ޖަރުމަނު ބުންޑަސްލީގާގައި ބަޔާން މިއުނިކުން ރޭ ކުޅުނު މެޗުގައި ބްރޫޝިއާ މޮންޗަންގްލެޑްބެޗް ކައިރީ 1-1 ގެ ނަތީޖާއަކުން އެއްވަރުވެއްޖެއެވެ.
ބަޔާން ދަނޑުގައި ކުޅުނު މެޗު އެއްވަރުވި އިރު، މެޗުގައި ފާހަގަކޮށްލެވޭ ކުޅުމެއް ދެއްކީ ސްވިޒަލޭންޑްގެ ގައުމީ ޓީމު އަދި ބްރޭޝިއާ މޮންޗަންގްލެޑްބެޗްގެ ގޯލްކީޕަރު ޔާން ސޮމާއެވެ. އާންމުކޮށް މުހިއްމު މެޗުތަކުގައި ތަފާތު ކުޅުން ދައްކާ ގޯލްކީޕަރެއްގެ ގޮތުގައި މީގެ ކުރިންވެސް ސޮމާ ފާހަގަވެފައި އޮންނަ އިރު، ރޭގެ މެޗުގައި ސޮމާ ވަނީ ބުންޑަސްލީގާގެ ރެކޯޑު 19 ސޭވެއް ކޮށްފައެވެ.
މީގެ ކުރިން ޖަރުމަނު ލީގުގެ އެއް މެޗެއްގައި އެންމެ ގިނަ ސޭވް ކުރުމުގެ ރެކޯޑު އޮތް ގޯލްކީޕަރަކީ ހަންބާގުގެ ގޯލު ބެލެހެއްޓި އެލެކްސެންޑްރާ ޝޮވޮލޯވް އަތުގައެވެ. އޭނާ 14 ސޭވްކޮށް އެ ރެކޯޑު ހެދީ ހެމްބާގުން ބަޔާންއާ ދެކޮޅަށް ކުޅެ، 4-1 އިން ބަލިވި މެޗެއްގައެވެ.
ސޮމާއަކީ ސްވިސް ގައުމީ ޓީމުގައިވެސް މުހިއްމު ރޯލެއް ކުޅޭ ގޯލްކީޕަރެކެވެ. ހާއްސަކޮށް ޔޫރޯއާއި ވޯލްޑް ކަޕް ފަދަ މުބާރާތްތަކުގައިވެސް ސޮމާގެ ކުޅުން ފާހަގަކުރެވިފައިވާ އިރު، އުމުރުން 33 އަހަރުގެ ސޮމާ ވަނީ ގައުމީ ޓީމަށްވެސް މިހާތަނަށް 74 މެޗު ކުޅެފައެވެ. އަދި ރޭގެ މެޗަކީ ބްރޫޝިއާ މޮންޗަންގްލެޑްބެޗަށް އޭނާ ކުޅުނު 327 ވަނަ މެޗެވެ.
ބަޔާންއިން ފުރަތަމަ ހާފުގައިވެސް ފުލުފުލުގައި ހަމަލާތައް އުފައްދަނިކޮށް، ގްލެޑްބެޗުން ވަނީ ހާފު ނިމުމުގެ ކުރިން ލީޑު ނަގައިފައެވެ. އެ ގޯލު ގްލެޑްބެޗުން ޖެހީ އެ ޓީމުން ފުރަތަމަ ހާފުގައި އުފެއްދި އެންމެ ހަމަލާއަކުންނެވެ. އެ ހަމަލާއަކީ ބަޔާން ޑިފެންޑަރު ޑަޔޮޓް އުޕަމެކާނޯ އަތުން ހެދުނު ގޯހެއްގެ ބޭނުން ހިފައި، މާކަސް ތުރާމް ޖެހި ގޯލެކެވެ.
ބަޔާންއިން ދެވަނަ ހާފަށް ނުކުމެވެސް ގޯލަކަށް ބުރަކޮށް މަސައްކަތް ކުރި އިރު، ސަޑިއޯ މާނޭ ޖެހި ދެ ބޯޅައެއް ގޯލަށް ވައްދާލި ނަމަވެސް، ރެފްރީ ނިންމީ އެ ދެފަހަރުވެސް މާނޭ ބޯޅައަށް މަސައްކަތް ކުރީ އޮފްސައިޑް މަގާމުގައި ހުރެގެން ކަމަށެވެ. ބަޔާންއިން ގޯލަކަށް ކުރަމުން އައި މަސައްކަތް ކާމިޔާބުކުރީ 83 ވަނަ މިނެޓުގައެވެ.
ޖަމާލް މުސިއެލާގެ ޕާހަކުން ލެރޮއި ސާނޭ ގޯލު ޖެހީ ބަޔާންއިން ގޯލަށް އަމާޒުކޮށް އުފެއްދި 15 ވަނަ ޝޮޓުގައެވެ. އެ ބަޔާންއިން މެޗުގައި ނެގި 25 ވަނަ ޝޮޓުވެސް މެއެވެ.
ބަޔާންއިން ލީގު ތާވަލުގެ އެއްވަނައިގައި އޮތް އިރު، ގްލެޑްބެޗުންވެސް އަދި މި ސީޒަނުގައި ކުޅުނު ހަތަރު މެޗުންވެސް ބަލިވެފައެއް ނުވެއެވެ.
ޖަރުމަން ބުންޑަސްލީގާ
ޖަރުމަން ބުންޑަސްލީގާ
ޖަރުމަން ބުންޑަސްލީގާ
ޖަރުމަން ބުންޑަސްލީގާ