މަރުވެފައިވާ މީހަކު ފުލުހުންގެ ތަހުގީގަށް ހާޒިރުވާން އަންގައި މޯލްޑިވްސް ޕޮލިސް ސާވިސް އިން މިއަދު އިއުލާން ކޮށްފިއެވެ.
ފޯނުން ގުޅައި މަކަރާއި ހީލަތުން ފައިސާ ހޯދާފައިވާ މައްސަލައިގެ ތަހުގީގަށް ހާޒިރުކުރުމަށް ބޭނުންވެގެން އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާތީ އާއި އޭނާ އުޅޭ ވަކިތަނެއް އެނގިފައިނުވާތީ، ޖިނާއީ މައްސަލަތައް ތަހުގީގު ކުރުމުގައި ފުލުހުން އަމަލުކުރާ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާގޮތުގެ މަތިން ތަހުގީގަށް ހާޒިރުވުމަށް އަންގައި އިއުލާނުކޮށްފައިވާ މީހަކީ، އދ. ދަނގެތި/ ފެހިވިލާ، ޝަކްލުﷲ އަލީ (43އ) އެވެ.
އޭނާ ފުލުހަށް ހާޒިރުވާން އަންގާފައި ވަނީ ފުލުހުން ތަހުގީގު ކުރަމުން އަންނަ، މައްސަލައާ ގުޅިގެން ސުވާލުކޮށް މައުލޫމާތު ސާފުކުރުމަށެވެ. އިއުލާނުގައި ވަނީ އަންނަ ސެޕްޓެމްބަރު މަހުގެ ދެވަނަ ދުވަހުގެ 12:00 އަށް ޝަހީދު ހުސައިން އާދަމް ބިލްޑިންގަށް ހާޒިރު ވުމަށެވެ.
މިމީހާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ނަމަ ބ. އޭދަފުށީ ޕޮލިސް ސްޓޭޝަނާ ހިއްސާކުރުމަށްވެސް މި އިއުލާންގައި ފުލުހުން އެދިފައިވެއެވެ.
ނަމަވެސް، ފުލުހުން ހޯދާ ޝަކްލުﷲ އަލީ އަކީ މީގެ އަހަރެއްހާ ދުވަސް ކުރިން މަރުވެފައިވާ މީހެއްކަން ވަނީ ހާމަވެފައެވެ. އެއީ އޭނާގެ މައްޗަށް ކަށުނަމާދު ކުރަން ކުރި އިއުލާނު ވެސް ސޯޝަލް މީޑިއާގައި ހިއްސާކޮށްފައިވާތީއެވެ. އެ އިއުލާނުގައިވާ ގޮތުން އޭނާ މަރުވެފައި ވަނީ 19 ޖޫން 2021 އެވެ.
އެމައްސަލަ ފުލުހަށް ހުށަހެޅި މުހައްމަދު ތޯރިހު މިއަދު ކުރި ޓުވީޓެއްގައި ބުނެފައި ވަނީ އެއީ އޭނާ 27 ޖުލައި 2020 ގައި ފުލުހުންނަށް ހުށަހެޅި މައްސަލައެއް ކަމަށާއި، އެ މައްސަލަ ބަލަން އެ މީހާ ހޯދަން ފުލުހުން އިއުލާނު ކުރީ މިއަދު ކަމެވެ.
"މިހާވަރަށް ފުލުހުންގެ ހިދުމަތް ފުޅާކުރީމަ ބުނާނެ އެއްޗެއްވެސް ނޭނގިފަ މިހުރީ،" އޭނާ ބުނެފައިވެއެވެ.
މިކަމާބެހޭ މައުލޫމާތެއް ހޯދައިލުމަށް ވަން އިން ގުޅުމުން، ފުލުހުން ބުނީ އެ ކަމާބެހޭ މައުލުމާތު ހޯދާނެ ކަމަށެވެ. ނަމަވެސް އެމީހާ ހާޒިރުވާން އަންގައި ކުރި އިއުލާން މިހާރު ފުލުހުންގެ ވެބްސއިޓުން ވަނީ ނަގައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު