ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން މިދިޔަ މަހުގެ މެއި މަހުގެ ހަ ވަނަ ދުވަހު ދިން ބޮމުގެ ހަމަލާގެ މައްސަލާގައި ދައުވާ އުފުލިފައިވާ މީހުންގެ މައްޗަށް ހިންގާ ޝަރީއަތް ބަލާ ގާޒީންގެ ބެންޗުގައި ހުސްވެފައިވާ މަގާމަށް ގާޒީ ހުސައިން ފާއިޒް ރަޝާދު ހަމަޖައްސަވައިފި އެވެ.

ކްރިމިނަލް ކޯޓުގައި ތިން ގާޒީންގެ ބެންޗަކުން ބައްލަވާ މި މައްސަލާގައި އެންމެ ފުރަތަމަ ރިޔާސަތު ބެލެހެއްޓެވި ގާޒީ އާދަމް މުހައްމަދު ވަނީ މައްސަލައިން ތަނާޒުލްވެވަޑައިގެންފައެވެ. އެއީ އެ މައްސަލާގައި ދައުވާ އުފުލާފައިވާ މއ. ކުދެހިގެ، އިސްހާގުގެ ދަރިއަކު އޭނާއަށް މީގެ ކުރިން އިންޒާރެއް ދީފައި އޮތުމުން މަސްލަހަތު ފުށުއަރާ ހާލަތެއް އޮތުމުންނެވެ. ދެން ބެންޗުގެ ރިޔާސަތަށް ހަމަޖެއްސެވީ ގާޒީ ދީބަނާޒް ފަހްމީއެވެ. ނަމަވެސް ހައި ކޯޓުގެ ފަނޑިޔާރު ކަމަށް ދީބަނާޒް އައްޔަން ކުރެއްވުމުން އަނެއްކާވެސް އެ ބެންޗުން ގާޒީއަކު މަދުވީ އެވެ.

ކްރިމިނަލް ކޯޓުގެ މީޑިއާ އޮފިޝަލް އަމާން މުހައްމަދު ނަޖީބް "ވަން" އަށް މިއަދު ވިދާޅުވީ، ބޮމުގެ މައްސަލައިގެ ބެންޗަށް އަލުން ހަމަޖައްސަވައިފައިވަނީ ގާޒީ ހުސައިން ފާއިޒް ރަޝާދު ކަމަށެވެ.

"ބެންޗުގައި މިހާރު ހިމެނޭނީ ގާޒީ މުހައްމަދު މިސްބާހު، ގާޒީ ސޮއްފަތު ހަބީބު، އަދި އަލަށް ހިމެނި ގާޒީ ހުސައިން ފާއިޒު ރަޝާދު. މައްސަލައިގެ ރިޔާސަތު ބަލަހައްޓަވާނީ ގާޒީ މިސްބާހު،" އަމާން ވިދާޅުވިއެވެ.

ރައީސް ނަޝީދަށް ދިން ބޮމުގެ ހަމަލާއާ ގުޅިގެން ދައުލަތުން ވަނީ ނުވަ މީހަކަށް ދައުވާކޮށްފައެވެ. އޭގެ ތެރެއިން މިހާތަނަށް ހުކުމްކޮށްފައިވަނީ ބޮން ގޮއްވުމުގައި އަމަލީގޮތުން ބައިވެރިވި އަދުހަމް އަހުމަދަށެވެ. ކުށަށް އިއުތިރާފުވުމުން އޭނާގެ މައްޗަށް ކުށް ސާބިތުވެ، މިދިޔަ ޑިސެމްބަރު މަހުގެ 14 ވަނަ ދުވަހު ކުރިމިނަލް ކޯޓުން ވަނީ 23 އަހަރުގެ ޖަލު ހުކުމެއް އިއްވައިފައެވެ.

  • ހއ. މޮޅަދޫ/ ބަހާރުގެ، އަބްދުﷲ އަލިމަނިކު
  • ހއ. ހޯރަފުށި/ އަލަނާސިގެ، މުހައްމަދު ތަސްލީމް
  • ގއ. ކޮނޑޭ/ ފޮޅޭމާ، ތަހުމީން އަހުމަދު
  • ނ. މަނަދޫ/ ނޫރީގޭ، އަލީ ހައިޝަމް
  • މއ. ފޭރުގޭ/ މުޖާޒް އަހުމަދު
  • މ. ކުދެހިގޭ/ އިސްހާގު
  • އއ. މާޅޮހު/ އަސަރީގޭ މުހައްމަދު ނާޒިމް
  • ގއ. ވިލިނގިލީ/ ހުދުރުވާގޭ ފަހުމީ އަލީ