ދ. ކުޑަހުވަދޫ އަމަން އަބްދުﷲ ޖުނާން އިބްރާހިމްގެ މައްޗަށް ޑްރަގް ޓްރެފިކިންގެ ދައުވާކުރީ މުއްދަތު ހަމަވުމުން ކަމަށް ބުނެ، އެ ދައުވާ ކުރިއަށް ނުގެންދަން ކުރިމިނަލް ކޯޓުން ނިންމި ނިންމުން ބާތިލުކޮށް އެ ދައުވާ ކުރިއަށް ގެންދިއުމަށް ހައިކޯޓުން އަންގައިފިއެވެ.

މަސްތުވާތަކެތި ބޭނުންކޮށް އެ ތަކެތި ގެންގުޅެ އެ ތަކެތީގެ ވިޔަފާރި ކުރާކަމުގެ ތުހުމަތުގައި ޖުނާން ހައްޔަރުކުރީ 20 ފެބްރުއަރީ 2020 ގައެވެ.

އެ ކުށަކީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ޖިނާއީ ބޮޑެތި ކުށްތަކުގެ ތެރޭގައި ހިމެނޭ ކުށަކަށް ވެފައި އެ މައްސަލާގައި ޖުނާންގެ މައްޗަށް ތުހުމަތުކުރެވޭ ވަރަށް ހެކި ގަރީނާ ލިބިފައިވާތީ، މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އޭނާ ބަންދުގައި ބެހެއްޓުމަށްފަހު 27 ފެބްރުއަރީ 2020 ގައި އޭނާ ބަންދުން ދޫކޮށްލިއެވެ.

އެ މައްސަލައިގައި ޝަރީއަތުގެ ކުރިން ކޯޓަށް ހުށަހަޅާ ކަންތައްތައްތައް ހުށަހެޅުމުގެ މަރުހަލާގައި ޖުނާންގެ ފަރާތުން ހުށަހަޅާފައި ވަނީ، އޭނާގެ މައްޗަށް ދައުވާ ކޮށްފައި ވަނީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ބަޔާން ކޮށްފައިވާ ދައުވާ ކުރުމުގެ މުއްދަތު ފާއިތުވި ފަހުން ކަމަށެވެ. އެހެންކަމުން އެ ދައުވާ ކުރިއަށް ގެންދިއުމަށް ހުރަސް އެޅިފައިވާ ކަމަށް ކަނޑައަޅައި ދިނުމަށް އެދުނެވެ.

މި މައްސަލަައިގައި ކްރިމިނަލް ކޯޓުން ނިންމި ނިންމުމުގައި ކަނޑައަޅާފައިވަނީ މި މައްސަލައިގައި ދައުލަތުން ދައުވާ ކޮށްފައިވަނީ ޖިނާއީ އިޖުރާއަތުގެ ގާނޫނުން މީހެއްގެ މައްޗަށް ދައުވާކުރަން ލިބޭ 30 ދުވަހުގެ މުއްދަތު ފަހަނައަޅައި ދިއުމަށްފަހުގައިކަން އެނގޭތީ އެ ދައުވާ ބެލޭނެ ތަނެއް ނެތް ކަމަށެވެ.

ދައުލަތުން މި މައްސަލަ ހައިކޯޓަށް ހުށަހަޅައި ފާހަގަކުރި އިސްތިއުނާފީ ނުކުތާގައި ބުނެފައި ވަނީ، ދައުވާކުރުމުގެ މުއްދަތު ގުނުމުގައި ތިން ގޮތަކަށް އަމަލުކުރެވޭނެ ކަމަށް ގާނޫނުގައި ބަޔާންކޮށްފައިވާ ކަމަށެވެ.

