ޚަބަރު

މަޑުއްވަރީ ބަނދަރު ހެދުމާއި އުނގޫފާރާއި މުލަކު ގޮނޑުދޮށް ހިމާޔަތްކުރަން އެމްޓީސީސީއަށް

މުހައްމަދު އިޝާން

ރ. މަޑުއްވަރީ ބަނދަރު ހެދުމުގެ މަސައްކަތާއި ރ. އުނގޫފާރު އަދި މ. މުލަކު ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާ ހަވާލުކޮށްފިއެވެ.

ޕްލޭނިން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ ތިން މަޝްރޫއުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރުމުގެ އެއްބަސްވުމުގައި ޕްލޭނިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޕާމަނަންޓް ސެކްރެޓަރީ ޒީނިއާ އަހުމަދެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ސީއީއޯ އާދަމް އާޒިމްއެވެ.

މަޑުއްވަރީ ބަނދަރު ހެދުމުގެ މަސައްކަތް ޕްލޭނިން މިނިސްޓްރީން، އެމްޓީސީސީއާ ހަވާލުކުރީ 51 މިލިއަން ރުފިޔާއަށް 480 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.

އެ މަޝްރޫއުގެ ދަށުން 38،800 ކިއުބިކް މީޓަރަށް ބަނދަރު ފުންކޮށް، 54،093 ކިއުބިކް މީޓަރަށް ބަނދަރަށް ވަންނަ ނެރު ފުން ކުރާނެއެވެ. އަދި 92،893 މީޓަރު ބޮޑު ހިލައިގެ ބޭރުތޮށި ޖެހުމާއި 122 މީޓަރު ރިވެޓްމަންޓް ޖެހުމުގެ މަސައްކަތް ވެސް ހިމެނެއެވެ.

އުނގޫފާރު ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ ދަށުން 120 މީޓަރުގެ ބޮޑުހިލައިގެ ބްރޭކްވޯޓާ އާއި 110 މީޓަރުގެ ބޮޑުހިލައިގެ ގްރޮއިން ގާއިމްކޮށް، ގިރާ ސަރަހައްދުގެ ގޮނޑުދޮށަށް ވެލިން އަޅާނެއެވެ. އެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރީ 180 ދުވަހުގެ ތެރޭގައި ނިންމާގޮތަށް 11.1 މިލިއަން ރުފިޔާ އަށެވެ.

މުލަކު ގޮނޑުދޮށް ހިމާޔަތްކުރުމުގެ ދެވަނަ ފިޔަވަހީގެ މަޝްރޫއުގެ ދަށުން 343.03 މީޓަރުގެ ބޮޑުހިލައިގެ ރިވެޓްމަންޓް ޖެހުމާއި 539.9 މީޓަރުގެ ބޮޑުހިލައިގެ ބްރޭކްވޯޓާ ޖަހައި ގިރާ ސަރަހައްދުގެ ގޮނޑުދޮށަށް ވެލިން އެޅުމުގެ މަސައްކަތް އެމްޓީސީސީން ކުރާނެއެވެ.

މުލަކު ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރީ 38.9 ރުފިޔާއަށް 450 ދުވަހުން ނިންމާ ގޮތަށެވެ.