އިނގިރޭސި ޕްރިމިއާ ލީގުގައި މިއަދު ކުޅުނު މެޗުގައި މެންޗެސްޓާ ޔުނައިޓެޑުން ސައުތުހެމްޕްޓަން ބަލިކޮށްފިއެވެ.
ޔުނައިޓެޑުން ރަށުން ބޭރުގައި މިއަދު ސައުތުހެމްޓަން ބަލިކުރީ 1-0 ގެ ނަތީޖާއަކުންނެވެ. މިދިޔަ ސީޒަނުގެ ލީގުގެ ނަތީޖާތަކާ އެކު ބަލާއިރު މިއަދު މެޗަށް ޔުނައިޓެޑުން ނުކުތީ ހަތް މެޗަށްފަހު އަވޭގައި މޮޅެއް ހޯދުމަށެވެ. މިއަދު މެޗުގެ ކުރިން ޔުނައިޓެޑުން ލީގުގައި އެންމެފަހުން ކުޅުނު އަވޭ ހަތް މެޗުންވެސް އެޓީމު ބަލިވެފައި އޮތް އިރު، އެ ބަލިތަކަށް ނިމުން ގެނެސް ކޯޗު އެރިކް ޓެން ހާގު ވަނީ އޭނާގެ މައްޗަށް އޮތް ޕްރެޝަރު ކުޑަކޮށްލައިފައެވެ.
ޔުނައިޓެޑުން ސީޒަން ފެށީ ދެ ބަލިން ނަމަވެސް މިދިޔަ ހަފުތާ ތެރޭގައި ލިވަޕޫލް ބަލިކޮށް، އެޓީމުން ވަނީ ހިތްވަރު އާކޮށްފައެވެ. އަދި މިރޭގެ މޮޅާއެކު ތާވަލުގައިވެސް ވަނީ ކުރިއަށް ޖެހިލައިފައެވެ. ހަތަރު މެޗުން ހަ ޕޮއިންޓާއެކު ޔުނައިޓެޑުން މިހާރު އޮތީ ހަ ވަނައިގައެވެ. މިއަދުގެ މެޗުން ބަލިވި ސައުތުހެމްޓަން މިވަގުތު އޮތީ ތާވަލުގެ 13 ވަނައިގައެވެ. އެޓީމަށް ލިބިފައިވަނީ ހަތަރު މެޗުން ހަތަރު ޕޮއިންޓެވެ.
މިއަދުގެ މެޗަށް ޔުނައިޓެޑުން ނެރުނީ އެޓީމުން ލިވަޕޫލް ބަލިކުރަން ނެރުނު ފުރަތަމަ 11 އެވެ. ބެންޗުގައި އަލަށް ޓީމަށް ގެނައި ކަސެމީރޯ ހިމަނާފައިވާ އިރު، އޭނާ މެޗަށް ނުކުތީ ދިހަ ވަރަކަށް މިނެޓަށް ވެފައި ވަނިކޮށެވެ.
ޔުނައިޓެޑުން ރަނގަޅަށް މެޗު ފަށައި ފުރަތަމަ ހާފުގައިވެސް ރަނގަޅު ހަމަލާތަކެއް އުފެއްދިއެވެ. އެގޮތުން އެންތޮނީ އެލަންގާ ޖެހި ހަމަލާ ސައުތުހެމްޓަން ގޯލްކީޕަރު ގާވިން ބަޒޫނޫ މަތަކުރި އިރު، އޭގެ ރީބައުންސްގައި ކްރިސްޓިއަން އެރިކްސަން ޖެހި ހަމަލާ ބްލޮކްކުރީ އާމެލް ބެލާ-ކޮޓްޗަޕެވެ.
ރަނގަޅު ޓެމްޕޯއެއްގައި ޔުނައިޓެޑުން ދެވަނަ ހާފުވެސް ފެށި އިރު، އެޓީމުން ވަނީ ހާފުގެ ކުރީކޮޅުގައި ލީޑުވެސް ނަގައިފައެވެ. މެޗުގެ 55 ވަނަ މިނެޓުގައި އަރިމަތިން ޑިއޭގޯ ޑަލޮޓް ނެގި ހުރަސް، ހާފު ވޮލީގައި ބްރޫނޯ ފެނާންޑޭޒް ގޯލަށް ވައްދާލީ އޭރިއާ ތެރެއިންނެވެ. ހިތްގައިމު ގޯލާއެކު ޔުނައިޓެޑުން ލީޑު ނެގި އިރު، މިއަދުގެ މެޗުގެ ފަހު ހާފަށްވެސް ކްރިސްޓިއާނޯ ރޮނާލްޑޯ ކުޅެން ނުކުމެފައިވެއެވެ.
ރޮނާލްޑޯ ފަހު ހާފުގައި ކުޅުމަށް ނުކުތް ނަމަވެސް މިއަދުގެ މެޗުގައިވެސް ކެޕްޓަން ހެރީ މެގުއާ ފެނުނީ އެއްކޮށް ބެންޗުންނެވެ.
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު