ރިޕޯޓް

އަބީދުގެ ލެންސުން ރާއްޖެ: ހުރިހާ ރަށެއްގެ އަގުހުރި މަންޒަރުތައް، ކޮންމެ ރަށެއްގައިވެސް ހެޔޮލަފާ ރައްޓެއްސެއް

މުޙައްމަދު ޝަމްޢޫން

ފ. ދަރަނބޫދޫއަށް އުފަން މަގުބޫލު ފޮޓޯގްރަފަރު، އަބްދުﷲ އަބީދަކީ އާ ނަމަކަށް ނުވާނެއެވެ. އަބީދުގެ މަސައްކަތްތައްވެސް އަލެއް ނުވާނެއެވެ. ރީތި އެތައް ތަސްވީރުތަކެއް، އެތައް މުހިއްމު ވަގުތުތަކެއް، އެތައް ހަނދާންތަކެއް، އެކި ހިސާބުތަކުން ގެނެސްދީ، އަބީދު މިހާރ އެ ހުރީ ފޮޓޯގްރަފީގެ އެންމެ އުހުގައެވެ. ކެމެރާއެއް ހިފައިގެން ހިތްވަރާއެކު ނުކުމެ، މަދު ދުވަސްކޮޅެއްގެ ތެރޭގައި އެތައް ބައެއްގެ ހިތްތައް އަބީދު ދަމައިގަތީ ތަފާތު ވިސްނުމެއްގައި ކެމެރާގެ ލެންސް ހިންގާލައިގެންނެވެ. އަބީދުގެ ކެރިއަރުގެ ވާހަކަ މީގެ ކުރިންވެސް އިވިފައި އޮވެދާނެ އެވެ. ނަމަވެސް، އޭނާގެ ކެރިއަރުން ދަސްވި އެތައް ވާހަކައެއް، ލިބުނު އެތައް މައުލޫމާތެއް ނޭނގި އޮވެދާނެއެވެ.

އަބީދުގެ ފޮޓޯތަކުން ބުނެދޭ ފުން ވާހަކަތަކެއް އަބަދުވެސް ވެއެވެ.

އަބީދުގެ ސޯޝަލް މީޑިއާގެ ޕްލެޓްފޯމްތަކުން ފެންނަ އެއް ތަފާތަކީ، ރަށްރަށުގެ ތަފާތު މަންޒަރުތަކެވެ. ފޮޓޯތަކުގައި ލިޔެލާ ފަށުވި "ކެޕްޝަން"ތަކެވެ. ކުޅިވަރުގެ ތަފާތު ފޮޓޯތަކެވެ. "އެކްޓެއް ނެތް"، ދިރުން ފެނިގެންދާ ތަފާތު ފޮޓޯތަކެވެ. އެ ފޮޓޯތަކުން އެހެން މީހުންނަށް އިހުސާސްތަކެއް ކިޔައިދެއެވެ. ތަފާތު މެސެޖުތައް ދެއެވެ. ހާއްސަކޮށް ރާއްޖޭގެ އެތައް ހިސާބެއްގެ، ނުފެނި، ޒަމާންވެފައިވާ މަންޒަރުތައްވެސް އަބީދު ވަނީ ގެނެސްދީފައެވެ. "ކެމެރާއެއް ކޮނޑަށް" ލައިގެން މުޅި ރާއްޖެ ފަތަހަކުރި ކުރުމުގައި އަބީދަށް ދިމާވި އެތައް ކަމެއްގެ ތެރެއިން "ވަން"އަށް މި ކިޔައިދިން ވާހަކަތައްވެސް ނުހަނު ޝައުގުވެރިއެވެ.

"ދަތުރުތަކުގައި ވާގޮތަކީ ދެވޭ ގަޑިއަކާ ދިމާކޮށް އެ އަންނަނީ އެކަހަލަ ފޮޓޯތައް. ރަށްރަށުގެ ފޮޓޯތައް ފީޑުގެ އިތުރުން އާކައިވްގައިވެސް ވަރަށް ބައިވަރު ހުންނާނެ. ފެށުމުގެ ގޮތުން ދާދިފަހުން ދިޔަ ދަތުރެއްގެ ތަޖުރިބާ އަހަރެން ކިޔާލަ ދީފާނަން. މިސާލަކަށް މިދެވުނީ ހުކުރު ކުރީގައި. ދެން ގޮސް ސައިބޯން ބުނީމަ އަހަރެން ބުނީ ސައިބޯނީ ފަހުންނޭ. ވާރެއާއެކު ކުޑަ ނަގައިގެން ނުކުތީ. އެއީ ކާފަމެން ކުދިން ގޮވައިގެން ހުކުރަށް ދާ މަންޒަރު ކަހަލަ މަންޒަރުތައް ނަގަން،" އަބީދު ނަގާފައިވާ ރަށެއްގެ ތަފާތު ފޮޓޯއެއް ދައްކަމުން އޭނާގެ ވާހަކަ ފެށިއެވެ.

