ދިވެހި ނޫސްވެރިންގެ ޖަމިއްޔާ، މޯލްޑިވްސް ޖާނަލިސްޓްސް އެސޯސިއޭޝަން (އެމްޖޭއޭ)ގެ އާންމު ޖަލްސާ އަންނަ މަހުގެ ތިންވަނަ ދުވަހު ބޭއްވުމަށް ނިންމައިފިއެވެ.
އެމްޖޭއޭއިން މިއަދު ކުރި އިއުލާނެއްގައި ބުނީ، އެ ޖަމިއްޔާގެ ހިންގާ ކޮމިޓީގެ ދައުރު ހަމަވާތީ ކޮމިޓީއަށް މެމްބަރުން އިންތިހާބުކުރުމަށް ބާއްވާ މެމްބަރުންގެ އާންމު ޖަލްސާ "އެމްޖޭއޭ ކޮންގްރެސް 2022" އަންނަ މަހުގެ ތިންވަނަ ދުވަހު ބާއްވާގޮތަށް ނިންމާފައިވާ ކަމަށެވެ.
އެ ޖަލްސާ އޮންނާނީ އަންނަ މަހުގެ ތިންވަނަ ދުވަހުގެ ހަވީރު 4:00 އިން ފެށިގެން 6:00 އަށެވެ.
އެދުވަހު ބާއްވާ ޖަލްސާއަށް ކޯރަމް ހަމަނުވެގެން ކޮންގްރެސް ނުބޭއްވިއްޖެނަމަ، އެ އިންތިހާބު ބާއްވާނީ އަންނަ މަހުގެ ދިހަވަނަ ދުވަހުގެ ހަވީރު ކަމަށްވެސް އެމްޖޭއޭއިން ބުންޏެވެ.
އެމްޖޭއޭއިން ބުނީ، ކޮންގްރެސްގައި ބައިވެރިވުމުގެ ފުރުސަތު އޮންނާނީ އެ އެސޯސިއޭޝަންގެ މެމްބަރުންގެ ގޮތުގައި މިއަދާ ޖެހެންދެން ތިބި ފަރާތްތަކަށް ކަމަށެވެ. އަދި އެ ޖަމިއްޔާގެ މެމްބާޝިޕް ބަލައިގަތުމުގެ އުސޫލުގައިވާ ގޮތުގެ މަތިން މިއަދުން ފެށިގެން އިންތިހާބު ނިމެންދެން އާ މެމްބަރުން ގުޅުމުގެ ފުރުސަތު ބަންދުވާނެ ކަމަށެވެ.
އެމްޖޭއޭގެ ހިންގާ ކޮމިޓީގެ އިންތިހާބު މިފަހަރު ބާއްވާނީ މިދިޔަ މަހުގެ 30 ވަނަ ދުވަހު އިސްލާހުކުރި އެ ޖަމިއްޔާގެ ހިންގާ ގަވާއިދާ އެއްގޮތަށެވެ. އެ ޖަމިއްޔާގެ ހިންގާ ގަވާއިދަށް ގިނަ އިސްލާހުތަކެއް ގެނެސްފައިވާ އިރު، ހިންގާ ކޮމިޓީގައި މީގެ ކުރިން ތިން ފައުންޑަރުން ހިމެނުނު ނަމަވެސް މިހާރު ހިމެނޭނީ އިންތިހާބުކުރާ މެމްބަރުން އެކަންޏެވެ.
އެމްޖޭއޭގެ ހިންގާ ގަވާއިދަށް ގެނައި މުހިންމު އަނެއް އިސްލާހަކީ ހިންގާ ކޮމިޓީގެ ދައުރު އިތުރުކުރުމެވެ. ކުރީގެ ހިންގާ ކޮމިޓީއާ އެއްގޮތަށް މިހާރުގެ ހިންގާ ކޮމިޓީ ދެ އަހަރަށް އޮތް ނަމަވެސް، އަލަށް އިންތިހާބުކުރާ ކޮމިޓީގެ ދައުރަކީ އާ ހިންގާ ގަވާއިދާ އެއްގޮތަށް ތިން އަހަރެވެ.
އެމްޖޭއޭގެ ހިންގާ ކޮމިޓީގެ މަގާމުތަކަށް ވެސް ވަނީ ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން އަލަށް ކޮމިޓީއަށް އިންތިހާބުކުރާނީ ރައީސާއި ނައިބު ރައީސާއި ސެކްރެޓަރީ ޖެނެރަލާއި ބަޖެޓް ސެކްރެޓަރީ އާންމު ތިން މެމްބަރުންނެވެ. އާންމު ތިން މެމްބަރުންގެ ތެރެއިން ދެ މެމްބަރުންނަކީ އަންހެން މެމްބަރުންނެވެ.
ހިންގާ ގަވާއިދުގައިވާ ގޮތުން އާންމު ޖަލްސާ ބޭއްވުމަށް ދިހަ ދުވަސް ކުރިން އިއުލާންކުރަން ޖެހެއެވެ. އެ ޖަލްސާގެ ކޯރަމަކީ އާންމު މެމްބަރުންގެ ދެބައިކުޅަ އެއްބައެވެ. އެ ޖަލްސާގެ ކޯރަމް ހަމަނުވެއްޖެ ނަމަ، ދެވަނަ އަދި ތިންވަނަ ފަހަރަށް އިއުލާންކުރާ ޖަލްސާގެ ކޯރަމަކީ މެމްބަރުންގެ ހަތަރުބައިކުޅަ އެއްބައެވެ. އެ ޖަލްސާތަކުގައި ވެސް ކޯރަމް ހަމަނުވެއްޖެ ނަމަ، ހަތަރުވަނަ ފަހަރަށް ބާއްވާ ޖަލްސާގެ ކޯރަމަކީ އެ ޖަލްސާއަށް އެވަގުތު ހާޒިރުވެ ތިބި މެމްބަރުންނެވެ. އެމްޖޭއޭގެ އިއުލާނާއެކު މިއަދު އާންމުކޮށްފައިވާ މެމްބަރުންގެ ލިސްޓުގައި 151 މެމްބަރުން ހިމެނެއެވެ. އެ މެމްބަރުންނަށް ކުރިއަށްއޮތް އެ ޖަމިއްޔާގެ އާންމު ޖަލްސާގައި ބައިވެރިވެވޭނެއެވެ.
އެ ޖަމިއްޔާގެ މިހާރުގެ ހިންގާ ކޮމިޓީގައި ހިމެނެނީ ރައީސް އަލީ ރިފްޝާނާއި ނައިބު ރައީސް އަޒްމީ އަލީ އާއި ސެކްރެޓަރީ ޖެނެރަލް ނާއިފް އަހުމަދާއި ބަޖެޓް ސެކްރެޓަރީ ނާޒިމް ހަސަން އަދި އާންމު ދެ މެމްބަރުންގެ ގޮތުގައި މުހައްމަދު ޖުނައިދާއި ފާތިމަތު ސާޔާ އަހުމަދެވެ.
އެމްޖޭއޭއަކީ ނޫސްވެރިކަމަށާއި ނޫސްވެރިންނަށް ދިމާވާ ގޮންޖެހުންތަކަށް ހައްލު ހޯދައިދިނުމަށް އުފައްދާފައިވާ ނޫސްވެރިންގެ ޖަމިއްޔާއެކެވެ.