ކެޕްޓަން ބޭންޑްގައި ހުރުމަކީ ފުރަތަމަ 11 އިން ޖާގަ ޔަގީންވާނެ ކަމެއް ނޫން ކަމަށް މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗު އެރިކް ޓެން ހާގު ބުނެފިއެވެ.
ޔުނައިޓެޑުން އާ ކޯޗު ޓެން ހާގާއެކު މި ސީޒަނަށް ނުކުތް އިރު، ފުރަތަމަ ފެށުން ދިޔައީ ވަރަށް ބޮޑަށް ގޯސްކޮށެވެ. ފުރަތަމަ ދެމެޗުން ބޮޑުތަނުން ބަލިވެގެން ޔުނައިޓެޑުން ސީޒަން ފެށި ނަމަވެސް މިދިޔަ ހަފުތާގައި ލިވަޕޫލް ބަލިކޮށް، ޔުނައިޓެޑުން ވަނީ ހިތްވަރު ހޯދައިފައެވެ. އަދި ރޭގެ މެޗުގައި ސައުތުހެމްޓަން ކައިރީ އަވޭގައި 1-0 އިން މޮޅުވެފައިވެއެވެ.
އެންމެފަހުން ޔުނައިޓެޑުން ކުޅުނު ދެމެޗުން މޮޅުވީވެސް ސެންޓަ ބެކްގައި ރަފޭލް ވަރާން އާއި އާޖެންޓީނާގެ ޑިފެންޑަރު ލިސާންޑްރޯ މާޓިނޭޒް ތިބެގެންނެވެ.
ފުރަތަމަ ދެމެޗުގައި ކެޕްޓަން ހެރީ މެގުއާ ކުޅުނު ނަމަވެސް ލިވަޕޫލާ ދެކޮޅަށް ކުޅުނު މެޗާއި ރޭގެ މެޗުގައި އޭނާ ފެނިގެން ދިޔައީ ބެންޗުންނެވެ.
"ޓީމެއްގެ ތެރޭގައި ފުރަތަމަ 11 އަށް ވާދަވެރިކަން އޮންނަން ޖެހޭނެ. މެޗުން މެޗަށް ކުޅޭ ކުޅުމަށްބަލައި ޓީމު ވަރުގަދަކުރަން ގެންނަން ޖެހޭ ބަދަލު ގެންނާނަން. ވަރާން މުހިއްމު ކަމަށް ޑިފެންޑަރުން ފަހަތުން ސާބިތުކޮށްދީފި. ޓީމުގަ އޮޕްޝަންތައް އެބަހުރި،" ޓެން ހާގު ރޭގެ މެޗުގެ ކުރިން ބުންޏެވެ.
އުމުރުން 29 އަހަރުގެ މެގުއާގެ ފަރާތުން މިދިޔަ ސީޒަނުގެ ބައެއް މެޗުތަކުގައިވެސް ގޯސްތައް ފެނިގެން ގޮސްފައިވާ އިރު، ސަޕޯޓަރުން އޭނާއަށް ފާޑު ކިޔައިފައިވެސް ވެއެވެ. އަދި މިދިޔަ ޕްރި ސީޒަންގެ ތެރޭގައިވެސް އޮސްޓްރޭލިއާގައި ކުޅުނު އެކުވެރިކަމުގެ މެޗެއްގައިވެސް މެގުއާއަށް ސަޕޯޓަރުން ފާޑު ކިޔައިފައިވެއެވެ.
"ކެޕްޓަނަކަށް ހުއްޓަސް ޓީމުގެ 11 އިން ޖާގަ ލިބޭނެ ކަމެއް ޔަގީނެއް ނުވާނެ. ސްކޮޑުގައި ރަނގަޅު ޑިފެންޑަކެޕްރުން އެބަތިބި. އޭގެ ތެރޭގައި ވަރާންވެސް ހިމެނޭ،" ޓެން ހާގު ބުންޏެވެ.
މެންޗެސްޓާ ޔުނައިޓެޑް
މެންޗެސްޓާ ޔުނައިޓެޑް
މެންޗެސްޓާ ޔުނައިޓެޑް
މެންޗެސްޓާ ޔުނައިޓެޑް