އަބީދު ރަށްރަށަށް ގޮސް، ކުރަމުން އަންނަ މަސައްކަތުގެ ބޭރުން ވަގުތު ހުސްކޮށް، ރަށުގެ ދިރިއުޅުން އާންމުންނަށް ދައްކައިލަދިނުމަށް ވަގުތުތަކެއް ހޭދަކުރެއެވެ. އެއީ މަސައްކަތަށް ހުންނަ ލޯތްބެއްގެ ބޮޑުކަމުން ކުރަމުން އަންނަ ކަމެކެވެ. ފަތިހު ހޭލައިގެން ކުނި ކަހާތަން ނަގަން ވެސް ދެއެވެ. ހުކުރު ކުރިން މޫދަށް އެރި، ޒުވާނުންގެ ސަކަ މިޒާޖުގެ ފޮޓޯތަކަށްވެސް ވަގުތު ހުސް ކުރެއެވެ. ދަނޑެއްގައި، ކޯޓެއްގައި، ނޫންނަމަ ހުސް ބިމެއްގައި ކުޅިވަރެއް ކުޅޭނަމަ، އެ މަންޒަރުތައްވެސް ނަގައި އާކައިވް ކުރެއެވެ.

އަބީދުގެ ނަޒަރުގައި ރަށްރަށުގެ ސާދާ، ޗާލު ދިރިއުޅުމަކީ ރާއްޖޭގެ "އަސްލު ހަގީގީ"، ދިވެހި ވަންތަކަމެވެ. އެ މަންޒަރުތަކުން ސާފުވެގެންދަނީ ހަގީގީ ދިވެހި ރާއްޖެއެވެ.

"މުޅި ރާއްޖެއިން 12 ހާހަށްވުރެ ގިނަ ފޮލޯވާސް އެބަތިބި. ރަނގަޅު ކޮމިއުނިޓީއެއް ބިނާކުރެވިއްޖެ. އެތައް ބަޔަކު ފޮޓޯތައް ޝެއާވެސް ކުރޭ. އެގޮތަށް ނަގާ ފޮޓޯތައް އުފަން ރަށާ ދުރުގައި އުޅޭ މީހުންނަށް ވަރަށް ބޮޑަށް ޝައުގުވެރި އެބަވޭ. މާމަ ނުފެނި އެތައް ދުވަހެއް ވެފައި ތިބޭ މީހުންނަށް މާމަވެސް އެބަ ދައްކައިލެވޭ. ރަށަށް ނުދެވި އުޅޭ އެތައް ބަޔަކަށް ރަށު ހަނދާން އާވެގެން މެސެޖުވެސް ކުރޭ. އެ ރަށްރަށަށް ދެވޭ ހިސާބުން ބުނެފަ އެބަހުރި މީހުން، ކާފަ ނޫނީ މާމަ އުޅޭނޭ، ބަލާލަ ދޭށޭ،" އަބީދު އޭނާ ބިނާކުރަމުން އަންނަ "ފޭން ބޭސް"ގެ ވާހަކަ ކިޔައިދިނެވެ.

އަބީދުގެ ނަޒަރުގައި އަތޮޅު ތެރޭގެ ރަށްރަށުން އުފާވެރި މޫނުތަކެއް ފެނުން އެއީ އޭނާއަށް ފާހަގަވާ ތަފާތެކެވެ. ކޮންމެ ރަށަކުން އޭނާއަށް މަރުހަބާ ކިޔަނީވެސް ހިނިތުންވުމާއެކުގައެވެ. އެއީ މާލޭގެ މަންޒަރުތަކާއި އަތޮޅު ތެރޭގެ ހިތްގައިމު ދިރިއުޅުމުގެ ތަފާތު، ފޮޓޯތަކުން ގެނެސްދެވޭ ގޮތެކެވެ. ބީރައްޓެހި ރަށެއް އަބީދަކާ ދިމަލެއް ނުވެއެވެ. އުތުރާއި ދެކުނުންވެސް މެހެމާންދާރީ އަބަދުވެސް ފުރިހަމައެވެ. އެ ހިނިތުންވުމުގެ ތަސްވީރުތައް މުޅި ރާއްޖޭގެ ކަންކޮޅުތަކަށް ދައްކާލުމަކީ އަބީދުގެ އަތޮޅު ތެރެއަށް ހާއްސަ ފޮޓޯތަކުގެ އެއް މަގުސަދެވެ. "ކުޅުވާފައިވާ އެއްވެސް" މަންޒަރެއް އެ ފޮޓޯތަކުގައި ނުހިމެނެއެވެ.

ވަޒީފާގެ ގޮތުންނާއި ކުރާ ހިތުންކުރާ ފޮޓޯ ނެގުމުގެ މަސައްކަތާއެކު އަބީދަށް މިހާރު ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ދެވިއްޖެއެވެ. ކޮންމެ ރަށަކުން ގެނެސްދެނީ ތަފާތު ވާހަކައެކެވެ. އަބަދު ގެނެސްދެނީ އުފާވެރިކަމުގެ މަންޒަރުތަކެއްވެސް ނޫނެވެ. ތާރީހާއި ސަގާފަތެވެ. ބަދަލުވަމުން އަންނަ ދިރިއުޅުމުގެ ވާހަކައެވެ. ހަމަ އެހެންމެ ނުތަނަވަސްކަމުގެ ވާހަކަތައްވެސް އަބީދުގެ ފޮޓޯތަކުން ގެނެސްދީފައި އެބަހުއްޓެވެ. އެއީ ފޮޓޯއިން އަބީދު ކިޔައިދޭން ބޭނުންވާ ވާހަކަތެކެވެ. އެކިއެކި ތަޖުރިބާތަކުން އާންމުންނަށް ކުރަހާލަދޭން ބޭނުންވާ މަންޒަރެވެ.

"އެކަނިމާއެކަނިވެސް ދަތުރު ކުރެވިފައި އެބަހުރި. އެހެން ގޮސް ރާއްޖޭގެ ހުރިހާ ރަށަކަށް ދެވިފަ ހުންނާނެ. އެތައް ބަޔަކާއެކުވެސް، އަދި ހަމައެކަނިވެސް ބައެއް ރަށްރަށަށް ދެވިފަ ހުންނާނެ. ވިސްނާލާ ދެން އެ ތަޖުރިބާތައް. އެތައް ކަމެއް ތަޖުރިބާ ކުރެވިއްޖެ. އެތައް މަންޒަރެއް ފެނިފަ ހުންނާނެ. ރާއްޖޭގަ ހިނގި އެތައް ކަމެއްގަ ޝާމިލުވެވިފައިވެސް ހުންނާނެ،" 2011 ހިސާބު، އަތޮޅުތަކުގެ މަންޒަރުތައް ގެންނަން ފެށި އަބީދު ބުންޏެވެ.

މަޖާ، ސަގާފީ، ނޭނގޭ ވާހަކަތަކެއް އެނގިފައި އެބަހުރި

ފޮޓޯގެ ދުނިޔޭގައި ކުރެވުނު އެތައް ދަތުރެއްގެ ތެރެއިން، ކޮންމެ ދުވަހަކުވެސް ދިމާވެފައި ވަނީ ތަފާތު ތަޖުރިބާއަކާއެވެ. ކޮންމެ ރަށަކުންވެސް ފެންނަނީ "ކޮންމެހެންވެސް ޑޮކިއުމަންޓް" ކުރަން ޖެހޭނެ ކަހަލަ މަންޒަރުތަކެކެވެ. އެތައް ވާހަކައެއް ކަންފަތަށް އަޑުއިވި، އަބީދަކީ ރަށްރަށުގެ ޒަމާންވީ އެތައް ވާހަކައެއް އަޑުއަހައިގެން ހުރި ފޮޓޯގްރަފަރެއްވެސްމެއެވެ. އެއީ ފޮޓޯގްރަފަރުންގެ ނަޒަރުން އަބީދު ހާއްސަވާ އެއް ސަބަބުވެސް މެއެވެ.

"ވަރަށް މަޖާ ވާހަކަތައްވެސް ހުންނާނެ. މަޖާ ތަޖުރިބާތަކުގައި ނެގި ފޮޓޯތައްވެސް ހުންނާނެ. އެކުވެރިންނާ ދިމާވެ، އެކުވެރިން އުފެދޭންވެސް އުފެދޭ. ވަރަށް ބައިވަރު މީހުންގެ ވާހަކަތައްވެސް އެނގޭނެ. އެންމެފަހުން ދިޔަ ވޭވަށުން ދިމާވި ކަމެއް ކިޔާލަދީފާނަން. މިސްކިތް ކައިރީގަ ބާއްވާފައި އޮތް ވަރަށް ޒަމާންވީ ހިލަގަނޑެއް، އެ ހިލަގަނޑުގެ ހަގީގަތް ހޯދަން އަހާލީ. އެއީ ޒަމާންވީ މިސްކިތެއް ކައިރީ އާ ހިލަގަނޑެއް އޮތީމަ. ދެން އެމީހުން ބުނީ އަސްލު އޭރު ބޯޓު ދަތުރުކުރުމަށް ފުރުސަތު ލިބުނު މަދު މީހުން ތެރޭގަ ހިމެނުނު 80 ވަރަކަށް އަހަރު މިހާރުވެފައިވާ މީހަކު ހަދިޔާއަކަށް ހަރު އެއްޗެއް ގެންނާށޭ ބުނީމަ ގެނައި ހިލަގަނޑެއް ކަމަށް. ރަށު އެންމެންނަށް ބޭނުން ކުރެވޭނެ އެއްޗެއް ގެންނަން އޭނާ ގެންދިޔަ އެއްޗެއް އެއީ. އެ ވާހަކަތައްވެސް އެނގޭ،" އަބީދު އޭނާގެ ތަފާތު ތަޖުރިބާއެއް ކިޔައިދެމުން ބުންޏެވެ.

އަބީދަށް ރާއްޖޭގެ ކަންކޮޅުތަކުން ތާރީހީ އަދި ފްލޯކް ވާހަކަތައްވެސް އެނގިފައި އެބަހުއްޓެވެ. "ވަން"އާ ވާހަކަ ދައްކަމުން އޭނާ ވަނީ ލ. ގާދޫގެ ވެލާއެރުމުގެ ވާހަކަތަކާއި އެރަށުން މީހުން ބޭލި ވާހަކައިގެ ހަނދާންތައްވެސް ކިޔައިދީފައެވެ. އަދި ގދ. ގަން ފަޅުވި ގޮތުގު ވާހަކައިގައި އޭނާއަށް އިވިފައިވާ ވާހަކަތައް ކިޔައިދީފައެވެ. އެ ހުރިހާ ވާހަކަތަކުން އަބީދުގެ މައުލޫމާތުވެސް ނުހަނު މުއްސަނދިކަން އެނގެއެވެ. ހައްތާވެސް ފޮޓޯއިން ލިބުނު ތަޖުރިބާއެވެ. އަބީދުގެ ނަޒަރުގައި އުތީމުގަނޑުވަރުގެ ފޮޓޯތައް ނަގަން ދިއުމުގެ ފުރުސަތު ލިބުމަކީ އޭނާއަށް ލިބުނު އެންމެ ބޮޑު އެއް ޝަރަފެވެ.

"އާސާރީ ބައެއް ތަންތަނަށް ދިޔައީމާ އަސްލު ހީބިހި ނަގައިގެން ދޭ. ސަވާދީއްތަ ދަތުރުގަ އުތީމު ގަނޑުވަރުގަ ކެއުމަކަށް އިންސާފުކޮށްލުމުގެ ފުރުސަތުވެސް ލިބުނު. އެއީ ކުރިން ރައީސް މައުމޫނަށްފަހުން އެކަމަށް ފުރުސަތު ލިބުނު ފުރުސަތު ކަންނޭނގެ. ގަނޑުވަރު ތެރޭގަ ތަންތަން ފޮޓޯ ނަގަން ލިބުމަކީ ލިބުނު ވަރަށް ބޮޑު ޝަރަފެއް،" ރާއްޖޭގެ ހުރިހާ ރަށެއްގެ ފޮޓޯތައްވެސް އާކައިވްގައި ހުރި އަބީދު ބުންޏެވެ.

އަބީދުގެ ފޮޓޯ އާކައިވްގައި، ރާއްޖެއިން މިހާރު ގެއްލިފައިވާ ބައެއް ކަންކަން، ނޫނީ ގެއްލެމުންދާ ބައެއް ކަންކަމުގެ އެތައް ފޮޓޯއެއްވެސް އެބަހުއްޓެވެ. ހާއްސަކޮށް ތަރައްގީއާއެކު ގެއްލިގެންދާނެ ނުވަތަ ގޮސްދާނެ މަސައްކަތްތަކެއްގެ ފޮޓޯ، ނޫނީ އެއްޗެހީގެ ފޮޓޯ ވަރަށް ގިނައިން އާކައިވްގައި ހުންނާނެ ކަމަށް އޭނާ ބުންޏެވެ. އަބީދުގެ ނަޒަރުގައި އެ ފޮޓޯތަކަށް ސަމާލުކަން ދެވެނީ ރަށަށް އެރުމުގެ ކުރިން ރަށަށް ވިސްނައި ހިޔާލު ހިންގައިގެންނެވެ.

"ރަށަކަށް އެރުމުގެ ކުރިން އެރަށުގެ ކަންކަން ދިރާސާ ކޮށްލަން. އާބާދީއާއި ކަންކަން ބަލައިލައި، އެ ރަށުގެ ކަންކަން ހުންނަ ގޮތް އަބަދުވެސް ބަލަން. ރަށުގެ ހާއްސަ ކަންކަންވެސް ވީ ވަރަކުން ބަލާފަ ދަނީ. އެގޮތަށް ބަލަނީ ރަށްރަށުގެ ހާއްސަކަމާ ގުޅުވައިގެން ފޮޓޯއެއް ނަގައިލެވޭތޯ. ފެހިކަން ގަދަ ރަށްރަށުގެ މަގުތައްމަތީ ފޮޓޯއެއް ނަގަން ޖެހޭނެ. މިސާލަކަށް ތ. ތިމަރަފުށިން ފުޓުބޯޅަ ފޮޓޯއެއް ނަގަން ޖެހޭނެ. ރަށުގެ އާދަކާދައާއި ފޮޓޯތައް ގުޅުވަން ވިސްނަން،" އަބީދުގެ ތަފާތު ފޮޓޯތަކަށް ކުރިއާލައި ކުރާ މަސައްކަތް ކިޔަދެމުން އަބީދު ބުންޏެވެ.

