަށް ގަބޫލުކުރެވި، އަމިއްލަ ނަފުސަށް އިތުބާރު ކުރެވުމަކީ މި ޕްރޮގްރާމުގެ އެންމެ މުހިންމު އެއް މަގުސަދު ކަމަށެވެ.
މުސްތަގުބަލުގައި ކޮންމެ ދާއިރާއަކުން ކުރިއަށް ދިއުމަށް އަޒުމް ކަނޑައެޅިކަމުގައި ވީނަމަވެސް ޑޭޓާ ސައިންސް އަދި ޑޭޓާ އެނެލެޓިކްސް އަކީ މިހާރު ވަރަށް މުހިންމު ހުނަރެއް ކަމަށް އޭނާ ވިދާޅުވިއެވެ.
ވިމެން އިން ޓެކްގެ ނައިބު ރައީސާ މަރިޔަމް އަސްނާ ވިދާޅުވީ، "ގާލްސް އިން ޑޭޓާ" ޕްރޮގްރާމްގެ ޒަރީއާއިން ބައިވެރިންނަށް އާ ކަންތައްތަކެއް ދަސްކުރުމުގެ ފުރުސަތު ލިބެގެން ދިޔަ ކަމަށާއި ބައިވެރިން ޑޭޓާ ސައިންސްގެ ދާއިރާއަށް ޝައުގުވެރިކަން އުފެދިގެން ދިޔަ ކަމަށް އުންމީދުކުރާ ކަމަށެވެ. އަދި ޕްރޮގްރާމްގައި ދަސްވި މައުލޫމާތާއި ދަސްވި ކަންތައްތަކުގެ އެހީގައި އެ ދާއިރާއިން ކުރިއަށް ދިއުމަށް އޭނާ އެދުނެވެ.
މިއީ އަންހެން ކުދިންނަށް އަމާޒުކޮށްގެން ޑޭޓާ ލިޓަރެސީ ޕްރޮގްރާމެއް ރާއްޖޭގައި ކުރިއަށް ގެންދިޔަ ފުރަތަމަ ފަހަރެވެ. އެ ސީރީސްގެ އިތުރު ޕްރޮގްރާމްތަކެއް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ކުރިއަށް ގެންދިޔުމަށް ރޭވިފައިވާ ކަމަށް ދިރާގުން ބުންޏެވެ.
ދެހާސް ނަވާރަވަނަ އަހަރުން ފެށިގެން ދިރާގާއި ވިމެން އިން ޓެކް މޯލްޑިވްސް ގުޅިގެން އަންހެން ކުދިންނަށް ޓެކްނޮލޮޖީގެ ދާއިރާގައި ބާރުވެރިކުރުމަށް، ކޯޑިން ދަސްކޮށްދިނުމުގެ މަގުސަދުގައި ގާލްސް ޓު ކޯޑްގެ ނަމުގައި އަހަރީ ޕްރޮގްރާމެއް ދަނީ ހިންގަމުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު