ދެފަރާތުން އެއްބަސްވެ، އިނގިރޭސި މިޑްފީލްޑަރު ރޮސް ބާކްލޭ ޗެލްސީ ދޫކޮށްލައިފިއެވެ.
ބާކްލޭ ޗެލްސީއާއެކު ވެފައިވާ އެއްބަސްވުން ދެފަރާތުން އެއްބަސްވެ އުވާލުމާއެކު، އޭނާ ވެފައިވަނީ ފްރީ އެޖެންޓަކަށެވެ. އުމުރުން 28 އަހަރުގެ ބާކްލޭ ކުރިން ރަނގަޅު ފޯމެއްގައި ކުޅުނު ނަމަވެސް ޗެލްސީއަށް ގޮސް އޭނާއަށް ރަނގަޅު ކުޅުމެއް ދެއްކިފައެއް ނުވެއެވެ. 2019 ވަނަ އަހަރަށްފަހު ބާކްލޭ އިންގްލެންޑް ގައުމީ ސްކޮޑަށްވެސް ނަގައިފައެއް ނުވެއެވެ.
ޗެލްސީން 2018 ވަނަ އަހަރު އެވަޓަންއިން ބާކްލޭ ގެންދިޔާ 15 މިލިއަން ޕައުންޑުގެ އަގެއްގައެވެ. އެވަޓަންއާއެކު އުމުރުން 17 އަހަރުގައި ޕްރިމިއާ ލީގުގެ ފުރަތަމަ މެޗު ބާކްލޭ ކުޅެފައިވާ އިރު، ޒުވާން އުމުރުގައި އޭނާ ފެނުނީ ފޯމު ރަނގަޅަށެވެ. އެހެން ނަމަވެސް ޗެލްސީއަށް ބަދަލުވިފަހުން ފޯމު ގެއްލި، ޗެލްސީގެ ފުރަތަމަ 11 އިންވެސް ބާކްލޭއަށް ޖާގަ ލިބިފައި ވަނީ މަދު މެޗުތަކަށެވެ.
އިންގްލެންޑް ގައުމީ ޓީމަށް 33 މެޗު ކުޅެފައިވާ ބާކްލޭ އެންމެފަހުން ޗެލްސީއަށް ކުޅުނީ މިދިޔަ ސީޒަނުގެ ފަހު މެޗެވެ. އެ މެޗުގައި ވޮޓްފޯޑާ ދެކޮޅަށް ޗެލްސީން ކުޅުނު އިރު، ބާކްލޭ ވަނީ މެޗުގައި ގޯލުވެސް ޖަހައިފައެވެ. ޗެލްސީން އެ މެޗުގައި ވޮޓްފޯޑު ބަލިކުރީ 2-1 ގެ ނަތީޖާއަކުންނެވެ.
ބާކްލޭ ވަނީ ޗެލްސީ އާއި އެވަޓަންގެ އިތުރުން އެސްޓޮން ވިލާއަށްވެސް ކުޅެފައެވެ. އޭނާ ވަނީ ޕްރިމިއާ ލީގުގައި ޖުމުލަ 232 މެޗު ކުޅެފައެވެ. އެ 232 މެޗުގައި ބާކްލޭ ވަނީ 29 ގޯލު ޖަހައި 28 އެސިސްޓް ފުރިހަމަ ކޮށްފައެވެ.
ޗެލްސީ
ޗެލްސީ
ޗެލްސީ
ޗެލްސީ