އިންޓަނޭޝަނަލް ޔޯގާ ދުވަސް ފާހަގަ ކުރުމަށް ގަލޮޅު ދަނޑުގައި ބޭއްވި ހަރަކާތުގެ ތެރެއަށްވަދެ ހަމަނުޖެހުން ހިންގުމަށް މަސައްކަތްކުރިކަމުގެ ތުހުމަތުގައި ހައްޔަރުކުރި ފ. ދަރަނބޫދޫ އާބާދީ ގުލްޝަން، ޝަބިމް އާދަމް ދޫކޮށްލަން ކުރިމިނަލް ކޯޓުން ކުރި އަމުރު ހައިކޯޓުން ބާތިލު ކޮށްފިއެވެ.
މިދިޔަ ޖޫން މަހުގެ 21 ހުގައި އިންޓަނޭޝަނަލް ޔޯގާ ދުވަސް ފާހަގަ ކުރުމަށް ހައިކޮމިޝަންތަކުގެ ވެރިންނާއި، ސަރުކާރުގެ ވެރިންނާއި އާންމުން ގަލޮޅު ދަނޑޫގައި ހަރަކާތްތައް ބާއްވަމުން ދަނިކޮށް، ގަދަކަމުން އެތަނަށް ބަޔަކު ވަދެ، އެ ހަރަކާތުގައި ބައިވެރިވި މީހުންނާއި ކުރިމަތިލައި، މާރާމާރީ ހިންގާ، އެ ތަނުގައި ހުރި ތަކެއްޗަށް ގެއްލުންދީ އާންމުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭގޮތައް ހަމަނުޖެހުން ހިންގައި އެ ތަނުގައި ސަލާމަތީ ކަންކަން ބަލަހައްޓަން ތިބި ފުލުހުންނާއި ކުރިމަތިލައި، ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސް އަޅާފައިވާކަމަށް ތުހުމަތުކޮށް ކޯޓު އަމުރެއްގެ ދަށުން ޝަބިމް ހައްޔަރު ކުރީ އެމަހުގެ 25 ވަނަ ދުވަހުއެވެ.
އެއަށްފަހު ތޫނު އެއްޗެހި ގެންގުޅުން މަނާ ކުރުމުގެ ގާނޫނުގެ ދަށުން ޖޫން 26 އިން ފެށިގެން ޖުލައި ހައެއްގެ ނިޔަލަށް އޭނާ ބަންދު ކުރިއެވެ. އެއަށްފަހު އެ މުއްދަތު ހަމަވެގެން ޖުލައި ހަޔަކުން ފެށިގެން އޯގަސްޓް ފަހަކާ ހަމައަށް ބަންދުގެ މުއްދަތު އިތުރު ކުރިއެވެ. އެ މުއްދަތު ހަމަވާތީ، އެ މައްސަލައިގެ ތަހުގީގުގެ މަރުހަލާ އާއި ޝަރީއަތުގެ މަރުހަލާ ނިމެންދެން އޭނާ ބަންދުކޮށްދިނުމަށް އެދި ދައުލަތުން ކޯޓަށް ހުށަހެޅިއެވެ. ނަމަވެސް ކުރިމިނަލް ކޯޓުން އަމުރު ކުރީ ޝަރުތުކޮށް އޭނާ ދޫކޮށްލުމަށެވެ.
މި މައްސަލައަކީ ކުރިމިނަލް ކޯޓުން އޭނާ ދޫކޮށްލުމަށް ކުރި އަމުރާ މެދު ހިތްހަމަ ނުޖެހިގެން ޕްރޮސިކިއުޓާ ޖެނެރަލްގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކުރި މައްސަލައެކެވެ.
މި މައްސަލައިގައި ޕީޖީގެ ފަރާތުން އެދިފައި ވަނީ، އޭނާ ދޫކޮށްލުމަށް ކުރުމިނަލް ކޯޓުން ކުރި އަމުރު ބާތިލުކޮށް، ބިރު ދެއްކުމާއި ނުރއްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާ ކުރުމުގެ ގާނޫނުގެ ދަށުން، ޝަރީއަތް ނިކެންދެން ނުވަތަ ތަހުގީގުގެ މަރުހަލާ ނިމެންދެން ރިމާންޑް ޖަލެއްގައި ބަންދުކޮށްދިނުމަށެވެ.
މި މައްސަލަ ބެލުމަަށްފަހު ހައިކޯޓުން އިއްޔެ ކުރި ހުކުމުގައި ވަނީ ޝަބިމް ދޫކޮށްލުމަށް ކުރިމިނަލް ކޯޓުން ކުރި އަމުރު ބާތިލު ކުރުމަށް ކަނޑައަޅައި އޭނާގެ ބަންދާމެދު ގޮތެއް ކަނޑައެޅުމަށް ހުށަހަޅައިފިނަމަ، މި މައްސަލައިގައި ފާހަގަ ކޮށްފައިވާ ކަންކަމުގެ އަލީގައި އޭނާގެ ބަންދާމެދު އަލުން ގޮތެއް ކަނޑައެޅުމަށް ހުކުމް ކުރާ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު