އެންވަޔަރަމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަދި ޖުމްހޫރީ ޕާޓީގެ ތަރުޖަމާނު އަލީ ސޯލިހަށް ކުރަފައްޗަކުން ހަމަލާ ދިން މީހާ 15 ދުވަހަށް ބަންދުކުރުމަށް ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުން އަމުރުކޮށްފިއެވެ.
އަލީ ސޯލިހަށް ކުރަފައްޗަކުން ހަމަލާދީފައިވަނީ އިއްޔެގެ ވަގުތެއްގައި ހުޅުމާލެއިންނެވެ. އަލީ ސޯލިހު ދުއްވަން އިން ސައިކަލުގެ ކުރި މައްޗަށް މީހަކު ހުއްޓި އޭނާގެ ގައިގައި ކުރަފަތި އަޅަން މަސައްކަތްކުރާ ވީޑިއޯ އިއްޔެ ވަނީ ޝޯޝަލް މީޑިއާގައި ދައުރުވެފައެވެ. ނަމަވެސް އަލީ ސޯލިހު، އޭނާގެ އަތުގައި ހިފަހައްޓައި "އޭ އޭ" ގޮވާފައި އަތް ހުރާލާ މަންޒަރު ފެނެއެވެ. އަތް ހޫރާލުމަށްފަހު ސައިކަލު ދުއްވާލަން އަލީ ސޯލިހު މަސައްކަތްކުރާތަނުން އެމީހާ ސައިކަލުގެ އަރިމައްޗަށް ގޮސް އަލީ ސޯލިހުގެ ކަރަށް ހަމަލާދިނުމަށް މަސައްކަތްކުރެއެވެ. ހަތަރު ވަރަކަށް ފަހަރު އެމީހާ ވަނީ އަލީ ސޯލިހުގެ ކަރަށް ހަމަލާ ދިނުމަށް މަސައްކަތްކޮށްފައެވެ.
އެއަށްފަހު ފެންނަނީ އަލީ ސޯލިހު ސައިކަލުން ފައިބައި ހަމަލާއިން ސަލަމާތްވާން ދުއްވައިގަންނަ މަންޒަރެވެ. އޭރު އަލީ ސޯލިހުގެ އަތް ވަނީ ކޮންމެވެސް ވަރަކަށް ޒަހަމްވެފައެވެ.
އެ މައްސަލައާ ގުޅިގެން ފުލުހުން ހައްޔަރުކޮށްފައިވަނީ 43 އަހަރުގެ ފިރިހެނެކެވެ. ފުލުހުން މިއަދު ބުނީ އެމައްސަލާގައި ހައްޔަރުކުރި މީހާގެ ބަންދަށް 15 ދުވަސް ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުން ދީފައިވާ ކަމަށެވެ.
އަލީ ސޯލިހަށް ހަމަލާދިން ކަމަށް ތުހުމަތު ކުރާ މީހާއަކީ މީގެ ކުރިން ސަލްމާން މިސްކިތުގެ މިންބަރަށް އަރައި އަޑުގަދަކޮށް މިސްކިތުގެ ހުރުމަތް ކެނޑޭގޮތަށް އަމަލުކުރި މައްސަލައިގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ މީހެކެވެ. އެފަހަރު ފުލުހުން އޭނާ ދޫކޮށްލުމަށްފަހު ބުނެފައިވަނީ، އެއީ ނަފުސާނީ މައްސަލަ ހުންނަ މީހެއް ކަމަށެވެ.
އެމީހާ ވަނީ މީގެ ދެ ރޭ ކުރިން ފުލުހުންނާ މަގުމަތިން ދިމާކޮށް މަރާލާނެ ކަމުގެ އިންޒާރުވެސް ދީފައެވެ. އަލީ ސޯލިހަށް ހަމަލާދިން މައްސަލައިގައި ފުލުހުން އެމީހާ ހައްޔަރުކުރާ ވީޑިއޯވެސް ވަނީ ސޯޝަލް މީޑިއާގައި އާންމުވެފައެވެ. އެ ވީޑިއޯއިން ފެންނަ ގޮތުގައި ތިން ފުލުހަކު ވެގެން އޭނާ ހައްޔަރުކުރަން މަސައްކަތްކުރާ އިރު، ބިންމައްޗަށް ވެއްޓިގެން ފުލުހުންގެ ބެލުމުގެ ދަށަށް ނުދާން ގަދަހަދައެވެ.
ޚަބަރު
ޚަބަރު
ޚަބަރު