ކ. ކާށިދޫގައި ހުންނަ އެ އަތޮޅު މަދަރުސާގެ އާ އިމާރާތުގެ މަސައްކަތް ނިންމައި އެއް ދަންފަޅިއަކަށް ކިޔަވައިދޭގޮތަށް ބަދަލުކޮށްފިއެވެ.
އެޑިއުކޭޝަން މިނިސްޓްރީން މިއަދު ކުރި ޓުވީޓެއްގައި ބުނެފައިވަނީ ކ. އަތޮޅު މަދަރުސާގެ އާ އިމާރާތުގެ މަސައްކަތް ނިމި، ބޭނުންކުރަން ފެށުން މިއަދު ފާހަގަކޮށްފައިވާ ކަމަށެވެ. އަދި މިއާއެކު މިއަދުން ފެށިގެން އެ މަދަރުސާ ވެގެންދާނީ އެއް ދަންފަޅިއަށް ކިޔަވައިދޭ ސްކޫލަކަށް ކަމަށްވެސް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.
މާލޭގެ ތިން ސްކޫލެއް އެއްދަންފަޅިއަށް މިހާރު ބަދަލުކުރަން ނިންމާފައިވާއިރު އަތޮޅުތެރޭގެ ގިނަ ސްކޫލުތަކެއް މިހާރުވެސް ވަނީ އެއްދަންފަޅިއަކަށް ބަދަލުކޮށްފައެވެ.
ސްކޫލްތައް އެއްދަންފަޅިއަކަށް ބަދަލުކުރުމާ ގުޅެ ގޮތުން މީގެ ކުރިން އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވީ ކޮންމެ ކުއްޖަކީ ވެސް ފަސްމީރު ކުރިރުކެއްގެ ގޮތުގައި ތަރުބިއްޔަތު ކުރުމަށް މިހާރު އޮތް އެންމެ ބޮޑު ދައްޗަކީ، މަދަރުސާތައް ދެ ދަންފަޅިއަށް ހިންގުން ކަމަށެވެ.
ރަސްމީ މުގައްރަރުތަކުގައި ކިޔަވައިދޭ ތަކެތި ކިޔަވައިދިނުމަށް ފަހު، ހަށިގަނޑުގެ ތަރުބިއްޔަތާއި ސުލޫކުގެ އެކި ކަންކަން ކިޔަވައިދޭނޭ ޖާގައެއް، ވަގުތެއް، މާހައުލެއް ސްކޫލުން ފޯރުކޮށްދެވެން ނެތް ކަމަށާއި އެހެންކަމުން މިސަރުކާރުގެ މައިގަނޑު އެއް ސިޔާސަތަކީ ރާއްޖޭގެ ސްކޫލުތަކަކީ އެއް ދަންފަޅިއަށް ހިންގޭ ސްކޫލުތަކަކަށް ހެދުން ކަމަށް މިނިސްޓަރު ވަނީ އޭރު ވިދާޅުވެފައެވެ.
މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ ސްކޫލު އެއްދަންފަޅިއަށް ބަދަލުކުރެވުމުން އެކަމުގެ އެދެވޭ މަންފާ، ދަރިވަރުންގެ އުޅުމުންނާއި އަހުލާގުން ފެނުމަކީ އުއްމީދު ކުރައްވާ ކަމެއް ކަމަށެވެ. އަދި ދަރިވަރުންގެ ކިބައިގައި ކުރީން ނުހުންނަ ހުނަރުތައް އަށަގަނެގެން ދިއުމަކީވެސް އުއްމީދު ކުރައްވާ ކަމެއް ކަމަށް ވިދާޅުވި އެވެ. ސްކޫލްތައް ތަރައްގީކުރުމަށް ކުރާ ކޮންމެ ކަމެއްގެ އަމާޒަކީ، ދަރިވަރުން ކަމަށާއި އެކުދީންގެ އުޅުމާއި ކެރުމާއި އިސްނެގުމާއި ކިޔެވުން ކަމަށްވެސް ވިދާޅުވި އެވެ.
ޚަބަރު
ޚަބަރު
ޚަބަރު