ފީފާ

އިންޑިއާގެ ސަސްޕެންޝަން ފީފާއިން އުވާލައިފި

އިންޑިއާގެ ފުޓުބޯޅަ އިދާރާ، އޯލް އިންޑިއާ ފުޓްބޯލް ފެޑަރޭޝަން (އޭއައިއެފްއެފް) އަށް ފީފާއިން ކޮށްފައިވާ ސަސްޕެންޝަން އުވާލައިފިއެވެ.

ފީފާއިން ރަސްމީކޮށް ނެރުނު ބަޔާނުގައި ބުނީ އިންޑިއާ ފުޓުބޯޅަ އިދާރާ އޭއައިއެފްއެފްގެ ފުލް ކޮންޓްރޯލް ފުޓުބޯޅަ އިދާރާގެ ދަށަށް މިހާރު ގެންގޮސްފައިވާ ކަމަށާއި ނޯމައިލޭޝަން ކޮމިޓީ، ނޫނީ އެކެޒެކެޓިވް ކޮމިޓީން އޭއައިއެފްއެފްއަށް ބާރު ފޯރުވުން ހުއްޓުވާފައިވާ ކަމަށެވެ. އަދި އިންޑިއާ އެފްއޭގެ މައްސަލަގަނޑެއްގެ ތެރޭގައި އޮތް އިންތިހާބު ބާއްވަން އޭއެފްސީއާއެކު އެހީތެރިވާނެ ކަމަށެވެ.

ފީފާގެ ބަޔާނުގައި އިންޑިއާގައި އޮކްޓޯބަރު މަހު ބާއްވަން އޮތް ފީފާ 17 އަހަރުން ދަށުގެ އަންހެން ވޯލްޑް ކަޕް، ތާވަލާ އެއްގޮތަށް ކުރިއަށް ދާނެ ކަމަށްވެސް ބުނެފައިވެއެވެ.

ފީފާއިން އިންޑިއާގެ އެފްއޭ ސަސްޕެންޑް ކުރީ 15 އޮގަސްޓްގައެވެ. އެއީ ތިންވަނަ ފަރާތެއްގެ ނުފޫޒު އެފްއޭއަށް ވަންނަ ކަމަށް އަންގައިފައެވެ.

ފީފާއިން އެފަހަރު ނެރުނު ބަޔާނުގައި ބުނީ ފީފާ މެންބަރު ގައުމުތަކުން ސިޔާސީ އަދި ކޯޓުތަކުގެ ނުފޫޒުންވެސް ސަލާމަތްވެ ތިބެން ޖެހޭނެ ކަމަށާއި އިންޑިއާ ފުޓުބޯޅައިގެ ފުރިހަމަ ކޮންޓްރޯލު އިންޑިއާގެ ފުޓުބޯޅަ ފެޑަރޭޝަނަށް ލިބެން ދެން ސަސްޕެންޝަން ދެމި އޮންނާނެ ކަމަށެވެ.

އިންޑިއާ ފުޓުބޯޅަ އިދާރާގެ ރައީސް ޕްރަޕުލް ޕަޓޭލްގެ ލީޑާޝިޕާއި ސަރުކާރާ ހިޔާލު ތަފާތުވެ، ސަރުކާރުން ސުޕްރީމް ކޯޓަށް ވެއްދި މައްސަލައިގައި މިއަހަރުގެ މެއި މަހު ކޯޓުން ނިންމީ، އިންޑިއާ ފުޓްބޯޅައިގެ ރައީސް ޕަޓޭލްގެ ލީޑާޝިޕް ނިމުމަކަށް ގެންނާށެވެ. އެ ނިންމުމުގައި އަންގާފައިވަނީ ކަންކަން ހައްލުކުރުމަށް ވަކި މުއްދަތެއް، ހާއްސަ ތިން މެމްބަރުންގެ ކޮމިޓީއަކަށް ދިނުމަށެވެ.

އިންޑިއާ ފުޓްބޯޅައިގެ ރައީސްގެ މަގާމު ތިން ދައުރުކުރެއްވި، ޕަޓޭލްއާ ދެކޮޅަށް އިންޑިއާގެ ކުޅިވަރާ ބެހޭ މިނިސްޓްރީން ކޯޓަށް މައްސަލަ ހުށަހެޅީ 2020 ވަނަ އަހަރު ޑިސެމްބަރު މަހަށް އޭނާގެ ދައުރު ހަމަވިއިރު ވެސް އިންތިހާބު ބާއްވާފައި ނުވާތީއެވެ.

އެކަމުގައި ފީފާއާ ބައްދަލުކުރުމުން ފީފާއިން އިންޑިއާއަށް ދީފައިވާ ފުރުސަތަކީ މިދިޔަ ޖުލައި މަހުގެ ނިޔަލަށް ގަވާއިދަށް ބަދަލުތަކެއް ގެނެސް، ސެޕްޓެމްބަރު މަހުގެ ނިޔަލަށް އާ އިންތިހާބެއް ބޭއްވުމަށެވެ. މިއަދާ ހަމައަށް އެ އެންގި ކަންކަން ފުރިހަމަކުރުމަށް އެފްއޭއިން މަސައްކަތް ކޮށްފައެއް ނުވެއެވެ. ފީފާއިން ފިޔަވަޅު އެޅީ ސަރުކާރުންވެސް އެފްއޭގެ ކަންކަމުން ދުރަށް ޖެހެން އެކަށޭނެ ޕްލޭނެއް ކޮށްފައި ނުވާތީއެވެ.

ކަންކަން އަވަހަށް ހައްލު ކުރުމަށް ފީފާއިން އެންގި އެންގުމަށް ކަންކަން ފަހި ކުރުމަށްފަހު، އިންޑިއާ އެފްއޭއިން މީގެ ތިން ދުވަސް ކުރިން ސަސްޕެންޝަން އުވާލައި ދިނުމަށް އެދިފައިވެއެވެ.