ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ފަނޑިޔާރުންގެ ސުލޫކީ މައްސަލަތައް ތަހުގީގުކުރުމަށްފަހު، މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ފޮނުވާ ފަނޑިޔާރުން، ވަކިކުރަން މަޖިލީހުން ފާސްކުރާ ހިސާބުން، އެ ބޭފުޅުންގެ ވަކީލުކަމުގެ ހުއްދަ ބާތިލުކުރަން ޖެހޭ ގޮތަށް ގާނޫނު އިސްލާހު ކުރަން މަޖިލީހަށް ހުށަހެޅި ބިލު މަޖިލީހަށް ބަލައިގެންފިއެވެ.
ސަރުކާރުގެ ފަރާތުން ގާނޫނީ ފަންނުގެ ގާނޫނަށް މި އިސްލާހު ގެންނަން ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު އިކްރާމް ހުސައިންއެވެ.
މި އިސްލާހު ގެންނަންޖެހޭ ސަބަބެއްގެ ގޮތުގައި ބިލުގައި ބުނެފައިވަނީ، ފަނޑިޔާރުންގެ ގާނޫނުގެ ދަށުން ފަނޑިޔާރުކަމުގެ މަގާމާ އެކަށީގެން ނުވާ އަމަލެއް ފަނޑިޔާރަކު ކޮށްގެން ފަނޑިޔާރު މަގާމުން ވަކިކުރުމަށް މަޖިލީހަށް ހުށަހެޅުމަށް ޖޭއެސްސީން ނިންމާ ހާލަތުގައި އެ ފަނޑިޔާރެއްގެ ގާނޫނީ ވަކީލުކަމުގެ ހުއްދާއާމެދު އަމަލުކުރެވޭނެ އުސޫލުތައް ގާނޫނުގައި ބަޔާންކުރުން ކަމަށެވެ.
އެ ބިލުގައި ބުނެފައިވަނީ ފަނޑިޔާރަކު ވަކިކުރަން ޖޭއެސްސީން މަޖިލީހަށް ފޮނުވައިގެން މަޖިލީހުން އެގޮތަށް ފާސްކޮށްފި ނަމަ، ފަނޑިޔާރުގެ އަމަލަކީ ވަކީލުކަމުގެ ސުލޫކާވެސް ހިލާފު ކަމެއްގެ ގޮތުގައި ކަނޑައެޅޭނެ ކަމަށެވެ. އެ ހިސާބުން އެ ފަނޑިޔާރެއްގެ ވަކީލުކަމުގެ ހުއްދަ ބާތިލުވާނެ ކަމަށްވެސް ބުނެފައިވެއެވެ.
އެގޮތަށް ވަކީލުކަމުގެ ހުއްދަ ބާތިލުވާ ފަރާތްތަކަށް ރާއްޖޭގައި ވަކީލުކަން ކުރުމަށް، ވަކީލުކަމުގެ ހުއްދަ އަލުން ހޯދޭނީ ފަސް އަހަރު ފަހުން ކަމަށްވެސް ބުނެފައިވެއެވެ.
ފަނޑިޔާރަކު ކޮށްގެން ނުވާނެ ކަމެއް ފަނޑިޔާރެއްގެ މައްޗަށް ސާބިތުވާ ކަމަށް ޖޭއެސްސީން ކަނޑައަޅައި މަޖިލީހަށް ފޮނުވުމަށްފަހު މަޖިލީހުން ގޮތެއް ނިންމުމުގެ ކުރިއަށް ފަނޑިޔާރުކަމުން އިސްތިއުފާ ދިނަސް އެ އުސޫލު އެ މީހެއްގެ މައްޗަށް ހިނގާނެ ކަމަށް ބިލުގައި ބުނެފައިވެއެވެ.
ފަނޑިޔާރުކަމުން ވަކިކުރަން ފޮނުވާ މައްސަލައިގައި ހިމެނޭ އަމަލަކީ ފަނޑިޔާރުންނާއި މުޅި ޝަރުއީ ދާއިރާގެ އިތުބާރު ގެއްލޭވަރުގެ އަމަލެއް ކަމުގައި ކަނޑައަޅާނީ ޖޭއެސްސީން އެކުލަވާލެވޭ ގަވާއިދަކުން ކަމަށްވެސް ބިލުގައި ބުނެއެވެ.
މި ބިލު ބަލައިގަތުމަށް މަޖިލީހުގައި މިއދު ނެގި ވޯޓުން ބިލު ބަލައި ގަތީ ވޯޓުގައި ބައިވެރިވެ ވަޑައިގެންނެވި 41 މެންބަރުންގެ އިއްތިފާގުންނެވެ. ބިލު ބަލައި ގަތުމަށްފަހު އިތުރަށް އިސްލާހުކުރަންވަނީ ޖުޑިޝަރީ ކޮމިޓީއަށް ފޮނުވައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު