އިނގިރޭސި ޒުވާން ޑިފެންޑަރު ވެސްލޭ ފޮފާނާ ހޯދުމަށް ޗެލްސީން ކުރި ތިންވަނަ ބިޑަކަށްވެސް ލެސްޓާ ސިޓީން ނޫނެކޭ ބުނެފިއެވެ.
ޓްރާންސްފާއަކަށް ޗެލްސީ އާއި ފޮފާނާ އެއްބަސްވެފައިވާ ނަމަވެސް، ލެސްޓާއިން ގަބޫލުކުރާނެ ބިޑަކަށް ޗެލްސީން އަންނަނީ މަސައްކަތް ކުރަމުންނެވެ. ހާއްސަކޮށް ލެސްޓާއިން ފޮފާނާއަށް ކިޔާ އަގު ބޮޑުވުން އެއީ އެ ޓްރާންސްފާ ހިނގުމުގައި އޮތް އެންމެ ބޮޑު ދައްޗެވެ. ބީބީސީން ރިޕޯޓު ކޮށްފަިއވާ ގޮތުގައި ލެސްޓާއިން އިއްޔެ ނޫނެކޭ ބުނި ބިޑަކީ، 60 މިލިއަން ޕައުންޑާއި 70 މިލިއަން ޕައުންޑުގެ ބިޑެކެވެ.
އިއްޔެ ޗެލްސީން ކުރި ބިޑަށް ލެސްޓާއިން ނޫނެކޭ ބުނީ ބައެއް ބޯނަސް ފައިސާތަކާ މެދު ހިތްހަމަ ނުޖެހިގެން ކަމަށްވެސް ނޫސްތައް ބުނެއެވެ.
ލެސްޓާއަށް ސީޒަނުގެ މިހާތަނަށް އައިއިރު މޮޅެއް ހޯދިފައި ނުވާ އިރު، ފޮފާނާގެ ބޭނުން މެޗުތަކުގައި ކުރަމުންވެސް ނުދެއެވެ. އެންމެފަހުން ލެސްޓާއިން ޕްރިމިއާ ލީގުގައި ސައުތުހެމްޓަންއާ ދެކޮޅަށް ކުޅުނު މެޗުގެ ސްކޮޑުގައިވެސް ފޮފާނާ ހިމަނާފައެއް ނުވެއެވެ. ކޯޗު ބްރެންޑަން ރޯޖާސް ބުނީ ފޮފާނާ ހުރީ މެޗަށް އެންމެ އެކަށޭނެ ވިސްނުމެއްގައި ނޫން ކަމަށެވެ. ފޮފާނާ ވަނީ ޓްރާންސްފާއަކަށް އެދި ލެސްޓާއަށް ހުށަހަޅައިފައެވެ. އޭނާ ދާން ބޭނުން ވަނީވެސް ޗެލްސީއަށެވެ.
ލެސްޓާއިން ކުރިއަށް އޮތް ހަފުތާ ތެރޭގައި ކުޅެން އޮތީ ޗެލްސީއާ ދެކޮޅަށް ކަމަށްވީ އިރު، އެ މެޗަށް ފޮފާނާ ލެސްޓާގެ ސްކޮޑުގައި ހިމަނާނެ ކަމުގެ ޔަގީންކަމެއްވެސް އަދި ނެތެވެ. ހަބަރުތައް ބުނެފައިވާ ގޮތުން ފޮފާނާ މިހާރު ތަމްރީނުތައް ކުރަމުންދަނީވެސް ލެސްޓާގެ ޒުވާން ސްކޮޑާ އެކުގައެވެ.
މިހާތަނަށް ޓްރާންސްފާ މާކެޓްގައި 170 މިލިއަން ޕައުންޑް ހަރަދުކޮށްފައިވާ ޗެލްސީން އަންނަނީ ފޮފާނާގެ އިތުރުން އެވަޓަންގެ ފޯވަޑް އެންތަނީ ގޯޑަންއާއި ބާސެލޯނާގެ ޕީއޭ އެމެރިކް އަބަމަޔާންވެސް ހޯދަން މަސައްކަތް ކުރަމުންނެވެ. އެގޮތުން އިއްޔެ ޗެލްސީން ވަނީ ގޯޑަން ހޯދަން 40 މިލިއަން ޕައުންޑްގެ ބިޑެއް ކޮށްފައެވެ. އެ ބިޑަށް އެވަޓަންއިން އެއްބަސްވެފައެއް ނުވެއެވެ.
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު