ގޭސް ލީކުވެފައި ހުއްޓާ އުނދުން ޖެއްސުމުން ހިނގާ ހާދިސާތައް މިފަހަކަށް އައިސް ވަނީ އިތުރުވެފައެވެ. މިފަދަ ހާދިސާއެއްގައި މިމަސްތެރޭގައި ވަނީ އުމުރުން 53 އަހަރުގެ އަންހެނަކު މަރުވެފައެވެ. އަދި ކުޑަކުއްޖަކާއި އެކުއްޖާގެ މަންމަވެސް އިއްޔެ ހިނގި މިފަދަ ހާދިސާއެއްގައި ވަނީ ފިހިފައެވެ. މީގެ އިތުރުން ހުސްވި ހަފުތާގައި ހުޅުމާލޭ ފޭސް ދޭއްގައި ހުރި ފުލެޓެއްގައިވެސް މިފަދަ ހާދިސާއެއް ހިނގައި އަންހެނަކަށް ވަނީ ޒަހަމްތަކެއް ލިބިފައެވެ.
މިއީ މިފަހުން ހިނގި ހާދިސާތަކެވެ. މީގެ ކުރިންވެސް މިފަދަ ހާދިސާތަކުގައި މީހުންގެ ފުރާނަވެސް ގޮސްފައި އެބަހުއްޓެވެ. ގޭސް ލީކުވެފައި ހުރިކަން ނޭނގި ގިނަ ފަހަރަށް އުނދުން ޖެއްސެނީއެވެ. ގޭސް ލީކުވެފައި މިހުންނަނީ ރޭގަނޑު ބަދިގޭގައި އުޅުމަށްފަހު އުނދުނުގެ ހުޅުގަނޑު ނިއްވާލުމުން އުނދުން އެއްކޮށް ނިވުނީކަމަށް ހިތައި ބަލައިނުލައި ދެވެނީއެވެ. އެހެންވުމުގެ ސަބަބުން ހެނދުނު ބަދިގެއަށް ވަންނަ އިރު ވަރަށް ބޮޑަށް މިހުންނަނީ ގޭސް ލީކުވެފައެވެ.
އެމްއެންޑީއެފްގެ ފަޔާއެންޑް ރެސްކިއުގެ ޑިރެކްޓާ އެޑްމިންސް އަދި ޕާސަނަލް މޭޖާ އަހުމަދު ފާއިޒް ރަޝާދު "ވަން" އަށް މިއަދު ވިދާޅުވީ ގޭސް ލީކުވެފައި ހުންނަކަން ނޭނގި ގިނަ މީހުންނަށް އުނދުން ޖެއްސިގެން ހާދިސާތައް ހިނގާ ކަމަށެވެ. އެހެންކަމުން އެންމެ ފުރަތަމަ ބަދިގެއަށް ވަދެފައި ވައި ދައުރުވާނެހެން ދޮރުތައް ހުޅުވާލުން މުހިންމު ކަމަށް ވިދާޅުވިއެވެ.
ފާއިޒް ވިދާޅުވީ ބަދިގެތެރޭގައި އެއްވެސް އާދަޔާހިލާފު ވަހެއް ހުރިތޯ ދެނެގަތުންވެސް މުހިންމު ކަމަށެވެ. އަދި ގޭސް ލީކުވެފައި ހުރިހެން ހީވާނަމަ އުނދުން ނުޖައްސައި ގޭހުގެ އަސަރު ފިލަންދެން ގޭސް ފުޅި ބަހައްޓަފައި ހުންނަ ކަބަޑުގެ ދޮރުތައް ހުޅުވާލުން މުހިންމު ކަމަށެވެ. ގޭހުގެ އަސަރު މުޅިން ފިލައިގެން ދިޔުމުން ނޫނީ އުނދުން ނުޖެއްސުމަށާއި ފަސޭހައިން ހުޅުހިފާ ޒާތުގެ ތަކެތި އުނދުނާއި ކައިރީގައި ނުބެހެއްޓުމަށް ސަމާލުކަންދިނުމަށްވެސް ވިދާޅުވިއެވެ.
މޭޖާ ފާއިޒް ވިދާޅުވީ ގޭސް ލީކުވެއްޖެނަމަ ފަޔާ އެންޑް ރެސްކިއުގެ އިމަޖެންސީ ނަންބަރަށް ގުޅައި އެ މައުލޫމާތު އަވަހަށް ހިއްސާކުރުމަކީ މުހިންމު ކަމެއް ކަމަށެވެ. އެއީ ގޭސް ލީކުވެއްޖެނަމަ ކަންތައް ކުރާނެ ގޮތް ހުރިހާ އެންމެނަށް ނޭނގިދާނެ ކަމަށާއި އަދި ހިތާމަވެރި ހާދިސާއެއް ހިނގުމުގެ ފުރުސަތުވެސް ކުޑަވެގެންދާނެތީއެވެ.
ފާއިޒް ވިދާޅުވީ ގޭސް ލީކުވަނީ ކޮންތާކުންތޯ ބަލައިލަން ވާނެ ކަމަށެވެ. އެގޮތުން އުނދުނުން ލީކުވާނަމަ އަވަހަށް ގޭސްފުޅީގެ ރެގިއުލޭޓަރު ނައްޓާލަން ޖެހޭނެ ކަމަށާއި އަދި ފުޅީގެ ވޭލުން ލީކުވާނަމަ ރެގިއުލޭޓަރު ޖެހުމަށްފަހު ރެގިއުލޭޓަރުން ބަންދުކޮށްލަން ޖެހޭނެ ކަމަށެވެ.
