މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތްކުރާ ފްލެޓްތަކުގެ އަގުތަކާ ބެހޭގޮތުން ފްލެޓްތައް ލިބުނު މުވައްޒަފުން ހުށަހަޅާފައިވާ ޕެޓިޝަނަކާ ގުޅިގެން އެމްޕީއެލްގެ އިސް ބޭފުޅުން ރައްޔިތުންގެ މަޖިލީހުގެ ޕެޓިޝަން ކޮމިޓީއަށް ހާޒިރުކުރަން ނިންމައިފިއެވެ.
ޕްލެޓް ލިބުނު މުވައްޒަފުން ކޮމިޓީއަށް ހުށަހަޅާފައިވާ ޕެޓިޝަނުގައި އެދިފައި ވަނީ، ފްލެޓްތަކަށް ފައިސާ ދެއްކުމުގައި މިހާރު އޮތް ގޮތަށްވުރެ ލުއި ގޮތްތަކެއް ހަމަޖައްސައި ދިނުމަށެވެ. ހާއްސަކޮށް އެ ތަންތަނުގެ އެޑްވާންސް ފައިސާ ދެއްކުމުގައި ޕެންޝަން ފަންޑުން ލުއި ގޮތްތަކެއް ހަމަޖައްސައިދިނުމަށްވެސް އެދިފައިވެއެވެ.
މިކަމާ ގުޅިގެން ޕެޓިޝަން ކޮމިޓީން ބޭއްވި ބައްދަލުވުމުގައި އެމްޕީއެލްގެ އިސް ވެރިން އެ ކޮމިޓީއަށް ހާޒިރުކުރަން ހުށަހެޅުއްވީ އިނގުރައިދޫ ދާއިރާގެ މެމްބަރު ހަސަން އަހުމަދެވެ. އޭނާ ވިދާޅުވީ އެ ކުންފުނީގެ އިސްވެރިން ކޮމިޓީއަށް ހާޒިރުކޮށް ކަންކަން އޮޅުން ފިލުވަންޖެހޭ ކަމަށެވެ.
ހަސަން އަހުމަދުގެ ހުށަހެޅުއްވުމަށް ތާއީދު ކުރައްވައި ތިނަދޫ އުތުރު ދާއިރާގެ މެމްބަރު އަބުދުލް މުޣުނީ ވިދާޅުވީ، ޑައުންޕޭވްމަންޓްގެ ގޮތުގައި ދޮޅު ލައްކައެއްހާ ރުފިޔާ ފްލެޓްތަކަށް ދެއްކުމަށްފަހު، މަހަކު ދިހަބާރަ ހާސް ރުފިޔާ ދިނުމަކީ މުވައްޒަފުންނަށް ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި މުވައްޒަފުންގެ ބޯހިޔާވަހިކަމުގެ ކަންތަކުގައި ސަރުކާރުގެ ބޮޑެތި އެހެން ކުންފުނިތަކުންވެސް މުވައްޒަފުންނަށް ލުއި ގޮތްތަކެއް ހޯދައިދޭ އިރު، އެފަދަ ލުއި ގޮތްތަކެއް އެމްޕީއެލުން ހަމަޖައްސައި ނުދިނުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ވިދާޅުވިއެވެ.
ނަމަވެސް ކަނޑިތީމު ދާއިރާގެ މެމްބަރު އަބްދުﷲ ޝަހީމް އަބްދުލް ހަކީމު ވިދާޅުވީ، ބޮޑު ހަރަދުތަކެއް ކޮށްގެން ފްލެޓްތައް ހަދާފައިވާއިރު، އެކަމަށް އެކަށީގެންވާ އަގެއްވެސް ނަގަންޖެހޭނެ ކަމަށެވެ. އައި އެމްޕީއެލްގެ މުވައްޒަފުން އެދިފައި ވަނީ ޕެންޝަން ފަންޑު މެދުވެރިކޮށް ލުއި ގޮތްތަކެއް ހަމަޖައްސައި ދިނުމަށް ކަމުން، އެ ފަންޑުން އެކަން ހަމަޖެހުމަކީ މުވައްޒަފުންނަށް ލިބޭ ވަރަށް ބޮޑު ލުޔަކަށް ވާނެ ކަމަށްވެސް ވިދާޅުވިއެވެ.