އަބީދުގެ އެތައް ފޮޓޯއެއް، ރަށްރަށުން ބޭނުންވެ، ކައުންސިލްތަކަށްވެސް ހިލޭ ދީފައި އެބަހުއްޓެވެ. މޯލްޑިވްސް ފައިންޑާ 2018 ގެ ކަވާއަކީވެސް އަބީދުގެ ފޮޓޯއެކެވެ. ޖަރުމަނުގެ ބާލިންގައި ބޭއްވި އެކްސްޕޯއެއްގައި އެ ރިލީސްކުރި މެގަޒިނަކީ ކެރިއަރުގެ ކާމިޔާބީއެއް ކަމަށް އޭނާ ފާހަގަކުރެއެވެ. އޭގެ އިތުރުން ގައުމީ ކުޅިވަރުތަކުގެ ބޮޑެތި އިވެންޓްތައް ކަވަރު ކުރުމުގެ ފުރުސަތުތައްވެސް އޭނާއަށް ހާއްސަ ކަމަށް ފާހަގަކުރިއެވެ. ހާއްސަކޮށް ބްރިޖުގެ މަސައްކަތުގެ ކޮންމެ ދުވަހުގެ ތަސްވީރުތައް ޑޮކިއުމެންޓް ކުރުމަކީވެސް ހާއްސަ ކަމެއް ކަމަށް އަބީދު ސިފަކޮށްފައިވާ އިރު، އެފަދަ ތާރީހީ އިވެންޓްތަކަކީ މުހިއްމު ފޮޓޯތަކެއް ކަމަށް އަބީދު ބުންޏެވެ.

ވަރުބަލިވޭ. ވަގުތުވެސް ދޭ. ދިގު ދަތުރުތައް ކޮށްފަ ގޮސް އެއް ފޮޓޯއަކަށް ބޮޑު އިންތިޒާރެއް ކުރަންވެސް ޖެހޭ. ގާތްގަނޑަކަށް 20-25 މިނެޓްވެސް އެއް ފޮޓޯ ނަގަން، ޓައިމިން ދިމާކުރަން އިންނަން ޖެހިދާނެ. އެކަމަކު އެ ފޮޓޯ ނެގުމާއެކު އެ ލިބޭ ހިތްހަމަޖެހުން ބުނެދެންވެސް ނޭނގެ
އަބީދު

ތަފާތު ހާއްސަ ފޮޓޯތަކެއް އެބަހުރި

ކެރިއަރުގައި ހާހުން ފޮޓޯ ނެގުނު އިރު، "ވަކި މިގަނޑު" މިއީ އެއްވަނަ އޭ ބުނަން އަބީދަށްވެސް އުނދަގުލެވެ. އެ ހުރިހާ ފޮޓޯއެއް ބަލައި، ވަކިން ފޮޓޯތަކެއް ނަގައި ދައްކާލަންވެސް އޭނާއަށް އުނދަގުލެވެ. އެއީ ނެގިފައިވާ ފޮޓޯތަކުގެ ފެންވަރުވެސް ރަނގަޅުކަމުންނެވެ. އެހެން ނަމަވެސް، ހާލަތާއި ވަގުތަށް ބަލައި، އޭނާއަށްވެސް މުހިއްމު ބައެއް ފޮޓޯތައް އެބަހުއްޓެވެ.

"އެންމެ ކަމުދާ ފޮޓޯތަކުގެ ތެރޭގައި އޮވަހެޑެއް ޖަހާ ފޮޓޯ ހިމެނޭ. އެ ފޮޓޯ ނެގުމުގެ ތަޖުރިބާ ކިޔާލަ ދީފާނަން. ހަމަ ރަސްމީ ހެދުމުގަ ދިޔައީ. ފޮޓޯ ނެގުނީ ލ. ގަމުގެ ދަނޑެއްގައި އޮށޯވެ އޮވެގެން. އެ ފޮޓޯ ނަގަން ޓައިމިން ގެއްލޭނެތީ އެއްޗެހި ބަދަލުނުކޮށް ދިޔައީ. އެ ފޮޓޯ ނަގަން އޮށޯވެގެން އޮންނަން ޖެހުމުން ލައިގެން ހުރި އެއްޗެހިވެސް ހަޑިވި. ގަމު ކައުންސިލް އިދާރާ ކައިރީ ދަނޑުގަ ނެގި ފޮޓޯއެއް އެއީ،" އަބީދު ލ. ގަމު ދަނޑެއްގައި ނެގި، އެތައް ބައެއްގެ ލޯތައް އަމާޒުވި ފޮޓޯއެއްގެ ވާހަކަ ކިޔައިދެމުން ބުންޏެވެ.

