ދިވެހި ޕްރިމިއާ ލީގު

ޓީނޭޖާއި ސަސް އެއްވަރުވެ، ކޮލިފިކޭޝަން ފޯރިގަދަވެއްޖެ

ދިވެހި ޕްރިމިއާ ލީގުގެ ކޮލިފިކޭޝަންގައި ކުޅުނު ތިންވަނަ މެޗުގައި ކްލަބު ޓީނޭޖާއި ސުޕަ ޔުނައިޓެޑް ސްޕޯޓްސް ކްލަބު (ސަސް) އެއްވަރުވެއްޖެއެވެ.

ގައުމީ ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗު ނިމުނީ 0-0 ގެ ނަތީޖާއަކުން އެއްވަރުވެގެންނެވެ.

ޓީނޭޖް އަތުން މިއަދު މޮޅުވެ، ސަސްއަށް އަންނަ ސީޒަނުގައިވެސް ޕްރިމިއާ ލީގުގައި ދެމިއޮތުމުގެ ފުރުސަތު އޮތް އިރު، މިއަދުގެ ނަތީޖާއާއެކު އަދިވެސް ހުރިހާ ޓީމަކަށް އަންނަ ސީޒަންގެ ފުރަތަމަ ޑިވިޝަންގައި އޮތުމުގެ ފުރުސަތު އެބައޮތެވެ. މިފަހަރުގެ ޕްރިމިއާ ލީގުގެ ކޮލިފިކޭޝަންގައި ވާދަކުރަމުންދަނީ ދެވަނަ ޑިވިޝަންގެ ފައިނަލުގައި ކުޅުނު ދެ ޓީމާއި ޕްރިމިއާ ލީގުގެ އެންމެ ފުލަށް ދިޔަ ދެ ޓީމެވެ.

ލީގު އުސޫލުން މެޗުތައް ކުރިއަށްދާ އިރު، މިވަގުތު އެއްވަނައިގައި ސަސް އޮތީ ދެ މެޗުން ހަތަރު ޕޮއިންޓާ އެކުގައެވެ. ދެވަނައިގައި އޮތް ޓީނޭޖަށް ދެ މެޗުން ދެ ޕޮއިންޓް ލިބިފައިވާ އިރު، ތިންވަނައިގައި އޮތީ އެއް މެޗުން ޕޮއިންޓެއް ހޯދި ދަ ގްރާންޑޭ ސްޕޯޓްސް ކްލަބެވެ. ފުލުގައި އޮތީ ކުޅުނު ފުރަތަމަ މެޗުން ބަލިވި ބުރު ސްޕޯޓްސް ކްލަބެވެ.

ކޮލިފިކޭޝަންގައި މިރޭ ދަ ގްރާންޑޭ އަތުން ބުރު ބަލިވެއްޖެނަމަ އެ ޓީމު ކަޓާނެއެވެ. ބުރު މޮޅުވެއްޖެނަމަ، ކޮލިފިކޭޝަންގެ ދެ ޖާގައިގެ ވާދަވެރިކަން ބޮޑުވާނެއެވެ. ގަދަ ދެ ޓީމަށް އަންނަ އަހަރުގެ ދިވެހި ޕްރިމިއާ ލީގު ޖާގަ ލިބޭ އިރު، އެ ޖާގަތައް ޔަގީންވާނީ އަންނަ އަންގާރަ ދުވަހު ކުޅޭ ފަހު ދެ މެޗުންނެވެ.

މިއަދު ކުޅުނު މެޗުގެ ފުރަތަމަ ކޮޅުގައިވެސް ދެޓީމަށް ފުރުސަތުތައް ފަހިވެ ގޯލެއް ޖެހޭ ގޮތެއް ނުވިއެވެ. ފުރަތަމަ ހާފުގައި ސަސްގެ އިބްރާހިމް އަތީގް ހަސަން (އިއްބެ)އަށް ލިބުނު ފުރުސަތާއި ޓީނޭޖުގެ ނާޖިހު މުހައްމަދަށް ލިބުނު ފުރުސަތު ފާހަގަވެގެން ދިޔަ އިރު، ނާޖިހުގެ ހަމަލާ މަތަކުރީ ގޯލްކީޕަރު މުހައްމަދު ޝަފީއު (ޗެކް) އެވެ.

ދެވަނަ ހާފުގައި ޓީނޭޖްގެ މިސްރު ފޯވާޑް، އަލީ އަފީފީ ފޮނުވާލި ހަމަލާއާއި ޑިފެންޑަރު އަލީ އަހުމަދު ބޮލުން ފޮނުވާލި ހަމަލާ ވެސް ފާހަގަވި އިރު، އޭގެން އެއްވެސް ހަމަލާއެއް ކާމިޔާބުވެފައެއް ނުވެއެވެ.

ކޮލިފިކޭޝަންގައި މިރޭ ކުޅޭ މެޗުގައި ދަ ގްރާންޑޭއާއި ބުރު ވާދަކުރާ މެޗު އޮންނާނީ 9:00 ގައެވެ.