ހުޅުމާލޭ ފެރީ ޓާމިނަލް ކައިރީ އޮންނަ ޕާކާއި މެރީބްރައުން އާ ދޭތެރޭ އޮންނަ ޕާކިން ޒޯނުގައި ސްމާޓް ޕާކިން ނިޒާމެއް ގާއިމުކޮށްދޭނެ ބަޔަކު ހޯދަން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ން ބީލަން ހުޅުވާލައިފި އެވެ.
އެޗްޑީސީން ބުނި ގޮތުގައި މި ޕާކިން ވާންވާނީ އެންމެ ޒަމާނީ ފެންވަރުގެ ސްމާޓް އާލަތްތައް ބޭނުންކޮށްގެން ޕާކިން ހިދުމަތް ބޭނުންކުރެވޭ ތަނަކަށެވެ. އެގޮތުން މިތަން ތަރައްގީކުރާ ފަރާތުން ކިޔުއާރު ކޯޑު ބޭނުންކޮށްގެން ޕާކު ކުރުމާއި އެޕުގެ ޒަރިއްޔާއިން ޕާކިން ބުކް ކުރެވޭނެ އިންތިޒާމްތައް ހަމަޖައްސައި ސީސީޓީވީ އާއި އޮޓޮމެޓިކް ނަމްބަރު ޕްލޭޓް ރެކޮގްނިޝަން ސިސްޓަމްތައް ހަރުކުރަން ޖެހެ އެވެ.
މިހާރު ވެސް ކާރުތަކާއި ސައިކަލްތައް ޕާކު ކުރަން ބޭނުންކުރާ މި ޕާކިން ތަރައްގީކުރަނީ އަގު ދައްކައިގެން ޕާކު ކުރެވޭ ގޮތަށެވެ. އެއްފަހަރާ 62 ކާރު ޕާކު ކުރެވޭ ގޮތަށް ތަރައްގީ ކުރާ މި ޕާކިންގައި ކާރުތައް ޕާކުކުރާ ސަރަހައްދު އޮންނަނީ ހިޔާކޮށްފަ އެވެ. އަދި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ހާއްސަ ތިން ޖާގަ ހިމަނެއެވެ. މިއީ ހުޅުމާލޭގައި ގާއިމްކުރާ ސްމާޓް ޕާކިންގެ ޕައިލެޓް ޕްރޮޖެކްޓެވެ.
އެޗްޑީސީން އިއްޔެ ކުރި އިއުލާނެއްގައި ވަނީ މި މަޝްރޫއަށް ޝައުގުވެރިވާ ފަރާތްތަކަށް އަންނަ މަހުގެ ހަތްވަނަ ދުވަހުގެ ކުރިން އެކަމަށް އެދި ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފަ އެވެ. އެޗްޑީސީން ބުނިގޮތުގައި ބީލަށް ހުށަހެޅޭނީ ދިވެހި ކުންފުނިތަކަށް އެކަންޏެވެ. އަދި ބީލަން ހުށަހަޅާ ކުންފުނިތަކުން ބިޑް ސެކިއުރިޓީ ގޮތުގައި 30،000ރ ހުށަހަޅަންޖެހެއެވެ. މި ބީލަމާ ބެހޭ އިތުރު މައުލޫމާތު އެޗްޑީސީގެ ވެބްސައިޓުން ލިބޭން ހުންނާނެ ކަމަށް އެކުންފުނިން ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު