އދ. މާމިގިލީގައި ވޮލީ ކުޅެން ހުއްޓައި ޒުވާނަކު މިރޭ މަރުވެއްޖެއެވެ.
ވޮލީ ކުޅެން ހުއްޓައި މަރުވެފައިވަނީ ދިއްދޫ ނޫވިލާގޭ، އަހުމަދު އަބްދުﷲ (ޑަކީ) 37 އެވެ.
ޑަކީ މަރުވެފައިވަނީ އދ. އަތޮޅުގައި މިހާރު ކުރިއަށް ގެންދާ އެ އަތޮޅު ޒޯނު މުބާރާތުގެ މެޗުގައި އދ. ދިއްދޫގެ ރައްޔިތުންގެ ގުޅުމާއި ދަނގެތި އަންވާރު ސްޕޯޓްސް ކްލަބް ބައްދަލުކުރި ވޮލީ މެޗުގައި ކުޅެން ހުއްޓައެވެ.
އެނގިފައިވާ ގޮތުގައި ޑަކީ މާމިގިލި ސިއްހީ މަރުކަޒަށް ގެންދިޔައިރު ވެސް ވަނީ މަރުވެފައެވެ. ޑަކީ މަރުވިއިރު އޭނާގެ ދެ ކުދިން ތިބެއެވެ.
ޑަކީ އަކީ މީގެ ކުރިން އެއް ވަނަ ޑިވިޝަންގައި ވޮލީ ކުޅެފައިވާ ކުޅުންތެރިއެކެވެ. އޭނާއަކީ އދ. އަތޮޅުތަކުގައި މަޝްހޫރު ވޮލީ ކުޅުން ތެރިއެކެވެ.