ޓެކްސީ ތަކުގައި ޑޭޝް ކެެމެރާ ހަރުކޮށް ހިދުމަތްދޭ ހުރިހާ ވަގުތެއްގައި ކެމެރާއިން ރެކޯޑްކޮށް އެ ރެކޯޑިން، މަދުވެގެން ހަތް ދުވަހަށް ބަހައްޓަންޖެހޭ ގޮތަށް ލާޒިމުކޮށް ޓެކްސީ ގަވާއިދަށް ބޮޑު ބަދަލެއް ގެނެސްފިއެވެ.

އިއްޔެ ގެޒެޓްކުރި ގަވާއިދުގައި ޓެކްސީ ހިދުމަތް ދިނުމުގެ މިންގަނޑާއި އުސޫލުތަކުގެ ތެރޭގައި ޓެކްސީ ކުރާ ކޮންމެ ކާރެއްގައި ވެސް ދަތުރުތަކުގެ އަގު ލިސްޓާއި ޓެކްސީ ޑްރައިވަރުގެ ލައިސަންސް ޕަސިންޖަރަށް ފެންނަ ގޮތަށް ބަހައްޓަންޖެހެ އެވެ. އަދި އެކަށީގެންވާ މިންގަނޑަކަށް އުޅަނދު ސާފުތާހިރުކޮށް ބެހެއްޓުމާއި ޓެކްސީ ކާރުތައް އެއާކޮންޑިޝަން ކުރަންޖެހޭ ކަމަށް މި ގަވާއިދުގައި ވަނީ ބަޔާންކޮށްފައެވެ.

ނަމަވެސް ދިމާވާ މައްސަލައެއްގެ ސަބަބުން އެއާކޮންޑިޝަން މަސައްކަތް ނުކުރާ ނަމަ އެކަން ފަސިންޖަރުންނަށް ކުރިން އެންގުމާއި އެފަދަ ހާލަތެއްގައި، ވައި ދައުރުވާ ގޮތަށް ޓެކްސީގެ ދޮރުތައް ހުޅުވާފައި ބެހެއްޓުމަށް ގަވާއިދުގައިވެ އެވެ.

ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުން ދަތުރެއް ކުރަމުންދާއިރު، ކުރަމުންދާ ދަތުރުގައި ފަސިންޖަރަކު އިންދައި ނުވަތަ އެއް ފަސިންޖަރަށްވުރެ ގިނަ ފަސިންޖަރުން ތިއްބައި، އިތުރު ފަސިންޖަރެއް އަރުވައިގެން ދަތުރުކުރުމަކީ މަނާކަމެކެވެ. އޭގެ އިތުރުން ސައިކަލް ޓެކްސީ ޑްރައިވަރުން ހިދުމަތްދޭ ވަގުތުތަކުގައި ޓެކްސީ ސެންޓަރުގެ ލޯގޯ ޖަހާފައި ހުރި ހެދުމެއް ލާން ޖެހޭނެ ކަމަށް ވަނީ ބަޔާންކޮށްފައެވެ.

މި ގަވާއިދަށް ގެނައި އިސްލާހުގައި މިހާރު ވަނީ "ޕްރައިވެޓް ހަޔާ" ގެ ހިދުމަތް ދިނުމާ ބެހޭ ބައި އިތުރުކޮށްފަ އެވެ. މިއީ ޓެކްސީ ސެންޓަރެއް މެދުވެރިނުކޮށް މިނިސްޓްރީން އާންމުކުރާ މިންގަނޑުތަކަށް ފެތޭ ވެބްސައިޓެއް ނުވަތަ އެޕްލިކޭޝަނެއް މެދުވެރިކޮށް ދޭ ޓެކްސީގެ ހިދުމަތެވެ.

މި ގަވާއިދަށް އަމަލުކުރަން ފަށާނީ ގެޒެޓު ކުރާ ދުވަހުން ފެށިގެން ހަމަސް ދުވަސް ހަމަވާ ތާރީހުން ފެށިގެންނެވެ. މި ގަވާއިދާ ހިލާފަށް ޓެކްސީގެ ޚިދުމަތް ދިނުމަކީ ކުށެކެވެ. މިފަދަ ކުށެއް ކޮށްފި ނަމަ ޖޫރިމަނާކޮށް އެ ފަރާތެއްގެ ޓެކްސީގެ ހިދުމަތް ދިނުމުގެ ލައިސަންސް ބާތިލުކުރުމުގެ ބާރު ޓްރާންސްޕޯޓު މިނިސްޓްރީ އަށް ލިބިގެންވެ އެވެ.