ހިތުގެ ޓެސްޓުތަކެއް ހެދުމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު، ރައްޔިތުންގެ މަޖިލީހުގެ މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހީމް ދަރުމަވަންތަ ހޮސްޕިޓަލުގައި އެޑްމިޓް ކުރުމަށްފަހު ގެއަށް ފޮނުވާލައިފިއެވެ.

އިއްޔެގެ ވަގުތެއްގައި ދަރުމަވަންތަ ހޮސްޕިޓަލުގައި ގާސިމް އެޑްމިޓުކުރީ، އެޑްމިޓްކޮށްގެން ނޫނީ ނުހެދޭ ހިތުގެ ޓެސްޓުތަކެއް ހެދުމަށެވެ.

"ވަން" އަށް އެނގިފައިވާ ގޮތުގައި އެ ޓެސްޓުތައް ހަދައި ނިމުމުން މިރޭގެ ވަގުތެއްގައި ގާސިމް ވަނީ ޑިސްޗާޖު ކޮށްފައެވެ. އޭނާ މިހާރު ހުންނެވީ ގޭގައެވެ.

ކުރިއަަށްއޮތް ރިޔާސީ އިންތިހާބަށް ތައްޔާރުވުމުގެ ގޮތުގެ ގޮތުން ޖުމްހޫރީ ޕާޓީގެ ހަރަކާތްތައް މި ފަހަކަށް އައިސް ވަނީ ވަރުގަދަ ކޮށްފައެވެ. ރިޔާސީ ރޭހަށް ޖުމްހޫރީ ޕާޓީން ކެންޑިޑޭޓެއް ނެރޭނެ ކަމަށް ވެސް ގާސިމް ވަނީ ވިދާޅުވެފައެވެ.

ޖުމްހޫރީ ޕާޓީއަކީ މިވަގުތު ވެރިކަމުގައި އޮތް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ކޯލިޝަނުގައި ހިމެނޭ އެމްޑީޕީ ފިޔަވައި ދެން އެންމެ ބޮޑު ޕާޓްނަރެވެ.