ރައްޔިތުން މަޖިލީހުގެ މެމްބަރުންގެ އަދަދު އިތުރުވުން ހުއްޓުވަން ގާނޫނުއަސާސީއަށް ޖުމްހޫރީ ޕާޓީގެ ފަރާތުން އެޕާޓީގެ ލީޑަރު އަދި މާމިގިިލީ ދާއިރާގެ މަޖިލިސް މެންބަރު ހުށަހެޅުއްވި އިސްލާހަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ތާއީދު ކުރައްވައިފިއެވެ.

ގާސިމް ވިދާޅުވީ، ދިވެހިރާއްޖޭގެ ގާނޫނުއަސާސީގެ 71 ވަނަ މާއްދާގައި ބަޔާން ކޮށްފައިވާ މަޖިލީހުގެ މެންބަރުން ކަނޑައެޅުމުގެ އުސޫލަށް އަމަލުކުރުމުގައި 2008 އޮގަސްޓް ހަތް ވަނަ ދުވަހުން ފެށިގެން މިހާތަނަށް ބޭއްވުނު މަޖިލިސް އިންތިހާބުތަކުގައި މެންބަރުން އިތުރުވަމުން އަންނަ ނިސްބަތަށް ބަލާއިރު މަޖިލީހަށް ކޮންމެ ފަސް އަހަރަކުން މެންބަރުން އިތުރުވަމުން އަންނަ ކަމަށެވެ.

ދެހާސް ނުވަ ވަނަ އަހަރު ބޭއްވުނު މަޖިލީހުގެ އިންތިހާބުގައި 77 މެންބަރުން އިންތިހާބު ކުރެވިފައިވާއިރު 2014 ވަނަ އަހަރުގެ އިންތިހާބުގައި 85 މެންބަރުން އަދި މިހާރު ކުރިއަށްދާ 19 ވަނަ މަޖިލީހަށް 87 މެންބަރުން އިންތިހާބުކޮށްފައިވާކަމަށް ގާސިމް ވިދާޅުވިއެވެ.

ގާސިމް ވިދާޅުވީ، ކުރިއަށް އޮތް ތަނުގައި ވެސް މެންބަރުންގެ އަދަދު އިތުރުވަމުންދާނެތީ މަޖިލީހަށް ބޭނުންވާ އަދަދަށްވުރެ މާގިނަ މެންބަރުން އިންތިހާބު ކުރުމަކީ އިގްތިސޯދީ ގޮތުންނާއި އަދި އޭނުންވެސް ގޮތްގޮތުން ގޮންޖެހުން ދިމާވާނެކަމެއްކަމަށެވެ. އެހެންކަމުން މަޖިލީހުގެ މެންބަރުންގެ އަދަދު ގާނޫނުއަސާސީން ނިންމާފައިވާ ބޭއްވުމަކީ މުހިންމުކަމެއް ކަމަށް ގާސިމް ވިދާޅުވިއެވެ.

"މިގޮތުން 19 ވަނަ މަޖިލީހަށް އިންތިހާބު ކުރެވުނު އަދަދު ކަމުގައިވާ 87 މެމްބަރުންގެ އަދަދަކީ އެންމެ އެކަށޭނެ އަދަދެއްކަމަށް އަޅުގަނޑަށް ފެންނާތީ ދިވެހިރާއްޖޭގެ ގާނޫނު ހަދާ މަޖިލީހަށް އިންތިހާބު ކުރަންޖެހޭ މެންބަރުންގެ އަދަދަކީ 87 ކަމުގައި ގާނޫނުއަސާސީގައި ލިޔެފައި ބޭއްވުމަށްޓަކައި މި އިސްލާހު ހުށަހެޅީމެވެ" ގާސިމް ވިދާޅުވިއެވެ.

ގާސިމްގެ އިސްލާހާ ގުޅިގެން ރައީސް ނަޝީދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ގާސިމް ހުށަހެޅުއްވި އިސްލާހަކީ މުހިއްމު އިސްލާހެއް ކަމަށެވެ. އަދި މަޖިލިސް އެކުލެވިގެންވާ ގޮތާއި، މަޖިލީހުގެ ދައުރާބެހޭ ގޮތުންވެސް ވިސްނުން ވަރަށް ބޭނުންތެރި ކަމަށްވެސް ވިދާޅުވިއެވެ.