އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުގައި ނޮޓިންހަމް ފޮރެސްޓްވެސް ބަލިކޮށް، އެންޓޯނިއޯ ކޮންޓޭގެ ޓޮޓެންހަމްއިން އެޓީމުގެ ރަނގަޅު ލީގު ފޯމު ދަމަހައްޓައިފިއެވެ.
ދުވަސްތަކަކަށްފަހު މިފަހަރުގެ ލީގަށް އަލަށް ޕްރޮމޯޓްވި ފޮރެސްޓްގެ ދަނޑުގައި ކުޅުނު މެޗު ޓޮޓެންހަމްއިން ކާމިޔާބުކުރީ 2-0 ގެ ނަތީޖާއަކުންނެވެ. މެޗުގައި ޓޮޓެންހަމްގެ ދެ ގޯލުވެސް ޖެހީ އިނގިރޭސި ގައުމީ ޓީމުގެ ކެޕްޓަން ހެރީ ކޭންއެވެ. މިހާތަނަށް މި ސީޒަނުގައި ކުޅުނު ހަތަރު ލީގު މެޗުންވެސް ޓޮޓެންހަމް ބަލިވެފައެއް ނުވެއެވެ. އެޓީމަށް ހަތަރު މެޗުގެ ތެރެއިން ގެއްލުނު ދެ ޕޮއިންޓަކީ ޗެލްސީ ކައިރީ އެއްވަރު ވެގެން ގެއްލުނު ދެ ޕޮއިންޓެވެ.
ހަތަރު މެޗުން 10 ޕޮއިންޓާއެކު މިވަގުތު ޓޮޓެންހަމް އޮތީ ލީގު ތާވަލުގެ ތިންވަނައިގައެވެ. ފޮރެސްޓުން ކުޅުނު ހަތަރު މެޗުގައި އެޓީމަށް ހަތަރު ޕޮއިންޓް ލިބިފައިވާ އިރު، މިވަގުތު އޮތީ ލީގު ތާވަލުގެ 14 ވަނައިގައެވެ.
ރޭގެ މެޗު ރަނގަޅަށް ފެށީ ފޮރެސްޓުންނެވެ. އެހެންނަމަވެސް އެޓީމަށް ކޭން ހިފެހެއްޓުނީ އެންމެ ފަސް މިނެޓަށެވެ. މެޗުގެ ފަސްވަނަ މިނެޓުގައި ކޭން ވަނީ ރަނގަޅު ބޯޅައެއް ގޯލަށް ނިންމާލާ ޓޮޓެންހަމްއަށް ލީޑު ނަގައިދީފައެވެ.
އެ ގޯލާއެކު ޓޮޓެންހަމްއިން މެޗުގެ ލީޑު ނެގި ނަމަވެސް މެޗު ޓޮޓެންހަމްއަށް ފަސޭހައެެއް ނުވިއެވެ. ހާއްސަކޮށް ފޮރެސްޓްގެ ސަޕޯޓަރުންގެ ފަރާތުން ވަރަށް ބޮޑަށް ޓީމަށް ހިތްވަރުދިންތަން ފެނިގެން ގޮސްފައިވާ އިރު، މެޗުގެ ބޮޑު ބައެއްގައި އެޓީމުން ޓޮޓެންހަމްއަށް ޕްރެޝަރުވެސް ވިއެވެ. އަނެއްކޮޅުން ޓޮޓެންހަމްގެ އެޓޭކު ހުއްޓުވަން އެންމެ މުހިއްމު ރޯލެއް ކުޅުނީ ފޮރެސްޓްގެ ގޯލްކީޕަރު ޑީން ހެންޑަސަންއެވެ.
ހިއުން މިއުން ސޮންއާއި ޑީޖާން ކުލްސޭވްސްކީގެ ހަމަލާތައް ހެންޑަސަން މަތަކުރި އިރު، އޭނާގެ އެންމެ ކާމިޔާބު ސޭވްއަކަށް ފެނުނީ ދެވަނަ ހާފުގައި ކޭން ޖެހި ޕެނަލްޓީން މަތަކުރި ބޯޅައެވެ. ކޭންގެ ޕެނަލްޓީ މަތަކޮށް ހެންޑަސަން ފޮރެސްޓަށް ހިތްވަރެއް ހޯދައިދިން ނަމަވެސް، މެޗު ނިމެން ކުޑަ އިރުކޮޅަކަށް ވެފައި އޮއްވާ، ކޭން ވަނީ ދެވަނަ ގޯލަކާއެކު މެޗުން ތިން ޕޮއިންޓް ޔަގީން ކޮށްފައެވެ.
ކޭންގެ ދެވަނަ ގޯލަކީ ބްރެޒިލްގެ ވިންގް، ރިޗާލްސަން ނަގައިދިން ހުރަހަކުން ބޮލުން ޖެހި ގޯލެކެވެ.
ޓޮޓެންހަމްއިން މިފަހަރުގެ ސީޒަނަށް ތައްޔާރުވީ ރަނގަޅު ޓްރާންސްފާތަކަކާއެކުގައެވެ. މެދުކެނޑުމަކަށްފަހު ޓޮޓެންހަމްއިން ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގައި ވާދަކުރަން ތައްޔާރުވެފައިވާ އިރު، ޓީމުގެ ފެންވަރު ކުރީ ސީޒަނާ އަޅާބަލާއިރު ފެންނަނީ ރަނގަޅަށެވެ. ހާއްސަކޮށް އަލަށް ގެނައި ކުޅުންތެރިންގެ ފަރާތުން މިހާތަނަށް ވަނީ ރަނގަޅު ކުޅުމެއް ފެނިގެން ގޮސްފައެވެ.
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު