ފީފާ

ސަސްޕެންޝަން އުވާލައި ދިނުމަށް އިންޑިއާ އެފްއޭއިން ފީފާއަށް އެދިއްޖެ

އިންޑިއާގެ ފުޓުބޯޅަ އިދާރާ، އޯލް އިންޑިއާ ފުޓްބޯލް ފެޑަރޭޝަން (އޭއައިއެފްއެފް) އަށް ފީފާއިން ކޮށްފައިވާ ސަސްޕެންޝަން މުރާޖާކޮށް، އުވާލައި ދިނުމަށް އެދިއްޖެއެވެ.

އޭއައިއެފްއެފްއިން ސަސްޕެންޝަން އުވާލައި ދިނުމަށް އެދިފައިވާ ކަމަށް އިންޑިއާގެ އިތުބާރު ނޫސްތަކުން ވަނީ ބުނެފައެވެ. އެ ނޫސްތަކުން ބުނެފައި ވަނީ ސަސްޕެންޝަނުން މިންޖުވެވޭނެ ހާލަތެއް އޭއައިއެފްއެފްއަށް އޮތްތޯ ބެލުމަށާއި، އެ ގޮތް އޮތް ނަމަ ސަސްޕެންޝަން ވީ އެންމެ އަވަހަށް ނަގައިދޭން ފުޓުބޯޅަ އިދާރާގެ ޖެނެރަލް ސެކްރެޓަރީ ސުނަންޑޯ ދާރު، ފީފާގެ ޖެނެރަލް ސެކްރެޓަރީ ފަޓްމާ ސަމޯރާއަށް ލިޔެފައިވާ ކަމަށެވެ.

އެ ސިޓީގައި ބަޔާން ކޮށްފައި ވަނީ ފީފާއިން އެންގި އެންގުމަށް، ތިންވަނަ ފަރާތެއްގެ ނުފޫޒުން އިންޑިއާގެ އެފްއޭ ދުރަށް ޖެހިފައިވާ ކަމަށާއި، ސުޕްރީމް ކޯޓުން ނިންމި ނިންމުމަށް ރިއާޔަތްކޮށް، އިންޑިއާ އެފްއޭގެ ކަންކަމުގެ ފުރިހަމަ ކޮންޓްރޯލް އޭއައިއެފްއެފްއަށް އޮތް ކަމުގެ ޔަގީން އަރުވާ ކަމަށެވެ. އެފްއޭއަށް ތިންވަނަ ފަރާތެއްގެ ނުފޫޒު ނުވަންނާނެ ކަމުގެ ޔަގީންކަން ފީފާއަށް ދޭ ކަމަށް ދާރުގެ ސިޓީގައި ބުނެފައިވާ އިރު، އޭގައި ބުނެފައި ވަނީ ސަސްޕެންޝަން މުރާޖާ ކޮށްދިނުމަށެވެ.

ފީފާއިން އިންޑިއާގެ އެފްއޭ ސަސްޕެންޑް ކުރީ 15 އޯގަސްޓްގައެވެ. އެއީ ތިންވަނަ ފަރާތެއްގެ ނުފޫޒު އެފްއޭއަށް ވަންނަ ކަމަށް އަންގައިފައެވެ.

ފީފާއިން ނެރުނު ބަޔާނުގައި ބުނީ ފީފާ މެންބަރު ގައުމުތަކުން ސިޔާސީ އަދި ކޯޓުތަކުގެ ނުފޫޒުންވެސް ސަލާމަތްވެ ތިބެން ޖެހޭނެ ކަމަށާއި، އިންޑިއާ ފުޓުބޯޅައިގެ ފުރިހަމަ ކޮންޓްރޯލު އިންޑިއާގެ ފުޓުބޯޅަ ފެޑަރޭޝަނަށް ލިބެން ދެން ސަސްޕެންޝަން ދެމި އޮންނާނެ ކަމަށެވެ.

އިންޑިއާ ފުޓުބޯޅަ އިދާރާގެ ރައީސް ޕްރަޕުލް ޕަޓޭލްގެ ލީޑާޝިޕާއި ސަރުކާރާ ހިޔާލު ތަފާތުވެ، ސަރުކާރުން ސުޕްރީމް ކޯޓަށް ވެއްދި މައްސަލައިގައި މިއަހަރުގެ މެއި މަހު ކޯޓުން ނިންމީ، އިންޑިއާ ފުޓްބޯޅައިގެ ރައީސް ޕަޓޭލްގެ ލީޑާޝިޕް ނިމުމަކަށް ގެންނާށެވެ. އެ ނިންމުމުގައި އަންގާފައިވަނީ ކަންކަން ހައްލުކުރުމަށް ވަކި މުއްދަތެއް، ހާއްސަ ތިން މެމްބަރުންގެ ކޮމިޓީއަކަށް ދިނުމަށެވެ.

އިންޑިއާ ފުޓްބޯޅައިގެ ރައީސްގެ މަގާމު ތިން ދައުރުކުރެއްވި، ޕަޓޭލްއާ ދެކޮޅަށް އިންޑިއާގެ ކުޅިވަރާ ބެހޭ މިނިސްޓްރީން ކޯޓަށް މައްސަލަ ހުށަހެޅީ 2020 ވަނަ އަހަރު ޑިސެމްބަރު މަހަށް އޭނާގެ ދައުރު ހަމަވިއިރު ވެސް އިންތިހާބު ބާއްވާފައި ނުވާތީއެވެ.

އެކަމުގައި ފީފާއާ ބައްދަލުކުރުމުން ފީފާއިން އިންޑިއާއަށް ދީފައިވާ ފުރުސަތަކީ މިދިޔަ ޖުލައި މަހުގެ ނިޔަލަށް ގަވާއިދަށް ބަދަލުތަކެއް ގެނެސް، ސެޕްޓެމްބަރު މަހުގެ ނިޔަލަށް އާ އިންތިހާބެއް ބޭއްވުމަށެވެ. މިއަދާ ހަމައަށް އެ އެންގި ކަންކަން ފުރިހަމަކުރުމަށް އެފްއޭއިން މަސައްކަތް ކޮށްފައެއް ނުވެއެވެ. ފީފާއިން ފިޔަވަޅު އެޅީ ސަރުކާރުންވެސް އެފްއޭގެ ކަންކަމުން ދުރަށް ޖެހެން އެކަށޭނެ ޕްލޭނެއް ކޮށްފައި ނުވާތީއެވެ.