ގިނަ ބަޔަކާއެކު އެއްޖިންސުން ގުޅުން ހިންގައި އެ ވީޑިއޯތައް އާއްމު ކުރި މައްސަލައިގައި ހައްޔަރުކޮށްފައިވާ ބަންގުލަދޭޝްގެ އެމްޑީ އަލަމްގީރްގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި މާދަމާ ފަށަން ތާވަލުކޮށްފިއެވެ.

މާދަމާ މެންދުރުފަހު 2:00 އަށް ތާވަލުކޮށްފައިވާ އެ ޝަރީއަތުގެ އަޑުއެހުން ކުރިއަށް ގެންދަން ހަމަޖެހިފައިވަނީ ސިއްރު ކޮށްގެންނެވެ. މާދަމާ ކުރިއަށްދާނީ އެ މައްސަލައިގެ އިބްތިދާއީ އަޑުއެހުމެވެ.

އެ މައްސަލައިގައި އަލަމްގީރްގެ މައްޗަށް ދައުލަތުން ތިން ދައުވާއެއް ކޮށްފައިވެއެވެ. ނަމަވެސް އެ މައްސަލަތަކުގެ ތަފްސީލު ޕީޖީ އޮފީހުން ހާމަކޮށްފައެއް ނުވެއެވެ.

އެއްޖިންސުން ގުޅުން ހިންގި މައްސަލައިގައި އަލަމްގީރާއެކު އިތުރު ތިން މީހެއްގެ މައްޗަށް ޕީޖީ އޮފީހުން ދައުވާކޮށްފައިވެއެވެ.

އަލަމްގީރުގެ އިތުރުން އެ މައްސަލައިގައި ހިމެނެނީ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ކޮއްކޮ އަދި މަޝްހޫރު ގާނޫނީ ވަކީލު ނާޒިމް ސައްތާރާއި ކުރީގެ މަޖިލިސް މެންބަރު މުހައްމަދު ނަޝީދުގެ އިތުރުން ފުލުހެއް ކަމަށްވާ އަބްދުއް ރަހުމާނު ރަފީއުއެވެ.

އަލަމްގީރު ފިޔަވައި އެންމެން މިހާރު ވަނީ ބަންދުން ދޫކޮށްލައިފައެވެ.