ބޯކޮށް ވާރޭވެހި ފެންބޮޑުވެދާނެތީ ރައްކާތެރިކަމުގެ ފިޔަޅުއަޅަން ނޭޝަނަލް ޑިޒާސްޓާ މެނޭޖުމެންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން އެދިއްޖެއެވެ.

އެންޑީއެމްއޭއިން މިއަދު ކުރި ޓުވީޓެއްގައި ބުނީ، ބޯކޮށް ވާރޭވެހި، ވައިގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން ލަފާކޮށްފައިވާތީ ވިއްސާރައިގެ ސަބަބުން އާންމުކޮށް ފެންބޮޑުވާ ރަށްރަށުން ފެންބޮޑުވެގެން ލިބިދާނޭ ގެއްލުން ކުޑަކުރުމަށް ދުރާލާ ފިޔަވަޅުއެޅުމަށް އިލްތިމާސްކުރާ ކަމަށެވެ.

އެންޑީއެމްއޭއިން ވަނީ ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ރައްކާތެރިވުމަށް އިލްތިމާސްކޮށްފައެވެ. އަދި ކަނޑުމައްޗަށް ނުކުންނައިރު ސަލާމަތީ އާލާތްތައް ހަމައަށް ހުރިތޯ އާއި މުވާސަލާތީ ނިޒާމް ރަނގަޅަށް މަސައްކަތް ކުރާކަން ކަށަވަރުކުރުމަށް އިލްތިމާސްކޮށްފައެވެ.

މެޓް އޮފީހުގެ އޮފިޝަލަކު "ވަން" އަށް މިއަދު ވިދާޅުވީ މިރެ އާއި މާދަމާ މާލޭ ސަރަހައްދަށް ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށާއި ކަނޑުތައްވެސް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި އުތުރުގެ ރަށްތަކުގެ މޫސުން ވެސް ގޯސްވާނެ ކަމަށާއި ދެކުނުގެ އަތޮޅުތަކަށް ވެސް ވިއްސާރަވާނެ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

ހއ. އަތޮޅުން ފެށިގެން ތ. އަތޮޅުގެ ރަށްތަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް މެޓް އޮފީހުން ވަނީ ވައިޓް އެލާޓް ނެރެފައެވެ. އަދި ކ. އަތޮޅު ފެށިގެން އައްޑޫ ސިޓީއާ ހަމައަށް ވެސް ވަނީ ވައިޓް އެލާޓް ނެރެފައެވެ.