ފޯޅަވަހީގެ ސަރަހައްދުން ބައެއް ރާއްޖޭގެ މަސްކަނޑުގެ ތެރެއަށް ވަދެފައިވާ ކަމަށް ބުނާ މައްސަލައެއްގައި އެޓާނީ ޖެނެރަލް (އޭޖީ) ބައިނަލް އަގުވާމީ ކޯޓުގައި ވަކާލާތު ކުރައްވަމުން ގެންދަވާކަމުގެ މައުލޫމާތު ލިބިވަޑއިގެންފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މަޖިލިސް ރައީސް މިހެން ވިދާޅުވީ، މޮރިޝަސް އިން ޑިއާގޯ ގާސިއާގެ ސަރަހައްދީ ބާރުވެރިކަމާއި ގުޅޭގޮތުން އެ ގައުމުގެ ހައްގު ހޯދަން މަސައްކަތް ކުރަމުން އަންނައިރު ރާއްޖެއިން މަލިކުގެ ސަރަހައްދީ މިލްކުވެރިކަން ހޯދަން މަސައްކަތް ނުކުރަނީ ކީއްވެގެންތޯ ކާށިދޫ ދާއިރާގެ މަޖިލިސް މެންބަރު އަބްދުﷲ ޖާބިރު، ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމާ މިއަދު ކުރެއްވި ސުވާލަށް މިނިސްޓަރު ދެއްވި ޖަވާބާ ގުޅިގެން އެކަންތައް އިތުރަށް އޮޅުންފިލުއްވައި ދެއްވުމުގެ ގޮތުންނެނެވެ.

ދިވެހިރާއްޖެއާ 500 ކިލޯމީޓަރު ދެކުނުގައި އޮންނަ ހަތް އަތޮޅަކަށް ނިސްބަތްވާ 60 ރަށް ހިމެނޭ ފޯޅަވަހި ނުވަތަ "ޗާގޯސް އައިލެންޑްސް" އަކީ މޮރިޝަސްގެ ތަނެއްގެ ގޮތުގައި އެގައުމުގެ ސަރުކާރުން އެދިފައި އޮތް މައްސަލައިގައި، 2011 ވަނަ އަހަރު އެމަނިކުފާނުގެ ވެރިކަމުގައި މޮރިޝަސްއަށް ދަތުރު ކުރެއްވި ކަމަށް މަޖިލިސް ރައީސް ވިދާޅުވިއެވެ. ދިވެހި ސަރުކާރާއި މޮރިޝަސް ސަރުކާރާ ގުޅިގެން އެ މައްސަލަ ވަކި ގޮތަކަށް ނިންމަން އެއްބަސްވި ކަމަށްވެސް ވިދާޅުވިއެވެ.

"2011 ވަނަ އަހަރު އަޅުގަނޑު މޮރިޝަސް އަށް ދަތުރެއް ކުރިން، އަދި އެ އަހަރު ނިމުނީ ދިވެހި ސަރުކާރާއި މޮރިޝަސް ސަރުކާރާ ގުޅިގެން އެކަން ވަކި ގޮތަކަށް ނިންމަން، ދެން އެ ދަތުރާ ގުޅިގެން އަޅުގަނޑަށް އެބޭފުޅުން، އެބޭފުޅުންގެ ގައުމުގެ ލަގަބެއް އެރުވި، އެހެންވީމާ އަޅުގަނޑުގެ ނަމުގެ ފަހަތަށް އަކުރުތަކެއް ހުންނަނީ އެ ސަބަބުތަކަށް ޓަކައި،" މަޖިލިސް ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ، އެކަންތަކަށްފަހު، މޮރިޝަސް ސަރުކާރުން ދިވެހި ސަރުކާރާ މުއާމަލާތް ކުރެވޭތޯ ވަރަށްގިނަ ދުވަހު ބެލި ކަމަށާއި، އެއަށްފަހު، އެތަނުގެ ބައުންޑްރީ ކަނޑައެޅުމުގެ މައްސަލައިގައި މޮރިޝަސް ސަރުކާރުން ބައިނަލްއަގުވާމީ ކޯޓަށް ގޮސްފައިވާ ކަމަށެވެ.

"މޮރިޝަސް އިން ދެކޭ ގޮތުގައި ފޯޅަވަހީގެ އެންމެ އުތުރު އަތޮޅުގެ އެންމެ ތިލަ ތަނާއި، އެތަނުން ފެށިގެން 200 މޭލު މިން އެޅީމަ، ދިވެހި ރާއްޖޭގެ މަސްކަނޑުގެ ތެރެއަށް އެތަން ވަދޭ،"

އެހެންކަމުން ރާއްޖެއިން މި މައްސަލަ ފުންކޮށް ބަލަމުން ގެންދާން ޖެހޭ ކަމަށްވެސް މަޖިލިސް ރައީސް ވިދާޅުވިއެވެ. އަދި "އަޅުގަނޑަށް މައުލޫމާތު ލިބިފައި އޮތް ގޮތުގައި އެޓާނީ ޖެނެރަލް ގެންދަވަނީ ބައިނަލް އަގުވާމީ ޝަރީއަތުގައި މި މައްސަލައާ ގުޅޭގޮތުން ވަކާލާތު ކުރައްވަމުން، އެހެން ނަމަވެސް މިއީ ހައްސާސް މައްސަލައެއް،" ކަމަށް ވެސް މަޖިލިސް ރައީސް ވިދާޅުވިއެވެ.