ގަތަރު ވޯލްޑް ކަޕް 2022

"މައިހުޅުމާލޭ ވޯލްޑް ކަޕް ފެސްޓިވަލް"ގެ ޕާޓްނާޝިޕަށް ފުރުސަތު ހުޅުވާލައިފި

މިއަހަރުގެ ނޮވެންބަރު މަހު ގަތަރުގައި ފެށުމަށް ހަމަޖެހިފައިވާ ވޯލްޑް ކަޕާ ދިމާކޮށް، ހުޅުމާލޭގައި ބާއްވާ އެންމެ ބޮޑު ފެސްޓިވަލް "މައިހުޅުމާލޭ ވޯލްޑް ކަޕް ފެސްޓިވަލް"ގައި ޕާޓްނަރުންގެ ގޮތުގައި ބައިވެރިވުމަށް ފުރުސަތު ހުޅުވާލައިފިއެވެ.

މައިހުޅުމާލޭ ވޯލްޑް ކަޕް ފެސްޓިވަލަކީ ހުޅުމާލޭގައި ގިނަ ބަޔަކު އެއްވެ މަޖާ މާހައުލެއްގައި ވޯލްޑް ކަޕްގެ މެޗުތައް ބަލައިލުމުގެ ފުރުސަތު ފަހިކޮށްދިނުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ފަރާތުން ބާއްވާ ފެސްޓިވަލެކެވެ. ރާއްޖެއަކީ ބޮޑެތި ފުޓުބޯޅަ މުބާރާތްތަކުގެ ފޯރިގަދަކޮށް ފެންނަ ގައުމަކަށްވާ އިރު، މުބާރާތްތައް ބޮޑު ސްކްރީނުގައި އެންމެން އެއްވެ ބަލައިލުމަކީ ކުރިންސުރެވެސް އޮންނަ އާދައެކެވެ. އެޗްޑީސީގެ އިވެންޓުވެސް ޕްލޭންކޮށްފައިވަނީ އެފަދަ މާހައުލަކަށް ތައްޔާރު ކުރުމަށެވެ.

އެޗްޑީސީން މައިހުޅުމާލޭ ވޯލްޑް ކަޕް ފެސްޓިވަލާ ގުޅިގެން ހުޅުމާލޭގެ ހަތަރު ސަރަހައްދެއްގައި ބޮޑު ސްކްރީން ހަރުކޮށް މެޗު ބެލުމުގެ އިންތިޒާމުތައް ހަމަޖެއްސުމަށް ވަނީ ރާވައިފައެވެ. އެ ސަރަހައްދުތަކަކީ ސެންޓްރަލް ޕާކް، ނެއިބާހުޑް 6 (ހިޔާ ސަރަހައްދު)، ރުއްގަނޑު 1 އަދި ރުއްގަނޑު 2 އެވެ.

މެޗުތައް ބަލައިލުމުގެ އިތުރުން، ހާފް ޓައިމްގައި އެކި ހަރަކާތްތައް ރޭވިފައިވާ އިރު، ހަފުތާ ބަންދު ދުވަސްތަކާއި މުހިންމު މެޗުތައް ކުޅޭ ދުވަސްތަކުގައި ލައިވް މިއުޒިކް ފަދަ ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އެ ކުންފުނިން މައުލޫމާތު ދެއެވެ. އޭގެ އިތުރުން، ސްކޯ ދިމާކުރުމާއި، މެޗުތައް ބެލުމަށް ބައިވެރިވާ ފަރާތްތަކުގެ މެދުގައި ގުރުނަގައިން އިނާމު ދިނުމަށްވެސް ވަނީ ހަމަޖެހިފައެވެ.

އަދި ހަފުތާ ބަންދުގައި ކުޑަކުދިންގެ ހަވީރެއް ވެސް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް އެޗްޑީސީން ބުނެފައިވެއެވެ. މައިހުޅުމާލެ ވޯލްޑްކަޕް ފެސްޓިވަލް 2022 ގެ ޕާޓަނަރުންނަށް ވާން ބޭނުންވާ ފަރާތްތަކުން ([email protected] ) އީމެއިލްކުރަން އެޗްޑީސީން ވަނީ އެދިފައެވެ.