އެހެން ގޮސް، އުތުރުން ދެކުނަށް، މާލެއިންނާއި އެކިއެކި ހިސާބުތަކުން އަބީދަށް ހާއްސަ ފޮޓޯތައް ނެގިފައި އެބަހުއްޓެވެ. ފަޅު ރަށެއްގެ މަންޒަރު ދައްކުވާލަ ދިނުމުން ފެށިގެން ގޮސް، ތަފާތު މެސެޖުތައް ދޭ ފޮޓޯތައްވެސް ހާއްސަ ކަމަށް އޭނާ ބުންޏެވެ.

"ށ. ދިގުރަށުގެ ފޮޓޯވެސް ހާއްސަ. އޭރު އެއްވެސް މީހަކު މި ރަށުގެ ފޮޓޯއެއް އާންމެއް ނުކުރޭ. އެރަށް އޮންނަނީ ކިނބުލެއްގެ ސިފައިގައިކަން އެނގުނީވެސް ޑްރޯން އެރުވިފަހުން. އަދި އޭގެ އިތުރުން ދ. ވާނީގައި ނެގުނު ފޮޓޯއަށްވެސް ހާއްސަ ކަމެއް އޮންނާނެ. ދ. ވާނީ ފަޅު ގެއަކުން ކުރީގެ ރައީސް އަލްއުސްތާޒު މައުމޫން އަބްދުލްގައްޔޫގެ ފޮޓޯ ގަނޑަކާއެކު، އަދި އެ ތަނުގައި ބެހެއްޓިފައި ހުރި ކުރީގެ ކޮނޑިއެއް ވަރަށް މާނަ ފުންވި. މީހުން ނޫޅޭ ރަށެއްގައި އެ މަންޒަރު ފެނުމުން ހާއްސަވީ. މީހުން މައުމޫނަށް ކުރާ އިހުތިރާމު ފެނިގެން ދިޔައީމަ. އެހެން ގޮސް، ދެން މާލޭގެ ހާއްސަ ފޮޓޯއެއްވެސް އެބައިން. އަދި ހަމަ އެހެން ހާއްސަ މެސެޖުތައް ދޭ ފޮޓޯތައްވެސް ހުންނާނެ. ކުދިންގެ ދިރިއުޅުމަށް އަންނަ ބަދަލުގެ މަންޒަރު ފެންނަ ފޮޓޯއެއް ހުންނާނެ. އެ ފޮޓޯއިން އެ ދައްކުވައިދެނީ އަސްލު އެންމެ ރަނގަޅު މަންޒަރެއް ނޫންކަނނޭގެ. އެއީ އެކްޓިވްވެ އުޅެން ޖެހޭ ގަޑީގައި ފޯނާއެކު ތިބި ކުދިންތަކެއް. އެއީ ހިތްދަތި މަންޒަރެއް. އެހެންވީމަ އެ ފޮޓޯގެ މެސެޖުވެސް ހާއްސަ،" އަބީދު ބުންޏެވެ.

އޭގެ އިތުރުން ބ. ފެހެންދޫގެ ދަރިވަރުންނަށް ފެރީގެ ހިދުމަތެއް ނެތް އިރު، ކިޔަވަން ބ. ގޮއިދުއަށް ދާ މަންޒަރުގެ ފޮޓޯއާއި ބައެއް ރަށްރަށުން ދިމާވާ ދުވަސްވީ ކާފައިންނާއި މާމައިންގެ ފޮޓޯވެސް އަބީދަށް ހާއްސައެވެ. ހާއްސަކޮށް، އެ އުމުރުގެ ހިތްވަރުގަދަ މީސް މީހުން ބުރަކޮށް މަސައްކަތް ކުރާ މަންޒަރު ކެމެރާއަށް ނެގުމަކީ އަބީދުގެ ނަޒަރުގައި ހާއްސަ ކެމެކެވެ. އަދި ހަމަ އެހެންމެ، ރަށްރަށުގެ ހިތްގައިމު މިސްކިތްތަކުގެ މަންޒަރުތައް ފޮޓޯ ނެގުމަކީވެސް އަބީދަށް ހާއްސަވާ ކަމެކެވެ.

