އެމްއެމްޕީއާރުސީ ހިޔާނާތުގެ މުއާމަލާތްތަކެއް ހުރި ކަމަށްބުނާ ތިން އައިފޯނެއް ތަހުލީލުކުރި ސަޓަޑޭ ފޮރެންސިކްސްގެ މާހިރު، މާކް އެންޑްރޫއަށް އެ ފޯނުތައް ލިބުނުއިރު އެއީ ކޮން ބައެއްގެ އަދި ކޮން ކަހަލަ މުއާމަލާތްތަކެއް ހިމެނޭ ފޯނުތަކެއްކަން ނޭނގޭ ކަމަށް ޝަރީއަތުގައި އޭނާ މިއަދު ބުނެފިއެވެ.
ލަންޑަންގެ އެމްބަސީ މެދުވެރިކޮށް ބްރިޓިޝްގެ ރައްޔިތެއްކަމަށްވާ މާކް އެންޑްރޫގެ ހެކިބަސް ނަގައިފައިވަނީ، ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން މަގާމުގެ ނުފޫޒު ބޭނުންކުރައްވައިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީން ރިޝްވަތު ނެންގެވި ކަމަށް ތުހުމަތުކުރެވޭ މައްސަލަ އާއި މަނީ ލޯންޑާ ކުރެއްވި މައްސަލައިގައި ދައުލަތުގެ ހެއްކެއްގެ ގޮތުގައެވެ. އެ މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު ޔޫސުފް ނައީމްގެ މައްޗަށް ރިޝްވަތު ދިންކަމުގެ ދައުވާވެސް ކޮށްފައިވެއެވެ.
މިއަދުގެ ޝަރީއަތުގައި މާކް ހެކިބަސް ދީފައިވާ އިރު، އޭނާއަކީ މި މައްސަލައިގެ މޯބައިލް ފޮރެންސިކް ރިޕޯޓު ތައްޔާރުކުރި ފަރާތެކެވެ. އޭނާއަކީ ޑިޖިޓަލް ފޮރެންސިކް އެގްޒެމިނާއެއްގެ ގޮތުގައި 19 އަހަރު ތަޖުރިބާ ލިބިފައިވާ ފަރާތެކެވެ.
މިއަދުގެ އަޑުއެހުމުގައި ޔާމީންގެ ދިފާއީ ވަކީލުން ކުރި ސުވާލުތަކަށް ޖަވާބު ދެމުން މާކް ބުނީ އެ ތިން ފޯނު ތަހުލީލުކުރަން އޭނާއަށް ހަވާލުކުރި އިރު، އޭގެ ވެރިފަރާތް އޭނާއަށް ނޭނގޭ ކަމަށާއި އެނގެނީ އެއީ އިނގިރޭސިވިލާތުން ބޭރުން ގެނައި ފޯނުތަކެއްކަން އެކަނި ކަމަށެވެ. އަދި ހިޔާނާތުގެ މައްސަލައެއްގެ މުއާމަލާތްތައް ހިމެނޭ ފޯނުތަކެއްކަންވެސް ފުރަތަމަ ނޭނގޭ ކަމަށް ބުންޏެވެ.
ތިން ފޯނެއް މާކް ތަހުލީލުކޮށްފައިވާ އިރު، އޭގެ ތެރެއިން އެއް ފޯނު އޮތީ "ފޯލްޓީ" ހާލަތެއްގައި ކަމަށް އޭނާ މިއަދު ބުންޏެވެ. އަނެއް ދެ ފޯނުގެ ސިމް ކާޑާއި މެމޯރީ ކާޑްގެ އިތުރަށް ފޯނުގެ އިންޓާނަލް ސްޓޯރޭޖް ރިކަވާކޮށް ހޯދިފައިވާ މައުލޫމާތުތަކަކީ ސައްހަ މައުލޫމާތުތަކެއް ކަމަށް އޭނާ ބުނެފައިވާ އިރު، އެ ފޯނުތައް އެގްޒެމިންކުރުމަށް އޭނާއަށް ލިބިފައިވަނީ 2 ޑިސެމްބަރު 2015ގައެވެ.
މާކް ބުނީ އެ ފޯނުން އެކްސްޓްރެކްޓްކުރެވުނު ޑޭޓާއަކީ "މެނިޕިއުލޭޓެޑް" ޑޭޓާ ކަމަށް ބެލެވޭނެ ކަމެއް ފާހަގަވެފައި ނެތް ކަމަށެވެ. ނަމަވެސް ފޯނުން ޑިލީޓްކޮށްފައިވާ މެސެޖުތަކެއް މި މައްސަލައިގައިވެސް ރިކަވާކޮށްފައިވާނެ ކަމަށް ބުންޏެވެ.
މި ތިން އައިފޯނުގެ ވެރިފަރާތުގެ މައުލޫމާތެއް ދައުލަތުން ޝަރީއަތުގައި ހާމައެއް ނުކުރެއެވެ.
މި މައްސަލާގައި ދެން އޮންނާނީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ ހެކިބަސް ނެގުމެވެ. އެ އަޑުއެހުން އޮންނާނީ މި މަހުގެ 30 ވަނަ ދުވަހު ހެނދުނު 9:30 ގައެވެ.
ޚަބަރު
ޚަބަރު
ޚަބަރު