އޭގެ ތެރޭގައި ޖިނާއީ ކުށެއްގެ ތުހުމަތުގައި ހައްޔަރުކޮށް ބަންދުކުރާ މީހުންގެ މައްޗަށް 30 ދުވަހުގެ ތެރޭގައި ދައުވާ ކުރުން ހިމެނޭ ކަމަށާއި އެފަދަ ކުށެއްގެ ތުހުމަތުގައި ހައްޔަރުކޮށް ބަންދުކުރަން ނިންމުމަށްފަހު، ފަހުން ދޫކޮށްލާ މީހުންގެ މައްޗަށް 45 ދުވަހުގެ ތެރޭގައި ދައުވާ ކުރެވޭނެ ކަމަށާއި އަދި ޖިނާއީ ތުހުމަތެއްގައި ހައްޔަރުކޮށް، ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުކުރުމަކާ ނުލައި ބަންދުން ދޫކޮށްލާ މީހުންގެ މައްޗަށް ގާނޫނުލް އުގޫބާތުގެ 61 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މުއްދަތުގައި ދައުވާ ކުރުންކަމާއި ޖުނަހުގެ ކުށެއް ނަމަ ކުށް ކުރި ވަގުތުން ފެށިގެން ތިން އަހަރު ދުވަހުގެ ތެރޭގައި އަދި ޖިނާޔަތުގެ ކުށެއް ނަމަ ކުށް ކުރި ވަގުތުން ފެށިގެން އަށް އަހަރު ދުވަހުގެ ތެރޭގައި ދައުވާކުރުން ހިމެނެއެވެ.

މި މައްސަލަ ބެލުމަށްފަހު ހައިކޯޓުން ކުރި ހުކުމުގައި ބުނެފައި ވަނީ، ޖިނާއީ އިޖުރާއަތުގެ ގާނޫނަށް ބަލައި އިރު، ބަންދުކުރާ މީހެއްގެ މައްޗަށް އޮންނަ 30 ދުވަހުގެ މުއްދަތާއި ބަންދުން ދޫކޮށްލާފައިވާ މީހެއްގެ މައްޗަށް އޮންނަ 45 ދުވަހުގެ މުއްދަތަކީ މައްސަލައިގެ ތަހުގީގު ނިންމައި ޕީޖީ އޮފީހަށް ހުށަހަޅަންޖެހޭ މުއްދަތު ކަމަށެވެ.ދައުވާ އުފުލަން ޖެހެނީ ޕީޖީ އޮފީހަށް އެ މައްސަލައެއް ހުށަހަޅާތާ 10 ދުވަހުގެ ތެރޭގައި ކަމަށްވެސް ބުނެފައިވެއެވެ.

އެހެންކަމުން ޖުނާންއަކީ ބަންދުކޮށް ދޫކޮށްލާފައިވާ ފަރާތެއް ކަމުން ފަނޑިޔާރެއްގެ ކުރިމައްޗަށް އޭނާ ހާޒިރުކުރި ދުވަހުން ފެށިގެން 45 ދުވަހުގެ މުއްދަތުގެ ތެރޭގައި އޭނާގެ މައްޗަށް ދައުވާ ކުރެވެން އޮންނާނެ ކަމަށްވެސް ބުނެފައިވެއެވެ.

އެހެންކަމުން މި މައްސަލައިގައި ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުމާމެދު ކްރިމިނަލް ކޯޓުން ނިންމި ނިންމުން ބާތިލުކޮށް، މި މައްސަލައިގައި ޖުނާންގެ މައްޗަށް ދައުވާ އުފުލާފައިވާނީ ގާނޫނުގައި ބުނެފައިވާ މުއްދަތުގެ ތެރޭގައި ކަމަށް ކަނޑައަޅައި، މި ދައުވާއަކީ ކްރިމިނަލް ކޯޓުން ބަލަންޖެހޭ ދައުވާއެއް ކަމަށް ކަނޑައަޅައި މައްސަލައިގެ ޝަރީއަތް އެ ކޯޓުގައި ކުރިއަށް ގެންދަންޖެހޭ ކަމަށް ހައިކޯޓުން ވަނީ ހުކުމްކޮށްފައެވެ.