ކުޅިވަރަށް ހާއްސަކަމެއް ދެވޭ: މުޅި ރާއްޖެއަށް ހާއްސަ މެސެޖެއްވެސް އެބައޮތް

"ހާއްސަކަމެއް އޮންނާނެ. އެއީ ފުޓުބޯޅަ، ނޫނީ ކުޅިވަރެއް ކުޅޭނަމަ، އެ ރަށަކުން އެ މަންޒަރު ނަގަން ބޭނުންވާނެ. އެކަން ކުރަންވެސް ކުރަން،" ރާއްޖޭގެ އެންމެ ކުޅަދާނަ އެއް ސްޕޯޓްސް ފޮޓޯގްރަފަރު އަބީދު ކުޅިވަރު ފޮޓޯގެ ވާހަކަ ދައްކަމުން ބުންޏެވެ.

އަބީދު ވަނީ ބޮޑެތި ކުޅިވަރު މުބާރާތްތައް ކަވަރު ކުރުމުގައި ރާއްޖެއިން ބޭރުގައިވެސް މަސައްކަތްތަކެއް ކޮށްފައެވެ. އޭގެ ތެރޭގައި ސަރަހައްދީ ފުޓުބޯޅަ މުބާރާތްތައްވެސް ހިމެނެއެވެ. ސްރީ ލަންކާގައ ބޭއްވި ފޯ ނޭޝަންސް ކަޕުގައި ގައުމީ ޓީމުގެ ފޮޓޯތައް ނެގުމަށްވެސް އަބީދަށް ފުރުސަތު ލިބިފައިވާ އިރު، އޭއެފްސީގެ މުބާރާތްތައްވެސް ކެރިއަރުގައި ވަނީ ކަވަރު ކޮށްފައެވެ. އަދި ހަމައެއާއެކު ސާފް ޗެމްޕިއަންޝިޕްގައި "ދަގަނޑޭ ބުރުއުކާލި މަންޒަރު"ވެސް އެންމެ ސާފުކޮށް ދައްކާލަ ދިނީ އަބީދެވެ.

"ހުނަރު ދައްކާލާނެ ޕްލެޓްފޯމަކާ ހަމައަށް އެ މަންޒަރުތައް ގެނެސްދިނުން ރަށްރަށުން ނަގާ ކުޅިވަރު ފޮޓޯތަކުގެ އެއް ބޭނުމަކަށްވޭ. ހުނަރުވެރި ކުދިންގެ ހުނަރު އެބަ ޖެހޭ އަތޮޅު ތެރެއިން ގެންނަން. އަތޮޅު ތެރޭގަ އެބަތިބި ވަރަށް ގާބިލު ކުދިން. އެ ކުދިން އަތްފުނާ އަޅައިގެން ހޯދަން ޖެހޭ ކަމަށް ދެކެން. އަދި ޕިޗުތައް ހުންނަ ގޮތްވެސް ފޮޓޯއިން ފެންނާނެ. އޭގެން ބުނެދޭނެ ކޮންމެހެން މާ ބޮޑެތި ވަސީލަތެއް ނޫންކަން އުފާކުރަން ބޭނުންވަނީ. އެ ދިރިއުޅުން އަތޮޅު ތެރޭގައި އުފާކުރާ މާހައުލު ގެނެސްދެވޭ އެ ފޮޓޯތަކުން. ހުރިހާ ފޮޓޯއަކުންވެސް ހަގީގަތް ފެންނާނެ،" އަބީދު ބުންޏެވެ.

އަބީދު ކެމެރާއަކާއެކު ކުރަމުން އަންނަ ކެރިއަރުގެ ދަތުރުގައި އެތައް ބަޔަކާ ދިމާވެ، އެތައް ވާހަކަ ދެއްކިއްޖެއެވެ. އެންމެ ތަފާތު އެއް ކާމިޔާބީއަކީ "ރާއްޖޭގެ ކޮންމެ ރަށަކުންވެސް،" ހެޔޮ ރައްޓެއްސަކު ހުންނާނޭ ބުނެލެވުމެވެ.

"ކެމެރާއަކާއެކު ކުރެވުނު ތަޖުރިބާއިން ރާއްޖޭގެ ކޮންމެ ރަށަކުންވެސް ހެޔޮ ރައްޓެއްސެއް އިރާދަކުރެއްވިއްޔާ މިހާރު ހުންނާނެ. ހަނދާންވާ ފަރާތެއްވެސް އެބަހުރި. އަދުހަމް ކިޔާ މީހެއް މަތިން ވަރަށް ހަނދާންވޭ. އެއީ ތެލެސީމިއާ ކުއްޖެއް، ފޮޓޯގްރަފަރެއް. އެއީ ވަރަށް ހަނދާނުގައި ހުންނަ ރައްޓެއްސެއް. އެހެން ގޮސް މި ކަންކަން ކާމިޔާބުވަނީ ހެޔޮއެދޭ އެތައް ބަޔަކާއެކު. އާއިލާއާއި ރަށްޓެހިންނާއެކު،" އެތައް ބައެއްގެ "އިންސްޕިރޭޝަނެއް"އަކަށް ވެފައިވާ އަބީދު ބުންޏެވެ.