މީގެ އިތުރުންވެސް ކަރަންޓު އެއްވެސް އެއްޗެއް އޮންކޮށް އޮފްކޮށް ނުހެދުމަށާއި ވައި ދައުރުވާނެހެން ކުޑަދޮރުތައް ހުޅުވުމާއި އުނދުން ރޯކުރަން މަސައްކަތް ނުކުރުމަށްވެސް ވިދާޅުވިއެވެ.
ބައެއް މީހުން ގަބޫލުކުރާ ގޮތުގައި ގޭސް ލީކުވަނީ ވަކި ކަހަލަ ގޭސްފުޅިއެއް ބޭނުންކުރުމުންނެވެ. ނަމަވެސް ފާއިޒު ވިދާޅުވީ އެއީ މުޅިން ރަނގަޅު ވިސްނުމެއް ނޫން ކަމަށެވެ. ގޭސް ލީކުވެގެން ހިނގާފައިވާ ހާދިސާތަކާއި، ވަކި ކަހަލަ ގޭސް ފުޅިއެއް ބޭނުން ކުރުމުން ހިނގާ ހާދިސާތަކާއ ގުޅުމެއް އޮތްކަމަށް މިހާތަނަށް ފާހަގަ ކުރެވިފައި ނުވާ ކަމަށްވެސް ވިދާޅުވިއެވެ.
ފާއިޒް ވިދާޅުވި ގޮތުގައި މިފަދަ ކަމަކުން ސަލާމަތްވުމަށް ރަނގަޅު އުނދުނެއް ބޭނުންކުރެވިދާނެ ކަމަށެވެ. އަދި އުނދުން ސާފުތާހިރުކޮށް ބެހެއްޓުމަކީވެސް މުހިންމު ކަމެއް ކަމަށް ވިދާޅުވިއެވެ.
ދުނިޔޭގެ އެހެން ގައުމުތަކުގައިވެސް މިފަދަ ހާދިސާތަކުން ސަލާމަތްވުމަށް ތަފާތު އާލާތްތައް ގެންގުޅެއެވެ. އެގޮތުން ގޭސް ލިކުވެފައިވާކަން ދެނެގަތުމަށް ބޭނުންކުރާ ގޭސް އާލާތްތައް މިހާރު ބައެއް ގެތަކުގައި ބޭނުންވެސް ކުރެއެވެ.
ގޭސްލީކުވެފައި ހުއްޓާ އުނދުން ޖެއްސިއްޖެ ނަމަ ބައެއްފަހަރު ގޭސްފުޅިވެސް އުނދުންވެސް ގޮވައެވެ. އަނެއްބައިފަހަރު ހުޅުގަނޑު ފަޅައިގެންގޮސް ކައިރީގައި ހުންނަ މީހާގެ ގައިގައި އަލިފާން ރޯވެއެވެ. އެންމެ އާންމުގޮތެއްގައި، މި ގޮތަށް ރޯވެއްޖެ ނަމަ ސަލާމަތްވާން ދުއްވައިގަނެވެނީއެވެ. ހަގީގަތަކީ އަލިފާން ރޯވެއްޖެ ނަމަ ކަންތައް ކުރާނެ ގޮތް ގިނަ މީހުންނަށް ނޭނގެނީއެވެ.
"ގައިގައި އަލިފާންރޯވެއްޖެނަމަ ހުއްޓިފައި، ބިންމަތީ އޮށޯތުން އަދި ދެފަރާތަށް ފުރޮޅުން ފުރޮޅޭއިރު ދެ އަތުން މޫނު ނިވާ ކުރުން. ޑްރޮޕް، ރޯލް އެޅުން. އަލިފާން ރޯވެފައިވާ މީހާގެ ގައިގައި ރަޖާއާޅައި ބަންދުކުރުން، މިހާލަތުގައި ނުރައްކަލަށް ގޮސްދާނެ ހާލަތަކީ ގައިގައި އަލިފާން ރޯވެގެން ދުވަން އުޅެފިނަމަ އަލިފާން ފެތުރި ބޮޑުވަރު ވުމަކީ އެކަށީގެންވާކަމެއް." މޭޖާ ފާއިޒް ވިދާޅުވިއެވެ.
ފާއިޒް ވިދާޅުވީ އާންމުކޮށް ފަޔާ އެންޑް ރެސްކިޔު ސާވިސްއިން މިފަދަ ހާދިސާތަކުގައި އަމަލުކުރާގޮތަކީ ހިނގައިގެން އުޅޭ ހާދިސާ ހައްލުކުރުމަށްފަހު ގޭގައި ދިރިއުޅޭ މީހުންނަން ގޭސް ލީކުވެއްޖެ ހާލަތެއްގައި އަމަލު ކުރާނެ ރަނގަޅު ގޮތް ބުނެދިނުން ކަމަށެވެ. އަދި ރައްކާތެރިވުމުގެ ގޮތުން އެޅިދާނެ ފިޔަވަޅުތަކާއި ގުޅޭގޮތުން މައުލޫމާތުދިނުމާއި، އުނދުން ބޭނުން ކުރުމުގައި ސަމާލުކަން ދޭންޖެހޭ ކަންތައްތައް ބުނެދިނުމާއި ހާދިސާއެއް ދިމާވުމުން އަމަލު ކުރާނެ ރަނގަޅުގޮތް ބުނެދީ ހޭލުންތެރިކުރުވުން ކަމަށެވެ.
ރިޕޯޓް
ރިޕޯޓް
ރިޕޯޓް
ރިޕޯޓް