އެހެންކަމުން އެ މައްސަލައިގައި ޕެންޝަން އޮފީހުގެ ބޭފުޅަކު ކޮމިޓީއަށް ހާޒިރުކުރުމަށްވެސް ނިންމިއެވެ.
ކެލާ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވީ، މުވައްޒަފުންނަށް ފްލެޓް ދޫކުރާއިރު، ހުރިހާ ކުންފުނިތަކުން އެއް އުސޫލަކުން އަމަލުކުރުން މުހިންމު ކަމަށެވެ. ހުރިހާ ކުންފުންޏެއްގައި އުޅެނީ ދިވެހި ރައްޔިތުންނަށްވެފައި ފްލެޓްގެ މަސައްކަތަކީ އެ ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދައި ދިނުމަށް ކުރެވޭ މަސައްކަތްތަަކަކަށް ވުމުން، ހައުސިން މިނިސްޓްރީއާ ވާހަކަދައްކައިގެން އެ މިނިސްޓްރީ މެދުވެރިކޮށް އެކަމުގައި ހުރިހާ ކުންފުނިތައް އެއް އުސޫލަކުން އަމަލު ކުރެވޭނެ ގޮތެއް ހެދުމަކީ މުހިންމު ކަމެއް ކަމަށްވެސް ވިދާޅުވިއެވެ.
ހިޔާ މަޝްރޫޢުގެ ދަށުން އޮފީސްތަކަށް ހާއްސަކޮށްގެން އަޅާ އިމާރާތްތަކުން އެމްޕީއެލްގެ މުއައްޒަފުންނަށް ހާއްސަކުރި ބައިގައި، އެމްޕީއެލުން ދަނީ 15 ބުރީގެ ތިން ޓަވަރު އިމާރާތްކުރަމުންނެވެ. އެ ޕްރޮޖެކްޓުގެ ދަށުން އެ ކުންފުނިން ވިއްކަން ކަނޑައަޅާފައި ވަނީ ހަތަރު ކެޓަގަރީއަކުން 534 ފްލެޓެވެ. އެއީ އެއްް ކޮޓަރީގެ 204 ފްލެޓާއި 1+2 ކޮޓަރީގެ 330 ފްލެޓެވެ.
މުވައްޒަފުންނަށް ފްލެޓް ގަތުމަށް ތިން ގޮތެއް އިހުތިޔާރު ކުރެވޭނެ ގޮތަށް އެ ކުންފުނިން ވަނީ ހަމަޖައްސައިފައެވެ. ފުރަތަމަ ގޮތަކީ އެއްފަހަރާ ފްލެޓަށް ފައިސާ ދެއްކުމެވެ. ދެވަނަ ގޮތަކީ އެއް އަހަރަށް ބަހާލައިގެން ފައިސާ ދެއްކުމެވެ. ތިންވަނަ ގޮތަކީ ބޭންކު ނުވަތަ ފައިނޭންޝަލް އިންސްޓިޓިއުޓަކުން ލޯނު ހަމަޖެއްސުމެވެ. އެއަށްފަހު މުވައްޒަފުން އިންސްޓޯލްމަންޓަށް ފައިސާ ދައްކަން ޖެހޭނެ ކަމަށް އެ ކުންފުނިން ބުނެއެވެ.
- 1 ކޮޓަރީގެ ޓައިޕް-އޭ ފްލެޓް - 454 އަކަފޫޓު / 800،000ރ
- 1 ކޮޓަރީގެ ޓައިޕް-ބީ ފްލެޓް - 471 އަކަފޫޓު / 828،132ރ
- 1+2 ކޮޓަރީގެ ޓައިޕް-އޭ ފްލެޓް - 670 އަކަފޫޓު / 1،500،000ރ
- 1+2 ކޮޓަރީގެ ޓައިޕް-ބީ ފްލެޓް - 686 އަކަފޫޓު / 1،535،821ރ
ޚަބަރު
ޚަބަރު
ޚަބަރު