އެނގޭ އެއްޗެއް އަހައިފިއްޔާ އަބަދުވެސް ކިޔައިދެއެވެ. އެތައް ބަޔަކަށް ފޮޓޯގެ ވާހަކަތައް ކިޔައިދީފައިވާ އަބީދު، ރާއްޖެއިން ކުރެވުނު ތަޖުރިބާގައި ބުނި މުހިއްމު އެއް ވާހަކައެއްވެސް އެބައޮތެވެ. ދިވެހީންގެ ލާމަސީލު ދިރިއުޅުން އަދި އެކުގައި ގެއްލިގެން ނުދާ ކަމަށް އޭނާ ދެކޭ ވާހަކައެވެ. ދިވެހީންގެ ޒަމާންވީ ސާދާ، އެކުވެރިކަން އަދިވެސް އަތޮޅު ތެރެއިން ފެންނަ ވާހަކައެވެ.

"މުޅި ރާއްޖެއިން ފެނުނު އެއް ކަމެއްގެ ވާހަކަ ބުނެލަން އެބައޮތް. އެއީ މީހުން ބުނާ ވާހަކައަކަށް ބުނެލަން އޮތް ވާހަކައެއް. މީހުން ބުނާނެ އަތޮޅު ތެރޭގައިވެސް އެއްބައިވަންތަކަމެއް ނެތޭ، އެކަން އެއްކޮށް ގެއްލި ހިނގައްޖެއޭ. މެހެމާންދާރީއެއް މިހާރަކު ނޯންނާނެއޭ. އެއީ މުޅިއަކުން ތެދެއް ނޫން. އެއްބައިވަންތަ މުޖުތަމައަކަށް އަދިވެސް ވަގުތު އެބައޮތް. ދުވަސްވީ މީހުން އެބަތިބި ހަމަ ރަށުގެ، ގައުމުގެ ލޯބީގައި ގަދަކޮށް ތިބި މީހުން. ދިވެހީންގެ ގޮތްތައް، ސާދާ މިޒާޖު އަދިވެސް ރަށްރަށުގަ އެބައޮތް. ހިނިތުންވެ، މެހެމާންދާރީ އަދާކުރާ ގޮތް ހުރިހާ ރަށެއްގައިވެސް އެބައޮތް. މަސައްކަތްތެރިކަން ގެއްލިގެނެއް ނުދޭ. ރަށްރަށުން ރާއްޖޭގެ ވައްޓަފާޅިއަށް އުންމީދު އެބަ ގެނެސްދޭ،" އަބީދު ބުންޏެވެ.

އަބީދުގެ ލެންސުން ފެންނަނީ އަބަދުވެސް ތަފާތު ރަހައެކެވެ. ރަށްފުށުގެ ސާދާ ދިރިއުޅާއި، ރާއްޖޭގެ ހަގީގީ ވަންތަ ދިރުމެވެ. އެތައް ބައެއްގެ މިންނެތް މަސައްކަތްތަކެވެ. ގްރެޖުއޭޝަން ފޮޓޯތައްވެސް ތަފާތު ކޮށްލަން އަބީދު ކުޅަދާނައެވެ. ފޮޓޯގްރަފީގައި އަބީދު ކުރަމުން އަންނަ ދަތުރު އަދިވެސް އޮތީ ކުރިއަށެވެ. ކެރިއަރު ހާއްސަވަނީ ކުޅިވަރު ފޮޓޯއަށް ނަމަވެސް، ކެމެރާ އަޅުވައިނުލާނެ ވަކި ދާއިރާއެއް ނެތެވެ. ބަލިމަޑުކަމުގެ ހާލަތުގެ ފޮޓޯތައްވެސް އަސަރު ގަދައެވެ. ރަށް ރަށް ފަޅުވެގެން ދިޔަ ދިޔުމުގެ މަންޒަރުތަކަށްވެސް އަބީދުގެ ފޯކަސް ހުއްޓުވައިލައިފައިވެއެވެ. ހިނގަމުން އަންނަ، ކުރިއަށްދާ މަޝްރޫއުތަކުގެ އަދާހަމަވެސް ފޮޓޯއިން ތިލަކޮށްދީފައިވެއެވެ. އަބީދުގެ އާކައިވްއަކީ ފުރިހަމަ، އަދި އެހާމެ މުއްސަނދި ފޮޓޯ އާކައިވްއެކެވެ. ފޮޓޯ ނެގުމުގައި އަބީދުގެ ދަތުރާއި، ވިސްނުން އަދި ވާހަކަތައް މުޅިން ތަފާތެވެ. ފުރިހަމައެވެ.