އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ މެންޗެސްޓާ ސިޓީން ކުޅުނު މެޗުގައި އެޓީމުން ކްރިސްޓަލް ޕެލެސް ބަލިކުރީ ފަހަތުން އަރައި، 4-2 ގެ ނަތީޖާއަކުންނެވެ. މެޗުގައި ޕެލެސްއިން ދެ ގޯލުގެ ލީޑެއް ނެގި ނަމަވެސް ފަހު ހާފުގައި ސިޓީން ވަނީ ތަފާތު ދައްކައި، ނަތީޖާ އަނބުރާލައިފައެވެ. ސިޓީން ނަތީޖާ އަނބުރާލުމުގައި އެންމެ މުހިއްމު ދައުރެއް އަދާކުރީ ނޯވޭގެ ފޯވަޑް، އާލިން ހާލަންޑެވެ. އޭނާ ވަނީ މެޗުގައި ހެޓްރިކް ފުރިހަމަ ކޮށްފައެވެ.
ސިޓީން މިހާތަނަށް ލީގުގައި ކުޅުނު ހަތަރު މެޗުން އެޓީމު ވަނީ ތިން މޮޅު ހޯދައި، ނިއުކާސަލް ކައިރީ ޕޮއިންޓެއް ހޯދައިފައެވެ. ނިއުކާސަލް ކައިރީ ސިޓީ އެއްވަރުވީ 3-3 ގެ ނަތީޖާއަކުންނެވެ. ހަތަރު މެޗުން ސިޓީ ކޮޅަށް ފަސް ގޯލު ވަދެފައިވާ އިރު، އެއީ ސިޓީއަށް ބަލައި އެންމެ ރަނގަޅު ޑިފެންސިވް ރެކޯޑެއް ނޫނެވެ. ސިޓީ ކޮޅަށް މިދިޔަ ސީޒަނުގައި އެއްކޮށް ވަދެފައި ވަނީ އެންމެ 26 ގޯލެވެ.
"މިދިޔަ ދެމެޗުގައިވެސް މާ ފަސޭހައިން ކޮޅަށް ގޯލުތައް ވަނީ. އެއީ އެންމެ ރަނގަޅު ރެކޯޑެއް ނޫން ނަމަވެސް އެ ދެ މެޗުގެ ކުޅުންވެސް ގޯހެއް ނޫން. ކުރިންވެސް ޕެލެސް ކަހަލަ ޓީމުތަކާ ދެކޮޅަށް އުނދަގޫތަކާ ކުރިމަތިވޭ. އެހެންނަމަވެސް މިހާރު ހައްލު ހޯދޭ އެކަހަލަ އުނދަގޫ މެޗުތަކުގައިވެސް. ރޭވެސް ފެނުނީ އެކަންތައް. މުހިއްމު ފިލާވަޅެއް މި ލިބުނީ. ޑިފެންސިވް ޑިޕާޓްމަންޓް ރަނގަޅުކުރަން ޖެހޭ. ޓީމު ޓީމެއް ގޮތުގައި ވަރަށް ބޮޑަށްވެސް ކުރިއަރާ އެބަ،" ރޭގެ މެޗަށްފަހު ޕެޕް ގާޑިއޯލާ ބުންޏެވެ.
ސިޓީން މިދިޔަ ސީޒަނުގައި ޖުމުލަ 99 ގޯލު ޖެހި އިރު، އެޓީމު މިހާރުވެސް ފެންނަނީ ނުރައްކާތެރި އެޓޭކް ލައިނެއްގެ ގޮތުގައެވެ. މިހާތަނަށް ހަތަރު މެޗުން 13 ގޯލު އެޓީމުން ޖަހާފައިވާ އިރު، އޭގެ ތެރެއިން ހަ ގޯލު ޖެހީ އަލަށް ޓީމަށް ގެނައި ފޯވަޑް ހާލަންޑެވެ.
މެންޗެސްޓާ ސިޓީ
މެންޗެސްޓާ ސިޓީ
މެންޗެސްޓާ ސިޓީ
މެންޗެސްޓާ ސިޓީ